ރާއްޖެއާ ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތައް ހޯދުން މުހިންމު: އެމެރިކާ

ފޮރިން މިނިސްޓަރާއި އެމެރިކާގެ މަންދޫބު ބައްދަލުކުރެއްވުން: އެ ބައްދަލުވުމުގައި ވަނީ ދެ ގައުމުގެ މަސްލަހަތު އޮންނަ ދާއިރާތަކާ މެދު މަޝްވަރާކޮށްފައި --- ފޮޓޯ/ އެމެރިކާ އެމްބަސީ

ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު އޮތް ޚާރިޖީ ގުޅުމަށް 60 އަހަރު ފުރިފައިވާ މި ދަނޑިވަޅުގައި، އެމެރިކާއިން މި ސަރަހައްދަށް ކަނޑައަޅުއްވާފައި ހުންނަވާ ޚާއްޞަ މަންދޫބު ސާޖިއޯ ގޯރ ރާއްޖެއަށް ކުރެއްވި ދަތުރުފުޅަކީ ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އެޅުނު ފިޔަވަޅެކެވެ. މި ދަތުރުފުޅުގެ ތެރެއިން ދިވެހި ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ދެގައުމުގެ މަސްލަހަތު ހިމެނޭ މުހިންމު ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެމެރިކާގެ މަންދޫބާ ބައްދަލުނުކުރެއްވުމަކީ ސިޔާސީ ގޮތުން ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު ކަމެކެވެ. ރައީސްގެ މި ނިންމެވުމަކީ މެދުއިރުމަތީގެ ހަނގުރާމައިގެ މައްސަލަތަކާއި، ރާއްޖޭގެ ދާޚިލީ ސިޔާސަތުތަކާ ގުޅުންހުރި ކަމެއްކަން ވަނީ ހާމަވެފައެވެ.

  • އެމެރިކާއާއި ދިވެހިރާއްޖެއާ ދެމެދު އޮތް ޚާރިޖީ ގުޅުމަށް 60 އަހަރު ފުރިފައިވެއެވެ.
  • އެމެރިކާގެ ޚާއްސަ މަންދޫބު ސާޖިއޯ ގޯރ ވަނީ ރާއްޖޭގެ ޚާރިޖީ އަދި ދިފާޢީ ވަޒީރުންނާ ބައްދަލުކުރައްވައި މަޝްވަރާތައް ކުރައްވާފައެވެ.
  • ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެމެރިކާގެ މަންދޫބާ ބައްދަލުކުރެއްވުމަށް ދެކޮޅު ހައްދަވާފައެވެ.
  • މެދުއިރުމަތީގެ ހަނގުރާމައާއި ރާއްޖޭގެ ދިފާޢީ ސިޔާސަތާ ގުޅޭ ކަންކަމުގައި ރާއްޖެއިން ގެންގުޅޭ ހަރުކަށި ބަދަލު މިކަމުން ދޭހަވެއެވެ.

ދިވެހި ރާއްޖެއާ ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތައް ހޯދުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށް, އެމެރިކާއިން މި ސަރަހައްދަށް ކަނޑައަޅުއްވާފައި ހުންނަވާ ޚާއްޞަ މަންދޫބު ސާޖިއޯ ގޯރ ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މަންދޫބެއްގެ ގޮތުން ގޯރ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އިއްޔެ ވަނީ ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް އަދި ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނާ ބައްދަލުކުރައްވާފައެވެ.

https://www.sun.mv/219582

އެ ދެ ބައްދަލުވުމަށް ފަހު ސޯޝަލް މީޑިއާގައި އާއްމު ކުރި ޕޯސްޓެއްގައި ގޯރ ވިދާޅުވީ ދެ ގައުމުގެ ދެމެދުގައިވާ ގުޅުމާއި ސަރަޙައްދީ މަސްލަޙަތުތަކާ ގުޅޭގޮތުން ރާއްޖޭގެ ދެ ވަޒީރުންނާ މަޝްވަރާ ކުރެއްވި ކަމަށެވެ. މި އަހަރަކީ ރާއްޖެ އާއި އެމެރިކާއާ ދެމެދުގައި އޮތް ގުޅުމަށް 60 އަހަރު ފުރޭ އަހަރެވެ.

"މުހިންމު ދާއިރާތައް ދެނެގަނެ، [ދެ ގައުމު] ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތައް ހޯދުމަކީ ނުހަނު ބޭނުންތެރި ކަމެއް," ގޯރ ވިދާޅުވިއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާ ބައްދަލުކުރެއްވުމަށް އެމެރިކާގެ ފަރާތުން އެދިފައިވީ ނަމަވެސް، ގޯރ ފުރާވަޑައިގެންނެވީ ރައީސާ ބައްދަލުނުކުރައްވަވައެވެ.

އިއްޔެ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅޭގޮތުން އެމެރިކާގެ މަންދޫބާ މަޝްވަރާކުރައްވަން ބޭނުންފުޅުނުވާ ކަމަށާއި، ރާއްޖޭގެ ސަރަޙައްދު އެފަދަ އެއްވެސް އަސްކަރީ ކަމަކަށް ބޭނުންކުރުމުގެ ފުރުޞަތު ނުދެއްވާނެ ކަމަށެވެ.

comment ކޮމެންޓް