ދިވެހި ފުލުހުންގެ ޚިދުމަތުގައި 43 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ކުރީގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ރިޓަޔާޑް އަބްދުއްޝަކޫރު އަބްދުﷲ މިއަދު އަވަހާރަވެއްޖެއެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި އަބްދުއްޝަކޫރު އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައި އިންޑިއާގައެވެ.
އަބްދުއްޝަކޫރަކީ ފުލުހުންގެ ޚިދުމަތް ބިނާކުރުމުގައާއި، ތަރައްޤީކުރުމުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. ފުލުހުންގެ ޚިދުމަތުގައި 43 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވުމަށްފަހު، އޭނާ ރިޓަޔާކުރެއްވީ މާޗު، ފަހެއް 2009 ގައެވެ.
އަބްދުއްޝަކޫރު އަވަހާރަވުމާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ތައުޒިޔާ ކިޔާފައެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ ތަޢުޒިޔާ ވިދާޅުވެފައެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޢަބްދުއްޝަކޫރު އަވަހާރަވި ޚަބަރު އަޑުއެހީ ފުން ހިތާމައާއެކު ކަމަށެވެ. އަދި އޭނާއަކީ މުޅި ޙަޔާތްޕުޅުގައި ވެސް ގައުމު އިސްކުރެއްވި އިޚުލާސްތެރި، ތަޖުރިބާކާރު ހަރުދަނާ ދިވެހި ދަރިއެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.
ޢަބްދުއްޝަކޫރުގެ ޚިދުމަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އޭނާއަކީ 1988 ވަނަ އަހަރުގެ ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާއިން ރާއްޖެ ދިފާޢުކުރެއްވުމަށް ހިތްވަރާއެކު ޖިހާދުކުރެއްވި ދިވެހި ސިފައިންގެ ލަޝްކަރުގައި ހިމެނިވަޑައިގަތް ބޭފުޅެއް ކަމަށެވެ.
މީގެ އިތުރުން، ރާއްޖޭގެ ޖަލުތަކުގެ ޙާލަތާއި އިންތިޒާމުތައް ރަނގަޅު ކުރެއްވުމާއި، މަސްތުވާތަކެތީގެ ވަބާއިން ޤައުމު ސަލާމަތްކުރެއްވުމުގެ މަސައްކަތުގައި ވެސް ޢަބްދުއްޝަކޫރު އިސް ދައުރެއް އަދާކުރެއްވިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ރައީސްގެ ތަޢުޒިޔާގެ މެސެޖުގައި، ޢަބްދުއްޝަކޫރުގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުމަށާއި، މަރުޙޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ދުޢާ ކުރައްވާފައިވެއެވެ.
ރައީސް ޑރ. މުޢިއްޒު ވަނީ 2024 ވަނަ އަހަރު "ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު" ވެސް އަބްދުއްޝަކޫރަށް އަރުވާފައެވެ.