ނަލަހިޔާ ފުލެޓަކުން 4 މިލިއަން ރުފިޔާ ވަގަށް ނެގިތާ މަހެއް ފަހުން، ތުހުމަތުވާ ފަސްވަނަ މީހާ ހައްޔަރުކޮށްފި

ނަލަހިޔާ ވައްކަމުގައި ތުހުމަތުވާ ފަސްވަނަ މީހާ --- ފޮޓޯ: ފުލުހުން

ނަލަހިޔާ ރެޒިޑެންސްގެ ފުލެޓަކުން މިދިޔަ މާރިޗު މަހު 4 މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައިގައި ފުލުހުން ހޯދަމުންދިޔަ ފަސްވަނަ މީހާ ހައްޔަރުކޮށްފިއެވެ. މި މައްސަލައިގައި މީގެ ކުރިން 4 މީހަކު ހައްޔަރުކޮށްފައިވާއިރު، އަލަށް ހައްޔަރުކުރި އުމުރުން 47 އަހަރުގެ މީހާ 5 ދުވަހުގެ މުއްދަތަކަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ވަގަށް ނެގި ފައިސާގެ ތެރެއިން މިހާތަނަށް ހޯދިފައިވަނީ 50000 ރުފިޔާއެވެ. ނަމަވެސް މައްސަލައިގެ ތަހުގީގުގެ ބޮޑުބައެއް ނިމި، ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

  • މިދިޔަ މާރިޗު މަހު ނަލަހިޔާ ފުލެޓަކުން 4 މިލިއަން ރުފިޔާ ވަނީ ވަގަށް ނަގާފައި.
  • މި މައްސަލައިގައި ހޯދަމުންދިޔަ ފަސްވަނަ މީހާ މިދިޔަ ބުރާސްފަތި ދުވަހު ވަނީ ހައްޔަރުކޮށްފައި.
  • ވަގަށް ނެގި ފައިސާގެ ތެރެއިން މިހާތަނަށް ފުލުހުންނަށް ހޯދިފައިވަނީ އެންމެ 50000 ރުފިޔާ.
  • މައްސަލައިގެ ތަހުގީގު ނިމުމަކާ ގާތްވެފައިވާއިރު، ދައުވާކުރުމަށް ފޮނުވުމުގެ މަސައްކަތް ދަނީ ކުރަމުން.

މިދިޔަ މާރިޗު މަހު ނަލަހިޔާ ރެޒިޑެންސްގެ ފުލެޓަކުން ހަތަރު މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައިގައި މިހާތަނަށް ހަތަރު މީހަކު ވަނީ ބަންދުކޮށްފައެވެ. އެއީ:

  • ކަސްތޫރިމާގެ / ޅ. ނައިފަރު، މުޙައްމަދު ނޫރު އަޙްމަދު (40އ)
  • މޫންލައިޓްވިލާ / އައްޑޫ މީދޫ، މުޙައްމަދު އަފްރާޙް (40އ)
  • ދާރުލް އައްވަލް / ރ. މަޑުއްވަރި، އިސްމާޢީލް ޢާޞިފް (36އ)
  • މ. އޭސިއާ / މާލެ، އަޙްމަދު ފާރިސް (39އ)

ފުލުހުން އޭރު ބުނީ، މި މައްސަލައިގައި ފަސް މީހަކަށް ތުހުމަތުކުރެވޭއިރު، ފަސްވަނަ މީހާ ހޯދުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

މިއަދު ފުލުހުން ބުނީ، މައްސަލައިގައި ތުހުމަތުވާ ފަސްވަނަ މީހާ މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ ޖަޒީލާމަންޒިލް / ހދ. ނޮޅިވަރަންފަރު، އުމުރުން 47 އަހަރުގެ ޖަޒީލް މުޙައްމަދެވެ.

އެ މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ފަސް ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް، ފުލުހުން ބުންޏެވެ.

ފުލުހުން މީގެ ކުރިން ބުނިގޮތުގައި، ނަލަހިޔާގެ ފުލެޓަކުން ވަގަށް ނެގި ހަތަރު މިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް ހޯދިފައިވަނީ އެންމެ ބައިލައްކަ ރުފިޔާއެވެ.

https://sun.mv/220515

މި މައްސަލައިގެ ތަހުގީގުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށާއި، އަދި ތަހުގީގު މަރުހަލާ މުޅިން ފުރިހަމަކޮށް، މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ރާއްޖޭގައި ވައްކަމުގެ ކުދި މައްސަލަތައް ވަރަށް ގިނައިރު، މިދިޔަ މަހު ވެސް ވައްކަމުގެ 283 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. އެ މަހުގެ ތެރޭ އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ވެސް ވައްކަމުގެ މައްސަލަތަކެވެ.

comment ކޮމެންޓް