ހދ. ކުޅުދުއްފުށީގައި މިދިޔަ ބުރާސްފަތި ދުވަހު ރުކަކުން ވެއްޓި އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް ކަމަށާއި، އޭނާއަށް މިހާރު ވެސް ފަރުވާދެމުން އަންނަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
މި ހާދިސާގައި އަނިޔާވެފައިވަނީ ހދ. ނޭކުރެންދުއަށް ނިސްބަތްވާ އުމުރުން 38 އަހަރުގެ ފިރިހެނަކަށެވެ. އޭނާއަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެމުން އަންނަތާ މިއަދަށް މިއީ ތިންވަނަ ދުވަހެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް 'ސަން' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެ މީހާގެ ހާލަތަށް އަދި ބަދަލެއް ނާންނަ ކަމަށާއި ހާލު އަދިވެސް ވަރަށް ސީރިއަސް ކަމަށެވެ. އަދި އެ މީހާގެ ބްލަޑް ޕްރެޝަރު (ބީޕީ) މެނޭޖްކުރަމުން ދަނީ އިންޖެކްޝަންގެ އެހީގައި ކަމަށް ވެސް އޮފިޝަލް ފާހަގަކުރެއްވިއެވެ.
"އެ ޕޭޝަންޓް އަދި ވެސް ބީޕީ މެނޭޖް ކުރަނީ އިންޖެކްޝަންގެ އެހީގައި. އެހެންވެ އަދި ހަމަ ހާލަތު ކުރިއެކޭ އެއްގޮތް. އަދިވެސް އައިސީޔޫގައި ފަރުވާދެމުން ދަނީ،" އޮފިޝަލް ވިދާޅުވިއެވެ.
މި ހާދިސާއާ ގުޅޭގޮތުން ކުޅުދުއްފުށީ ހުޅަނގު އުތުރު ކައުންސިލަރު އަޙްމަދު ޢަބްދުﷲ ވިދާޅުވީ، ރުކުން ވެއްޓުނު މީހާއަކީ އެ ދުވަހުވެސް ރުކަށް އަރައި މަސައްކަތް ކުރަމުންދިޔަ މީހެއް ކަމަށެވެ.
އޭނާ ރުކުން ވެއްޓުނީ މަސައްކަތުގެ ތެރެއިން ކުޑަ ބްރޭކެއް ނެގުމަށްފަހު، އަލުން ރުކަށް އަރައި މަސައްކަތް ކުރަން އުޅުމުގެ ތެރޭގައި ކަމަށް ކައުންސިލަރު މައުލޫމާތު ދެއްވިއެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް، ފުލުހުން ވަނީ ބުނެފައެވެ.