ބީއެމްއެލްއިން އަޅާ ފްލެޓްތަކުން ކުއްޔަށް ނަގާނެ ކަމަށް ލަފާކުރެވެނީ 10،000 ރުފިޔާ: ޝަރީފް

ފްލެޓުތަކުގެ މަސައްކަތް ފެށުން: ޝަރީފް ވަނީ އެ ޔުނިޓުތަކުގެ ކުލި އުޅޭނީ ގާތްގަނޑަކަށް 10،000 ރުފިޔާގައި ކަމަށް ވިދާޅުވެފައި --- ފޮޓޯ/ ކޮންސްޓްރަކްޝަން މިނިސްޓްރީ

ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށްޓަކައި ސަރުކާރާ ގުޅިގެން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއަކީ ރައްޔިތުންނަށް އާ މުސްތަގުބަލެއް ހޯދައިދިނުމަށް ފެށި މަސައްކަތެކެވެ. މި މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގައި 1،224 ޔުނިޓު އެޅުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައެވެ. މިއީ މުޅި ޖުމްލަ 3،260 ހައުސިން ޔުނިޓު އެޅުމަށް ބޭންކުން އިންވެސްޓުކުރާ މަޝްރޫއުގެ އެއް ބައެވެ. މި މަޝްރޫއުގެ އެންމެ ހާއްސަ ސިފައަކީ، ބާޒާރުގައި މިހާރު ހުރި އަގުތަކާ އަޅާބަލާއިރު، ވަރަށް ހެޔޮ އަގެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމެވެ. މިހާރުގެ މާކެޓް ހާލަތަށް ބަލާއިރު، ތިން ކޮޓަރީގެ އެޕާޓްމެންޓެއްގެ ކުލި 25،000 ރުފިޔާއިން ފެށިގެން 30،000 ރުފިޔާއާ ދެމެދު ހުރި ނަމަވެސް، ބީއެމްއެލްގެ މި މަޝްރޫއުގެ ދަށުން 10،000 ރުފިޔާއަށް ކުލި ކުޑަކުރެވޭނެ ކަމަށް ބޭންކުގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ. މިއީ އާންމު ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ. މި މަޝްރޫއު ކުރިއަށްގެންދަނީ 'ލީސް ޓު އޯން' މޮޑެލްއަށެވެ. މީގެ މާނައަކީ، ކޮންމެ މަހަކު ދައްކާ ކުލީގެ ތެރެއިން ބައެއް ފައިސާ އެއްކުރެވި، ވަކި މުއްދަތެއް ހަމަވުމުން އެ ޔުނިޓަކީ އަމިއްލަ ތަނަކަށް ބަދަލުވެގެން ދިއުމެވެ. މިގޮތުން، ރައްޔިތުންނަށް ދިގު މުއްދަތަކަށް ކުލި ދައްކައި، އެންމެ ފަހުން އެތަނުގެ ވެރިފަރާތަކަށް ވުމުގެ ފުރުސަތު މި މޮޑެލްގެ ތެރެއިން ފަހިވެގެންދާނެއެވެ.

  • ބީއެމްއެލްގެ ހައުސިން މަޝްރޫއުގެ ދަށުން 3،260 ހައުސިން ޔުނިޓް އަޅާނެއެވެ.
  • ފުލެޓުތަކުގެ ކުލި 10،000 ރުފިޔާގެ ރޭންޖެއްގައި ހިފެހެއްޓޭނެ ކަމަށް ބެލެވެއެވެ.
  • މި މަޝްރޫއު ކުރިއަށްގެންދަނީ ލީސް ޓު އޯން މޮޑެލްއަކަށެވެ.
  • މުޅި މަޝްރޫއު 2028 ވަނަ އަހަރުގެ މެދުތެރޭގައި ނިންމުމަށް އަމާޒުކޮށްފައިވެއެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އަޅާ އަގުހެޔޮ ހައުސިން ޔުނިޓުތަކުގެ ކުލި އުޅޭނީ ގާތްގަނޑަކަށް 10،000 ރުފިޔާގައި ކަމަށް އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް މިރޭ ވިދާޅުވެއްޖެއެވެ.

މި ސަރުކާރުގެ ''ބޯހިޔާވަހިކަން އެންމެންނަށް'' ސިޔާސަތުގެ ދަށުން، ހުޅުމާލޭ ތިންވަނަ ފިޔަވަހީގައި 1،224 ޔުނިޓު އެޅުމުގެ މަސައްކަތް ބީއެމްއެލްއިން ވަނީ ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ ހަވާލުކޮށްފައެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވަނީ ރަސްމީކޮށް ފަށައިފައެވެ.

އެ މަޝްރޫއާ ގުޅޭ ގޮތުން، ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ޝަރީފް ވިދާޅުވީ، ޖުމްލަ 3،260 ހައުސިން ޔުނިޓް އެޅުމަށް އެ ބޭންކުން އިންވެސްޓުކުރާ ކަމަށެވެ. އޭނާ ވިދާޅުވީ އެ ފުލެޓުތައް 2028 ވަނަ އަހަރުގެ މެދުތެރޭގައި ނިންމުމަށް ހުރިހާ ކޮންޓްރެކްޓަރުން އެއްބަސްވެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޝަރީފް ވިދާޅުވީ ހައުސިން މިނިސްޓްރީއާއި ބީއެމްއެލް ގުޅިގެން ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެއް ކުރިއަށްގެންދިއުމުގެ މައިގަނޑު މަގްސަދަކީ، އަގުހެޔޮ ފުލެޓަށް ކަނޑައެޅޭ ކެޓަގަރީގެ މީހުންނަށް، ވީހާވެސް ކުޑަ އަގެއްގައި ބޯހިޔާވެހިކަން ފޯރުކޮށްދިނުން ކަމަށެވެ.

އެހެންވެ ލީސް ޓް އޯން މޮޑެލްއަކަށް މި ދަނީވެސް. މާނައަކީ މަހުން މަހަށް ފައިސާ ދައްކަމުން ގޮސްފައި ވަކި ހިސާބަކުން އެ އަމިއްލަ ކުރެވޭ ގޮތަށް. ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް

ޝަރީފް ވިދާޅުވީ އެ ހައުސިން ޔުނިޓްތަކުގެ ކުލި މިހާތަނަށް ނިންމައިފައިނުވާ ކަމަށާއި އެކަން ކުރުމަށް އަދި މާ އަވަސް ކަމަށެވެ.

އެހެންނަމަވެސް މިހާރުގެ ހިސާބުތަކަށް ބަލާއިރު، 10،000 ރުފިޔާއަށް ތިން ރޫމްގެ އެޕާޓްމެންޓެއް ލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރުގެ މާކެޓްގައި ތިން ބެޑްރޫމް އެޕާޓްމެންޓެއްގެ އަގު މި އުޅެނީ 25،000 ރުފިޔާއާ 30،000 ރުފިޔާއާ ދެމެދުގެ އަގެއްގައި، އެހެންވީމަ ވަރަށް ބޮޑު ލުޔަކަށް ވެގެންދާނެ ނޫންތޯ. ދެން އަނެއްކާ އަޅުގަނޑުމެން މުޅިން ވެސް ހަދަމުން މިދަނީ ތިން ރޫމްގެ އެޕާޓްމެންޓްތައް. ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް

"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން މި ސަރުކާރުން 7،900 ފުލެޓު އިމާރާތް ކުރަން ނިންމައިފައިވެއެވެ.

https://sun.mv/219504

ހައުސިން މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު މީގެ ކުރިން ވަނީ، އޭގެ ތެރެއިން ބީއެމްއެލްއިން އިމާރާތްކުރާ 3،000 ފުލެޓަށް މި ދައުރު ނިމުމުގެ ކުރިން ވަދެވޭނެ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް