ވައިގެ ދިފާއީ ނިޒާމުތައް ބަލިކަށިވުމާއެކު އިސްރާއީލު ބޮޑު ކާރިސާއަކާ ދިމާއަށް!

އީރާނުގެ ހަމަލާއެެއް އަމާޒުވެފައިވާ އިސްރާއީލުގެ ދައިމޫނާގެ ސަރަހައްދެއް

އިސްރާއީލުގެ ވައިގެ ދިފާއީ ނިޒާމުތަކުގައި ބޭނުންކުރާ އިންޓަސެޕްޓާ ބެޓްރީތައް ހުސްވަމުން ދިޔުމަކީ އެ ގައުމަށް ކުރިމަތިވެފައިވާ ބޮޑު ގާރިސާއެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. އީރާނުން ދެމުންދާ ވަރުގަދަ މިސައިލް ހަމަލާތަކުގެ ސަބަބުން ދިފާއީ ބެޓްރީތައް އިންތިހާއަށް ބޭނުންކުރަން ޖެހިފައިވާއިރު، މި ތަކެތި އުފެއްދުމުގެ ލަސްކަމުން ހަނގުރާމަ ދިގުލައިގެން ދާނަމަ 85 އިންސައްތަ ރިޒާވް ދަށަށް ދާނެކަމުގެ ބިރު އެބައޮތެވެ. އެމެރިކާގެ އެހީތެރިކަމަށް އިސްރާއީލުން އާދޭސް ކުރަމުންދާއިރު، އެމެރިކާގެ ސްޓޮކްތައްވެސް ވަނީ ޔުކްރެއިން ހަނގުރާމައާ ގުޅިގެން މަދުވެފައެވެ.

  • ދެ ހަފުތާއަށް ހަނގުރާމަ ދިގުލައިގެން ގޮސްފިނަމަ އިސްރާއީލުގެ ދިފާއީ ބެޓްރީތައް 85 އިންސައްތައަށް މަދުވުމުގެ ނުރައްކާ.
  • އީރާނުން ބޭނުންކުރާ ކްލަސްޓާ މިސައިލްތަކުގެ ސަބަބުން މިހާރު ހުރި ދިފާއީ ނިޒާމުތައް ފެއިލްވުން.
  • އެމެރިކާގެ ދިފާއީ ސްޓޮކްތައް ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ދަށްވެފައިވުން.
  • ދައިމޫނާ ސަރަހައްދަށް ދިން ހަމަލާތަކުގައި 150 އިމާރާތެއް ހަލާކުވެ ބޮޑެތި ގެއްލުންތަކެއް ލިބުން.

ވޮޝިންޓަން (23 މާޗް 2026): ވައިގެ ހަމަލާތައް ދިފާއު ކުރުމަށް އިސްރާއީލުގައި ބޭނުންކުރާ ނިޒާމުތަކުގެ އިންޓަސެޕްޓާ ބެޓްރީތައް (މިސައިލްތައް މަތަކުރާ އައްޑަނަ މިސައިލްތައް) މަދުވަމުންދާ މައްސަލައަކީ އީރާނުގެ ބާރުގަދަ މިސައިލްތަކުގެ ކުރިމަތީގައި އިސްރާއީލަށް ދިމާވަމުންދާ ބޮޑު ކާރިސާއެއް ކަމަށް ނިއުޔޯކް ޓައިމްސްއިން ބުނެފިއެވެ.

އެ ނޫހުގައިވާ އަސްކަރީ ރިޕޯޓެއް ބުނާގޮތުން އަދި ދެ ހަފުތާއަށް ހަނގުރާމަ ދިގުލައިގެން ހިނގައްޖެނަމަ އިސްރާއީލުގައިވާ އިންޓަސެޕްޓާ ބެޓްރީތައް ގާތްގަނޑަކަށް 85 އިންސައްތައަށް ދަށަށްދާނެއެވެ. މިހާރުވެސް މި ބާވަތުގެ ބެޓްރީތައް ބޭނުންކުރަނީ ވަރަށް އިގްތިސާދުކޮށްގެންނެވެ.

މި ރިޕޯޓް ބުނާގޮތުން އިންޓަސެޕްޓާ ބެޓްރީތައް އުފެއްދުމަކީ ވަރަށް ދިގުމުއްދަތެއް ބޭނުންވާ ކަމެކެވެ. މިތަކެތި ހުސްވަމުންދަނީ އުފެއްދޭވަރަށް ވުރެގިނައިން އެތަކެތި ބޭނުންކުރާތީއެވެ.

ކުރިޔަށްވުރެގިނައިން އީރާނުގެ މިސައިލްތައް މިހާރު އިސްރާއީލަށް އަރަމުންދެއެވެ. މީގެ އެއްސަބަބަކީ އީރާނުން ކްލަސްޓާ މިސައިލް ބޭނުންކުރުމެވެ. ކްލަސްޓާ މިސައިލަކީ އިންޓަސެޕްޓާ ބެޓްރީ ބޭނުންކޮށްގެން އޭގެ މައިގަނޑު މަތަކުރިޔަސް އޭގައި ގިނަ އަދަދެއްގެ ވޯހެޑްތައް ހިމެނޭތީ އޭގެ ވޯހެޑްތައް މަތަކުރެވޭ އެއްޗެއް ނޫނެވެ.

އީރާނުގެ މިސައިލް ގިނައިން އިސްރާއީލަށް އަރާ ދެވަނަ ސަބަބަކީ އިސްރާއީލުގެ މިސައިލް އައްޑަނައިގެ ނިޒާމުތަކުގައި ބޭނުންކުރާ އިންޓަސެޕްޓާ ބެޓްރީތައް މަދުވުމުން އެތަކެތި އިގްތިސާދު ކުރަންޖެހުމެވެ.

އިސްރާއީލުން މިކަން ދޮގުކުރިނަމަވެސް އެމެރިކާގެ މަސްއޫލުވެރިއަކާ ހަވާލާދީ އެމެރިކާގެ އިންޓެލިޖެންޓް ގްލޯބަލް ނިއުސް ޕްލެޓްފޯމް އެއްކަމަށްވާ "ސެމެފޯރ" ބުނާގޮތުން އިންޓަސެޕްޓާ ބެޓްރީތައް ހޯދުމަށް އިސްރާއީލު ގެންދަނީ އެމެރިކާގެ ކިބައިން "އާދޭސް" ކުރަމުންނެވެ. އެއީ އެބެޓްރީތައް ނުލިބިއްޖެނަމަ އިސްރާއީލުގެ ދިފާއީ ނިޒާމުތައް ޕެރަލައިޒްވެ އިރާނުން ގަދަ ފަދަ ހަމަލާތަކުން އިސްރާއީލުގެ ބޮޑުބައެއް ފަނާކޮށްލާ ހިސާބަށް ކަންތައް ހިނގައި ދާނެކަމުގެ ބިރު އޮތުމުންނެވެ.

ހަތަރު އަހަރުވަންދެން ޔުކްރެއިން އަށް ދިނުމުގެ ސަބަބުން އިންޓަސެޕްޓާ ބެޓްރީތަކުގެ ސްޓޮކް އެމެރިކާގައިވެސް ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. ގަލްފުގައިވާ އެމެރިކާގެ އަސްކަރީ ބޭސްތައްވެސް ދިފާއު ނުކުރެވުނީ އެގައުމުތަކުގައި އެމެރިކާ ރުކުރުވާލާފައިވާ އިންޓަސެޕްޓާ ނިޒާމުތަކާއި އޭގެ ބެޓްރީތައް މަދުކަމުން ކަމަށްވަނީ ބެލެވިފައެވެ.

އީރާނުން އިސްރާއީލުގެ މައި ނިއުކްލިޔާ ރިއެކްޓަރު ހުންނަ ދައިމޫނާ ސަރަހައްދަށް އިއްޔެ ދިން ހަމަލާތަކުގައި ދައިމޫނާ ސަރަހައްދުގެ ބޮޑު އަވަށެއްވަނީ ހަލާކުކޮށްލާފައެވެ. މި ހަމަލާތަކުގެ ވަރުގަދަކަމުން އިސްރާއީލަށްވަނީ ސިހުން ލިބިފައެވެ.

މި ހަމަލާތަކުގައި އިސްރާއީލުގެ ފަސް މީހަކު މަރުވެ 185 މީހުން ޒަޚަމްވެފައިވާއިރު 150 ވަރަކަށް އިމާރާތްވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ. އީރާން ގެންދަނީ ހަނގުރާމަ ދިގުލައިގެންދާ ވަރަކަށް ބާރުގަދަ މިސައިލްތައް އިސްރާއީލާ ދެކޮޅަށް ތަޖުރިބާ ކުރަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު