ހުޅުމާލެ ތިން ވަނަ ފިޔަވަހިން ގޯތި ލިބުނު މީހުންނަށް ހަވީރު ބިން ހަވާލު ކުރަން ފަށަނީ

ހުޅުމާލެ ތިން ވަނަ ފިޔަވަހިން ގޯތި ދޫކުރަން އިންފާރު ވަކިކުރަން ކަޑަ ޖަހަނީ --- ފޮޓޯ/ އެޗްޑީސީ

ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ތިން ވަނަ ފިޔަވަހިން ގޯތި ލިބިފައިވާ މީހުންނަށް މިއަދު ހަވީރު ބިން ހަވާލުކުރަން ފަށަން ނިންމައިފިއެވެ.

ހުޅުމާލެ ބަލަހައްޓާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެ ބިންތައް ހަވާލުކުރުމަށްޓަކައި ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

މިގޮތުން، އެ ސަރަހައްދުގެ އިންފާރު ވަކިކުރުމާއި ސާވޭ ކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީއާ ގުޅިގެން ކުރަމުން އަންނަ އެ ކޯޕަރޭޝަނުން ބުންޏެވެ. އަދި، އެ ސަރަހައްދުން ގޯތި ލިބުނު މީހުންނަށް ބިން ހަވާލުކުރަން ފަށާނީ ހަވީރު 16:00ގައި ކަމަށް އެޗްޑީސީން ބުނެއެވެ.

ހުޅުމާލެ ތިން ވަނަ ފިޔަވަހިން ގޯތި ދޫކުރަން ތައްޔާރީތައް ވަނީ --- ފޮޓޯ/ އެޗްޑީސީ

ފާހަގަކުރެވޭ ގޮތުގައި، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފުރަތަމަ ފެށި, ތިން ވަނަ ފިޔަވަހި ހިއްކުމުގެ މަޝްރޫއުގެ ދަށުން އޭރު ވަނީ 24 ހެކްޓަރުގެ ބިން ހިއްކާފައެވެ.

ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)އާ ހަވާލުކޮށްގެން ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ 63 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. އެ މަސައްކަތް މަޑުޖެހިފައި އޮތުމަށް ފަހު، އަލުން މިދިޔަ ނޮވެންބަރު ދިހައެއްގައި ފެށީ ތިންވަނަ ފިޔަވަހިން ބާކީ 38 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތްތަކެވެ.

ހުޅުމާލެ ތިން ވަނަ ފިޔަވަހިން ގޯތި ދޫކުރަން ތައްޔާރުވަނީ: އެ ގޯތިތައް ހަވާލުކުރަން ފަށާނީ މިއަދު ހަވީރު --- ފޮޓޯ/ އެޗްޑީސީ

އެ ސަރަހައްދު ހިއްކާ ނިމިފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވީ، މިދިޔަ ޖަނަވަރީ 25ގައެވެ.

https://sun.mv/217115

ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތްތައް ކުރިއަށްގެންދިޔައީ، ޕްރިންސް ޑަ ނެދަލަންޑެންއާއި އޮރަންޖޭ ނަމަކަށް ކިޔާ ދެ ޑްރެޖަރު ބޭނުންކޮށްގެންނެވެ.

މިއަދު އެ ސަރަހައްދުގެ ބިންތައް މީހުންނާ ހަވާލުކުރާއިރު، މިދިޔަ ޑިސެމްބަރު 20ގައި ވަނީ، ހުޅުމާލެ ތިން ވަނަ ފިޔަވަހިން ގޯތި ލިބުނު މީހުންގެ ގުރު ނަގާފައެވެ. އޭރު، ގުރު ނަގާފައި ވަނީ، އެ ސަރަހައްދުން ގޯތި ޙަވާލުކޮށްފައިވާ މީހުންގެ މެދުގައި އައު ޕްލޮޓް އެލޮކޭޓް ކުރުމަށް ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.

comment ކޮމެންޓް