އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ރޭ ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ދެ މީހުންގެ ތެރެއިން އެކަކު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ޗާންދަނީ މަގުގައި ހުންނަ ދަނޑިކޮށީ ހަރުގެ ކުރިމަތިން ރޭ ފެށި މުޒާހަރާގެ ތެރެއިން ހައްޔަރުކުރީ ނައިފަރު ދާއިރާގެ ރައީސް އަބްދުالله ރަޝީދު ހަސަން އާއި އެ ޕާޓީގެ ޒުވާނުންގެ ހިތްވަރުގެ ނައިބު ރައީސް އަހުމަދު މައިމޫން މުހައްމަދެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި 30 އަހަރާއި 49 އަހަރުގެ ދެ ފިރިހެނުންގެ ތެރެއިން 49 އަހަރުގެ މީހާ މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. ދޫކޮށްލި މީހާގެ ނަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.
އެމްޑީޕީން ބުނެފައިވާ ގޮތުގައި މި ދެ މީހުން ހައްޔަރުކުރުމުގެ ތެރޭގައި ފުލުހުންގެ ފަރާތުން އެކިވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ. އަދި އެ އަނިޔާތަކާ ގުޅިގެން ރޭގެ ވަގުތެއްގައި އެ ދެމީހުންނަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދީފައިވާ ކަމަށްވެސް އެ ޕާޓީން މައުލޫމާތު ދެއެވެ.
މި މުޒާހަރާއަކީ ނިމިދިޔަ ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއިން ސަރުކާރަށް ރައްޔިތުންގެ އިތުބާރު ނެތްކަން ހާމަވެފައިވާތީ، އެކަމާ ދެކޮޅަށް އަޑުއުފުލުމަށް އެމްޑީޕީން ފަށާފައިވާ ހަރަކާތެކެވެ. ރޭގެ މުޒާހަރާގައި ކުރީގެ ރައީސް އަބްދުالله ޔާމީން އިސްވެ ހުންނަވައި އުފެއްދެވި ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންފް)ގެ މެންބަރުން ވެސް ބައިވެރިވެފައިވާ ކަމަށް މައުލޫމާތުލިބެއެވެ.
މީގެ އިތުރުން، ހޮނިހިރު ދުވަހުގެ ރޭ ކުރިއަށްދިޔަ މި ހަރަކާތުގެ ތެރެއިން މީޑިއާތަކަށް މަސައްކަތް ކުރުމަށް ފުލުހުން ހުރަސްއެޅިކަމަށް ވެސް އެމްޑީޕީން ވަނީ ތުހުމަތުކޮށްފައެވެ. ފުލުހުން ބުނީ ހައްޔަރުކުރި މީހުންގެ މައްސަލަ މިހާރު އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.