އިންތިޚާބުތަކާ ގުޅުވައި އަލީ ހުސައިން ހުށަހެޅި މައްސަލަ ބަލައިނުގަތުން: ''ކޯޓުގެ ރަޖިސްޓްރާއަކީ ފަނޑިޔާރެއް ނޫން''

ގަނޫނީ ވަކީލު އަލީ ހުސައިން: އޭނާ ހުށަހެޅުއްވި މައްސަލަ ބަލައިނުގަންނަން ސުޕްރީމް ކޯޓުން ވަނީ ނިންމާފައި -- ސަން ފޮޓޯ/ ނާއިޝް ނާހިދު

މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްކޮށްލަން މަޖިލީހުން ފާސްކޮށްފައިވާ ބިލު ބާތިލުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަންނަން އެ ކޯޓުން ނިންމައިފިއެވެ.

އެ މައްސަލަ ހުށަހެޅުއްވީ، ގާނޫނީ ވަކީލު އަދި މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިނެވެ.

އެ މައްސަލައިގައި އަލީ ވިދާޅުވީ، ދެ އިންތިޚާބު އެއްކޮށް ބާއްވަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 10 ފެބްރުވަރީގައި ކަމަށްވާއިރު، ބިލެއް ތަސްދީގުކުރަން ގާނޫނުއަސާސީގައި ދީފައިވަނީ 15 ދުވަސް ކަމަށެވެ. ނަމަވެސް އެ މުއްދަތު ފަހަނައަޅައި ގޮސްފައިވާތީ، އެ ބިލަކީ މިހާރު ބާތިލުވެފައިވާ ބިލެއްކަމަށް ކަނޑައަޅައިދިނުމަށް އަލީ ވަނީ އެދިވަޑައިގެންފައެވެ.

ހަމައެއާއެކު، އެ ބިލަށް ރައްޔިތުންގެ ޚިޔާލު ހޯދަން ނަގާ ވޯޓަކީ ވެސް ގާނޫނުއަސާސީއާ ޚިލާފަށް ނަގާ ވޯޓެއް ކަމަށް ކަނޑައަޅައިދޭން ވަނީ އެދިވަޑައިގެންފައެވެ.

ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓު: ގާނޫނީ ވަކީލު އަލީ ހުސައިން ހުށަހެޅުއްވި މައްސަލަ އެ ކޯޓުން ބަލައެއް ނުގަތް -- ސަމް ފޮޓޯ/ ފަޔާޒު މޫސާ

ނަމަވެސް، ސުޕްރީމް ކޯޓުގެ ރެޖިސްޓްރާ ރައުފާ ޙައިދަރު ވަނީ މައްސަލަ ބަލައިނުގަންނަން ނިންމާފައެވެ. އެގޮތަށް ނިންމީ، ގާނޫނުއަސާސީގެ 264 ވަނަ މާއްދާގައި ބުނާ އިޖުރާއަތަށް އަމަލު ކުރަން ޖެހޭނީ ރައީސް އެ ބިލެއް ތަސްދީގު ނުކުރުމަށް ނިންމާ ހާލަތުގައި ކަމަށް ރަޖިސްޓްރީ ވިދާޅުވިއެވެ. އަދި، ހުށަހަޅާފައިވާ މައްސަލައިގައި ހިމެނޭ ބިލު ތަސްދީގު ނުކުރުމަށް ރައީސް ނިންމަވާފައިވާކަން މައްސަލައިގެ ލިޔެކިޔުންތަކުން އެނގެން ނެތުމުން ކަމަށް އެ ނިންމެވުމުގައިވެއެވެ.

އެ ނިންމުމާ ގުޅިގެން އަލީ ހުސައިން އެކްސްގައި ލިޔުއްވި ޕޯސްޓެއްގައި ވަނީ، އަޑުއެހުމެއް ނެތި ނިޔާ ކަނޑައެޅުން ގޯސް ކަމަށާއި ސުޕްރީމް ކޯޓުގެ ރެޖިސްޓްރާއަކީ ފަނޑިޔާރެއް ނޫން ކަމަށް ވިދާޅުވެފައެވެ.

އަލީ ހުސައިންގެ މައްސަލަ ބަލައިނުގަންނަން ނިންމިއިރު، ފެންނަ ނުފެންނަ ވޯޓު ނެގުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރުގައި ހުށަހަޅާފައިވަނީ ގާނޫނުއަސާސީއާ ޚިލާފު ސުވާލެއް ކަމަށް ބުނެ، ގާނޫނީ ވަކީލު އަބްރާހީމް ޝިޔާމާއި އައިކު އަހުމަދު އީސާ ހުށަހެޅުއްވި މައްސަލަ ވަނީ އެ ސުޕްރީމް ކޯޓުން ބަލައިގެންފައެވެ.

https://sun.mv/219559

ރެފެރެންޑަމުގައި އަހާ ސުވާލު ގޯސް ކަމަށް ބުނެ، ކޯޓަށް މައްސަލަ ހުށަހަޅާފައިވާއިރު އެ ވޯޓުގައި ގާނޫނުއަސާސީގައި ބުނާ ޝަރުތުތައް ހަމަވާ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފައެވެ.

ފާހަގަކުރެވޭ ގޮތުގައި، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭ ގޮތުން ނަގާ ޚިޔާލު ހޯދުމުގެ ވޯޓު ނެގުމާ ދެކޮޅަށް އިދިކޮޅު އެމްޑީޕީން ވެސް ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ. އެމްޑީޕީން ބުނި ގޮތުގައި ހުށަހެޅި މައްސަލަ މިހާރު ވަނީ ތިން ފަހަރަށް ބޭރުކޮށްފައެވެ. އަދި ކޮންމެފަހަރަކު ވެސް އިސްލާހު ކުރަން އަންގަނީ ފަހަރަކު ކަމެއް ކަމަށް އެ ޕާޓީން ބުންޏެވެ.

އެމްޑީޕީން އެދުނީ ވީ އެންމެ އަވަހަކަށް އެ މައްސަލަ ރަޖިސްޓްރީކޮށް ކުރިއަށް ގެންދިޔުމަށެވެ.

ދެ އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު ބާއްވަން ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު، ކައުންސިލް އިންތިޚާބާއެކުގައެވެ.

comment ކޮމެންޓް