ސޮނާކްޝީގެ 'ޕާސަނަލިޓީ ރައިޓްސް' ހިމާޔަތް ކުރުމަށް ކޯޓު އަމުރެއް ނެރެފި

ބޮލީވުޑްގެ ބަތަލާ ސޮނާކްޝީ ސިންގްހާ--ފޮޓޯ/ބޮލީވުޑްހަންގާމާ

ދިއްލީ ހައިކޯޓުން ވަނީ ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސޮނާކްޝީ ސިންހާގެ ޕާސަނަލިޓީ ރައިޓްސް ނުވަތަ އަމިއްލަ ހައްގުތައް ހިމާޔަތްކުރުމަށް ކޯޓު އަމުރެއް ނެރެފައެވެ. މި އަމުރު ނެރެފައިވަނީ އޭއައި ޓެކްނޮލޮޖީ އާއި ޗެޓްބޮޓްތައް ބޭނުންކޮށްގެން ސޮނާކްޝީގެ ފޮޓޯ، ވީޑިއޯ އަދި އަޑު ހުއްދަނެތި ނަހަމަގޮތުގައި ބޭނުންކުރަމުންދާތީ އެކަމާ ދެކޮޅަށް އޭނާ ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. ކޯޓުން ވަނީ މިފަދަ މައްސަލަތަކުގެ ތަފްސީލުތައް ހުށަހެޅުމަށް ވެސް އަންގާފައެވެ.

  • ދިއްލީ ހައިކޯޓުން ސޮނާކްޝީ ސިންހާގެ ޕާސަނަލިޓީ ރައިޓްސް ހިމާޔަތްކުރަން އަމުރުކޮށްފި.
  • އޭއައި ޓެކްނޮލޮޖީ މެދުވެރިކޮށް އޭނާގެ ފޮޓޯ، ވީޑިއޯ އަދި އަޑު ނަހަމަގޮތުގައި ބޭނުންކުރަމުންދާކަމުގެ ޝަކުވާތައް ހުށަހެޅުން.
  • މައްސަލަ ހައްލުކުރުމަށް އޭއައި ޗެޓްބޮޓްތަކުން ގެއްލުންދޭ ގޮތުގެ ތަފްސީލު ކޯޓަށް ހުށަހެޅުމަށް އަންގާފައި.
  • ބޮލީވުޑްގެ އިތުރު ފަންނާނުން ވެސް މިފަދަ ގާނޫނީ ރައްކާތެރިކަން ހޯދަމުންދާކަން ފާހަގަކުރެވޭ.

ބޮލީވުޑްގެ ބަތަލާ ސޮނާކްޝީ ސިންގްހާގެ "ޕާސަނަލިޓީ ރައިޓްސް" ހިމާޔަތްކުރުމަށް އިންޑިއާގެ ދިއްލީ ހައިކޯޓުން ކޯޓު އަމުރެއް ނެރެފިއެވެ.

ދިއްލީ ހައިކޯޓުން ކޯޓު އަމުރެއްގެ ދަށުން ބަތަލާގެ "ޕާސަނަލިޓީ ރައިޓްސް" ހިމާޔަތްކޮށްދީފައި ވަނީ އާޓިފިޝަލް އިންޓެލިޖެންސް (AI) މެދުވެރިކޮށް ސޮނާކްޝީގެ ފޮޓޯތަކާއި ވީޑިއޯތައް ނަހަމަގޮތުގައި ބޭނުންކުރާ ކަމުގެ ކަންބޮޑުވުންތަކާ އެކު ކޯޓަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެންނެވެ.

މި މައްސަލައިގައި ކޯޓުން ވަނީ އޭއައި ޗެޓްބޮޓްތަކުން ސޮނާކްޝީގެ ވަނަވަރު ނަހަމަގޮތުގައި ބޭނުންކުރާކަމަށް ބުނާ މައްސަލަތަކުގެ ތަފްސީލު ކޯޓަށް ހުށަހެޅުމަށް ވެސް އެދިފައެވެ.

ސޮނާކްޝީގެ ވަކީލުން ފާހަގަކުރެއްވި ގޮތުގައި ބައެއް އޭއައި ޗެޓްބޮޓްތަކުން އަންނަނީ ބަތަލާގެ ފޮޓޯތަކާއި ވީޑީއޯ އަދި އަޑު ހިމެނޭ އޯޑިއޯތައް ހުއްދަނެތި ބޭނުންކުރަމުންނެވެ.

ސޮނާކްޝީ ސިންހާ ފިރިމީހާ/އެކްޓަރު ޒަހީރުއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ

ފިލްމު އިންޑަސްޓްރީގެ އިތުރުން އިންޑިއާގައި ފާހަގަކޮށްލެވޭ މަޝްހޫރު ވަރަށް ގިނަ ބަޔަކު އަންނަނީ "ޕާސަނަލިޓީ ރައިޓްސް" ހިމާޔަތްކޮށްދިނުމަށް އެދި އިންޑިއާގެ ކޯޓުތަކުން ރައްކާތެރިކަން ހޯދަމުންނެވެ. އެގޮތުން ފާހަގަކޮށްލެވޭ ބައެއް ފިލްމީ ތަރިންގެތެރޭ އަމީތާބް ބައްޗަން، އައިޝްވާރްޔާ ރާއި، ޖަޔާ ބައްޗަން، އަބިޝޭކް ބައްޗަން، ސުނިލް ޝެޓީ، ކަރަން ޖޯހަރު އަދި ކުރީގެ ކްރިކެޓް ކުޅުންތެރިޔާ ސުނިލް ގަވަސްކަރު ހިމެނެއެވެ.

ސަލްމާން ޚާނާއެކު "ދަބަންގް" އިން ބޮލީވުޑަށް ތައާރަފުވި ސޮނާކްޝީ ސިންހާ އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ނިކިތާ ރޯއި"އިންނެވެ.

ސޮނާކްޝީގެ ކުރިއަށްހުރި ފިލްމީ މަސައްކަތްތަކުގެތެރޭ މިއަހަރުތެރޭ އެމެޒޯން ޕްރައިމްއިން ގެނެސްދޭން ނިންމާފައިވާ ވެބް ސީރީސް "ދާހަދު 2" ހިމެނެއެވެ. މި ސީރީސްގެ ފުރަތަމަ ސީޒަން އެމެޒޯން ޕްރައިމްއިން ގެނެސްދިނީ 2023ގައެވެ.

comment ކޮމެންޓް