ޖެނީވާގައި ރާއްޖެއިން އީރާނު އެކަނި ކުށްވެރިކޮށް، އިސްރޭލާއި އެމެރިކާގެ ވާހަކަ ނުދެއްކުމުން ނުރުހުން

އދ. ގެ އޮފީސްތަކަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު --

ސްވިޒަލޭންޑުގެ ޖެނީވާގައި ބޭއްވުނު އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ 61 ވަނަ ދައުރުގެ ބައްދަލުވުމެއްގައި، ރާއްޖެއިން ހުށަހެޅި ބަޔާނަކާ ގުޅިގެން ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. މި ބަޔާނުގައި އީރާނުން ސަރަހައްދީ ގައުމުތަކަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް، ސަރަހައްދީ މަސްލަހަތު ހިމާޔަތްކުރުމަށް ގޮވާލާފައިވީ ނަމަވެސް، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގައި އިސްރާއީލާއި އެމެރިކާގެ ދައުރާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ނުދެއްކުމަކީ ގިނަ ބައެއްގެ ނުރުހުމަށް ސަބަބުވެފައިވާ ކަމެކެވެ. ރާއްޖޭގެ މި އަމަލަކީ ވަކި ފަރާތަކަށް ބުރަވެފައިވާ އަމަލެއްގެ ގޮތުގައި ސިޔާސީ ފަރާތްތަކުންނާއި އާންމުން ދަނީ ސިފަކުރަމުންނެވެ.

  • ޖެނީވާގައި އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގައި ރާއްޖެއިން އީރާނުގެ އަމަލުތައް ކުށްވެރިކޮށް ބަޔާނެއް ދިނުން
  • މި ބަޔާނުގައި އިސްރާއީލާއި އެމެރިކާގެ އަސްކަރީ ހަރަކާތްތަކަށް އަލިއަޅުވާލާފައި ނުވުމުން އާންމުންގެ ފާޑުކިޔުން އަމާޒުވުން
  • ސަރުކާރުގެ މި ނިންމުމަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ މިނިވަންކަމާ ހިލާފު ކަމެއް ކަމަށް ގިނަ ބަޔަކު ދެކުން
  • ސަރަހައްދީ ހަމަޖެހުމަށް ޓަކައި ޑިޕްލޮމެޓިކް ހައްލުތައް ހޯދުމަށް ރާއްޖެއިން ގޮވާލި ނަމަވެސް، އެ ބަޔާނުގެ ބެލެންސްކަމާ މެދު ސުވާލު އުފެދުން

ސުވިޒަލޭންޑުގެ ޖެނީވާގައި، ރާއްޖެއިން ދިން ބަޔާނުގައި، ހަމައެކަނި ގަލްފުގެ ގައުމުތަކަށް އީރާނުން ދެމުންދާ ހަމަލާތައް ކުށްވެރިކޮށް އިސްރާއީލާއި އެމެރިކާގެ އަމަލުތައް ކުށްވެރިނުކުރުމުން ފާޑުކިޔުން އަމާޒުވެއްޖެއެވެ.

އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ 61 ވަނަ ދައުރުގެ 44 ވަނަ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޖެނީވާގައި ހުންނަ އދ. ގެ އޮފީސްތަކަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ވިދާޅުވީ، ސައުދީ އަރަބިއްޔާ، ޔޫއޭއީ، ގަތަރު، ބަހުރޭން، ކުވެއިތު، އޮމާން އަދި އުރުދުންއަށް އަމާޒުކޮށް އީރާނުން ދެމުންދާ ހަމަލާތަކާ މެދު ރާއްޖެއިން ކަންބޮޑުވާ ކަމަށެވެ. އަދި މި ހަމަލާތަކުގެ ސަބަބުން ސަރަހައްދީ މަސްލަހަތު ގޯސްވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، "ހިއުމަން ރައިޓްސް އިމްޕްލިކޭޝަންސް އޮފް ދަ އިސްލާމިކް ރިޕަބްލިކް އޮފް އީރާންސް އަންޕްރޮވޯކްޑް އެޓޭކްސް އެގެއިންސްޓް ބަހުރޭން، ކުވެއިތު، އޮމާން، ގަތަރު، ސައުދީ އަރަބިއްޔާ، ޔޫނައިޓެޑް އަރަބް އެމިރޭޓްސް އެންޑް ޖޯޑަން" ގެ ނަމުގައި ހުށަހެޅި ގަރާރުގައި ރާއްޖެއިން ވަނީ ކޯ ސްޕޮންސަރެއްގެ ގޮތުގައި ބައިވެރިވެފައެވެ.

ރާއްޖޭގެ ބަޔާނުގައި ސަރަހައްދީ ހަމަޖެހުމަށް ޓަކައި ހަނގުރާމަ ހުއްޓާލުމަށާއި، ޑިޕްލޮމެޓިކް މަގުން މައްސަލަތައް ހައްލުކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލާފައިވެއެވެ. އަދި އީރާނާ ދެކޮޅަށް އިސްރޭލާއި އެމެރިކާއިން ދެމުންދާ އަސްކަރީ ހަމަލާތައް ވެސް ކުށްވެރިކުރާ ކަމަށް މަންދޫބު ވިދާޅުވިއެވެ.

ނަމަވެސް، މި ތަގުރީރާ ގުޅިގެން ސޯޝަލް މީޑިއާގައި ސިޔާސީ ބޭފުޅުންނާއި އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ ސަރުކާރަށް އަމާޒުވެފައެވެ. ގިނަ ބަޔަކު ބުނަމުންދަނީ މި ބަޔާނަކީ ވަކި ފަރާތަކަށް ބުރަވެފައިވާ ބަޔާނެއް ކަމަށެވެ.

ހާއްސަކޮށް، އިސްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާއި، މެދުއިރުމަތީގައި އެމެރިކާއާއި އިސްރޭލުން ހިންގާ ހަރަކާތްތަކުގެ ވާހަކަ އެއްވެސް މިންވަރަކަށް މި ބަޔާނުގައި ހިމަނާފައި ނުވާތީ އާންމުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

ފާޑުކިޔާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ރާއްޖެއަކީ އަބަދުވެސް ވަކިކޮޅަކަށް ބުރަނުވާ ޚާރިޖީ ސިޔާސަތެއް ގެންގުޅޭ ގައުމެއް ނަމަވެސް، މި ބަޔާނުން ފެނިގެންދަނީ އެ ސިޔާސަތާ ޚިލާފަށް ވަކި ބައެއްގެ މަސްލަހަތު ހިމާޔަތްކުރަން މަސައްކަތްކުރާ މަންޒަރެވެ.

comment ކޮމެންޓް