ކެމްޕޭން ޓީމެއް ނޫން، ރައީސަށް ގޯސް ނުހެއްދެވޭތަ؟

ރައީސް މުއިއްޒު، ރަސްދޫގައި: އެ މަނިކުފާނު ވިދާޅުވީ ނާކާމިޔާބުވީ ކެމްޕޭން ޓީމްތަކުގެ ސަބަބުން ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

ދެ އިންތިޚާބު އެއްކޮށްލުމަށް ސަރުކާރުން ނެގި ފެންނަ ނުފެންނަ ވޯޓު ބޮޑު ތަފާތަކުން ނާކާމިޔާބުވެފައިވާއިރު، އެކަމުގެ ޒިންމާ ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ ޕީއެންސީގެ ކެމްޕޭން ޓީމުތަކުގެ ބޮލުގައި އަޅުއްވާފައެވެ. މި ނިންމެވުމަށް ގިނަ ބަޔަކު ފާޑުކިޔަމުންދާއިރު، ސިޔާސީ ފަރާތްތަކުން ބުނަނީ ބަލިވުމުން ޒިންމާ ނަންގަވަން ޖެހޭނީ ސީދާ ލީޑަރު ކަމަށެވެ. އަދި ޚަރަދު ކުޑަކުރުމުގެ ނަމުގައި މި ބަދަލު ގެންނަން އުޅުނު ނަމަވެސް، ސަރުކާރުގެ ސިޔާސީ މަގާމުތަކާއި އެހެނިހެން އިސްރާފުތައް ބޮޑުވުމަކީ ރައްޔިތުން މިކަމާ ދެކޮޅުހެދި މައިގަނޑު އެއް ސަބަބު ކަމަށް ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

  • ދެ އިންތިޚާބު އެއްކުރުމުގެ ވޯޓު 69 އިންސައްތަ މީހުންގެ ނޫނެކޭއިން ނާކާމިޔާބުވުން.
  • ނާކާމިޔާބީގެ ޒިންމާ ރައީސް މުއިއްޒު ޕީއެންސީގެ ކެމްޕޭން ޓީމުތަކަށް އަމާޒުކުރެއްވުން.
  • އިދިކޮޅު ފަރާތްތަކާއި އާންމުން މިކަމުގައި ރައީސްގެ ޒިންމާ އޮތްކަމަށް ބުނެ ފާޑުކިޔުން.
  • ޚަރަދު ކުޑަކުރުމުގެ ހުއްޖަތް ދެއްކިއިރު ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ ޚަރަދު ބޮޑުވުން.

ދެ އިންތިޚާބު އެއްކޮށްލަން ނެގި ފެންނަ ނުފެންނަ ވޯޓާ މެދު ނިޒާމީ ގޮތެއްގައި އެ ވަރުގެ ބަހުސެއް ކުރި ހެއްޔެވެ؟ އެއީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވެގެން، އެ މަނިކުފާނުގެ އިސްނެންގެވުމަށް ގެންނަވަން ފެއްޓެވި ބަދަލެއް ނޫން ހެއްޔެވެ؟ ރައްޔިތުންގެ މަޖިލީހުން އެ ބަދަލު ގެނައި އޮއްޓަރެއް ހުރި އެންމެ ވާހަކައެއް ވެސް ދައްކަވާފައި ހެއްޔެވެ؟ ވިދާޅުވީމާ، ކޮށްލީ ނޫން ހެއްޔެވެ؟

ކަން އެހެން އޮތް ނަމަވެސް ރޭ ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވީ މުޅިން އެހެން ވާހަކަފުޅެކެވެ.

"އަޅުގަނޑުމެންގެ (ޕީއެންސީގެ) މި ކެމްޕެއިން ޓީމުތައް، އަޅުގަނޑުމެންނަށް އެ މަސައްކަތް ރަނގަޅަށް ކުރެވިފައި ނެތް އެހާ ސާފުކޮށް، އެހާ ރަނގަޅަށް އޮތް މައްސަލައެއްގައި،" ރައީސް އއ. ރަސްދޫގައި ހުންނަވާ ވިދާޅުވިއެވެ.

އެ ވާހަކަފުޅުން ގިނަ މީހުން އައީ ހިންޏެވެ.

https://sun.mv/220800

"ދެ އިންތިހާބު އެއްދުވަހު ބޭއްވުމުގެ ނިންމުމުގައި އެކި ސަބަބުތަކާހުރެ ވޯޓު ނާކާމިޔާބުވެގެން ދިޔަ. އެކަން ވަރަށް ތަފުސީލުކޮށް އަޅުގަނޑުމެން ބެލިން. ބެލިއިރުގައި ވެސް ނާކާމިޔާބުވެގެން ދިޔަ ސަބަބުތަކުގެ ތެރޭގައި އަޅުގަނޑުމެންގެ ފަރާތުން މިދެންނެވި ޕީއެންސީގެ މުޅި ކެމްޕޭން ޓީމު ވަހަކަ މި ދައްކަނި. ހުރިހާ ރަށެއްގައި މަސައްކަތް ކުރަމުން ދިޔަ ޖުމުލަކޮށް ހުރިހާ އެންމެންގެ ފަރަތުން ހުރިހާ އެންމެންގެ ވާހަކަ، އެކަށީގެންވާ މަސައްކަތެއް ނުކުރެވޭ އެކަމަކަށް،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

މިއީ އޭރު އެންމެން ދެއްކި ވާހަކަ

ގާނޫނުއަސާސީއަށް ރައީސް ގެންނަވަން ބޭނުންފުޅުވީ އާދައިގެ ކުޑަކުޑަ ބަދަލެއް ނޫނެވެ. ދިވެހި ވެރިކަމުގެ ނިޒާމުގެ އެންމެ ވަރުގަދަ ދެ ބާރު އިންތިޚާބުކުރުން، އެއް ދުވަހަކަށް ބަދަލުކުރާށެވެ. އެކަން ކުރަނީ މިހާރު މި އޮތް ވިހިވަނަ މަޖިލީހުގެ އުމުރުން ހަ މަސް ދުވަސް ކުރުކޮށްލައިގެންނެވެ. އެކަމަށް ރައްޔިތުން ގާތުގައި އެހުމުން ނޫނެކޭ ބުނީއެވެ. ކުޑަކުޑަ ތަފާތަކުން ނޫނެވެ. އެ ވޯޓުގައި 221،111 މީހުން ވޯޓު ދިންއިރު، އެ ބަދަލަށް އާނއެކޭ ބުނީ 67،680 މީހުންނެވެ. އެއީ އެންމެ 31 އިންސައްތައެވެ. ޖުމުލަ 148،859 މީހުން ބުނީ ނޫނެކޭއެވެ. އެއީ ސައްހަ ވޯޓުގެ 69 އިންސައްތައެވެ. އެއީ މިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒު އިންތިޚާބުވިއިރު ލިބިވަޑައިގެން 129،159 ވޯޓަށް ވުރެ ވެސް 19،700 އިތުރު އަދަދެކެވެ. އެހެންވީމާ އެއީ ކުޑަ ބައްޔެއް ނޫނެވެ.

ވޯޓު ނެގުމުގެ ކުރީގައި އިދިކޮޅު ފަރާތްތަކުން އެންމެ ބާރަށް ބުނީ އަވަސް އަރުވާލައިގެން ތިކަން ނުކުރާށޭއެވެ. އެ މައްސަލަ ކޯޓަށް ވެސް ވެއްދިއެވެ. އިދިކޮޅުގައި ތިއްބެވި އެންމެން ކަހަލަ ގޮތަކަށް ގެންދެވީ ބަދަލު ގެނައުމަށް ވޯޓަށް އެހުމުގެ ކުރީގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަން ގޮވާލަމުންނެވެ. މި ކުރަނީ ކީއްކަން ރައްޔިތުންނަށް ބުނެދޭށެވެ.

"ދެ އިންތިޚާބު އެއްކުރުމުގެ ވޯޓުން ބަލިވުމުގެ ހުރިހާ ޒިންމާއެއް ނަންގަވަން ޖެހޭނީ ސީދާ ރައީސް މުއިއްޒު. ޒިންމާއިން ބަރީއަވާން މަސައްކަތް ކުރެއްވުމަކީ ރީތިގޮތެއް ނޫން. ހަނގުރާމަޔަކުން ބަލިވީމާ އޭގެ ޒިންމާ ނަގަން ޖެހޭނީ ލަޝްކަރުގެ ކޮމާންޑަރު،" ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިންގެ ޚިޔާލަކީ މިއީއެވެ.

އެއީ ވަރަށް ބޮޑު ތެދެކެވެ. ޒިންމާ ނަންގަވަން ޖެހޭނީ ރައީސް މުއިއްޒު ނޫން ވަކި ކޮން ބޭފުޅެއް ހެއްޔެވެ؟

އެ ވޯޓަކީ ކޮންމެހެން ކައުންސިލް އިންތިޚާބާ އެކުގައި ނަގަން ޖެހޭ ވޯޓެއް ހެއްޔެވެ؟ ތެދެކެވެ. ކައުންސިލް އިންތިޚާބާ އެކުގައި ބޭއްވީމާ، ވަކިން ރިފަރެންޑަމްއެއް ބާއްވަން ކުރަންޖެހޭ 80 މިލިއަނެއްހާ ރުފިޔާގެ ޚަރަދުން ބޮޑު ބައެއް ސަލާމަތްވާނެއެވެ. އެހެންވީމާ، މި ބަދަލުގެ ވާހަކައަކީ މާ ކުރީން ދައްކަންޖެހޭނެ ވާހަކައެއް ނޫން ހެއްޔެވެ؟ އެ ބަހުސްއަކީ މާ ކުރިން ފަށާފައި އޮންނަންވާނެ ބަހުސެއް ނޫން ހެއްޔެވެ؟

ރައީސް މުއިއްޒު އެ ވިދާޅުވި ވާހަކަފުޅުގައި ވަރަށް ބޮޑު ތެދުފުޅެއް ވެސް އެބައޮތެވެ. ފެންނަނުފެންނަ ވޯޓުން ކުރިމަތިވި ބޮޑު ނާކާމިޔާބީއަކީ އެކަށިގެންވާ މަސައްކަތެއް ނުކުރެވުމުގެ ނަތީޖާއެވެ. އެންމެ ފުރިހަމައަށް އެ ކަމުގެ ފައިދާތައް ނުކިޔައިދެވުނެވެ. އެ ވާހަކަ އެންމެ ރަނގަޅަށް ބުނެއެއް ނުދެވުނެވެ. އެއީ، 100ގެ ވާހަކައެކެވެ. އެކަމަކު، މައްސަލައަކީ އެ ކަމުގެ ޒިންމާ ކެމްޕޭން ޓީމުތަކުގެ ބޮލުގައި އެޅުއްވީމައެވެ.

ވޯޓާ އެހާ ކައިރިވެފައި އޮއްވާ އެކަން ކުރަން ނިންމެވީ ރައީސް މުއިއްޒެއް ނޫން ހެއްޔެވެ؟

https://sun.mv/218575

"ވިއްކަން އެހާ އުނދަގޫ އެއްޗެއް. ސިޔާސީ މީހަކު ރައްޔިތެއް ކައިރިއަށް ދަނީ އިންތިޚާބެއް އޮތިއްޔާ. ރައްޔިތުން ބޭނުންވިއްޔާ ވާހާ ކަމެއް އެބަވޭ އިންތިޚާބެއް އޮތިއްޔާ. ދެން އެ ވަރުގެ ބޮޑު އުފާވެރި، ނަސީބެއް މަދުކުރަން ކެމްޕޭން ކުރަންޏާ ވަގުތު ދޭން ވެސް ވާނެ ދޯ؟" ޕީއެންސީގެ ކައުންސިލް އިންތިޚާބުގެ ކެމްޕޭންގައި އުޅުއްވި ބޭފުޅަކު ނަން ހާމަނުކުރާ ގޮތަށް ވިދާޅުވިއެވެ.

އަނެއްކޮޅުން ބައްޔެއް ކުރިމަތިވުމުން އެ ކަމުގެ ޒިންމާ ނެގުން އެއީ ލީޑަރުންގެ ހުންނަންވާނެ ކޮލިޓީއެއް ނޫން ހެއްޔެވެ؟

ނަތީޖާއިން އަސްލު ބުނެދިނީ "ތިޔަ ގޮތް ގޯހޭ"

ދެ ޢީދު އެއްކޮށްލަން ރުހޭނީ ކާކު ހެއްޔެވެ؟ ސަރުކާރުން ނުވަތަ ރައީސް ކުރައްވަން އުޅުއްވީ ވެސް އެ ޒާތުގެ ކަމެކެވެ.

ސަރުކާރުން އޭރު ބުނީ، ދެ އިންތިޚާބު އެއްކޮށްލާ އެންމެ މުހިންމު ސަބަބަކީ ޚަރަދު ކުޑަކުރުން ކަމަށެވެ. އެކަމަކު، އެ ވާހަކަ ދައްކަވަމުން ގެންދެވީ ސަރުކާރު ކުންފުނިތަކަށް ބިޔަ މުސާރަތަކުގައި، އެއްވެސް މަސައްކަތެއް ކުރަން ނުޖެހޭ މީހުން ނަންގަވަމުންނެވެ. ސިޔާސީ އެތައް މަގާމުތަކެއް ރައީސްގެ އަތްޕުޅުން ދޫކުރައްވަމުން، ދޫފުޅުން ޚަރަދު ކުޑަކުރެއްވުމުގެ ވާހަކަ ދެއްކެވުން ބަލައިގަންނާނީ ކާކު ހެއްޔެވެ؟

އެއީ އިންތިޚާބުގެ ކުރީގައި ވެސް ދެއްކި ވާހަކައެވެ.

ދެ އިންތިޚާބު އެއްކޮށްލުމުން ސަލާމަތްވަނީ 80 މިލިއަން ރުފިޔާއެވެ. އާންމު މީހެއްގެ ޖީބުން ކުރާ ޚަރަދެއް ނަމަ އެއީ ލައްކަ ބައިވަރެވެ. އެ ސަލާމަތްކުރަންވީއެވެ. އެކަމަކު، މި ދައުލަތުން ކުރާހާ އިސްރާފުގައި 80 މިލިއަން ރުފިޔާ އެއީ "ޕީނަޓްސް"އެވެ.

https://sun.mv/216345

މިދިޔަ އަހަރު އުޅަނދުފަހަރު ގަންނަން އެކަނި ވެސް 200 އެއްހާ މިލިއަން ރުފިޔާ ޚަރަދުކޮށްލިއެވެ. އެއިން 80 މިލިއަނެއް ފަހަށް ރައްކާ ނުކުރެވޭނެ ހެއްޔެވެ؟ އޮފީސްތަކަށް ބޭނުންވާ ސާމާނު ގަންނަން 750 މިލިއަނެއްހާ ރުފިޔާ ޚަރަދުކޮށްލިއެވެ. އެެއިން 80 މިލިއަން ރުފިޔާ ސަލާމަތްނުވާނެ ހެއްޔެވެ؟ މުސާރައާއި އިނާޔަަތްތަކަށް އެކަނި ވެސް 14 ބިލިއަނެއްހާ ރުފިޔާ ހުސްކޮށްލިއެވެ. އެއިން 0.57 އިންސައްތަ ސަލާމަތްނުކުރެވޭނެ ހެއްޔެވެ؟ މުސާރައަށް ކުރި ހޭދައިން އެއް އިންސައްތަ ކަނޑާލި ނަމަވެސް 140 މިލިއަން ރުފިޔާ ސަލާމަތް ކުރެވުނީހެވެ.

އެންމެ ސްޓޭޓް މިނިސްޓަރަކަށް އެކަނި ދައުލަތުން 2.5 މިލިއަނަށްވުރެ ގިނަ ރުފިޔާ ފަސް އަހަރު ތެރޭ ޚަރަދުކޮށްލައެވެ. އޭގެ ކިތައް ބޭފުޅުން ތިއްބެވިކަން އެނގޭހެއްޔެވެ؟ ސީދާ އަދަދު ނޭނގުނަސް އެންމެ ފަހުން ރައީސް އޮފީހުން ބުނީ 93 ސްޓޭޓް މިނިސްޓަރުން ތިއްބެވި ކަމަށެވެ. އެހެންވީމާ އެއީ ފަސް އަހަރުން 220 މިލިއަނަށްވުރެ ގިނަ ރުފިޔާއެވެ.

އެހެންވީމާ، ފެންނަ ނުފެންނަ ވޯޓުން ނާކާމިޔާބުވީ ސަބަބުތައް އަދި ބައްލަވާށެވެ. ތިޔަކުރެއްވި ދިރާސާ މުޅިއަކުން ރަނގަޅެއް ނޫނެވެ. ފެށުމާ ހަމައިން ވެސް އެ ކެމްޕޭންގައި ހެއްދެވީ މި ދެންނެވި ޒާތުގެ ގޯސްތަކެވެ. ދެއުޅިއެއްނުވާ ވާހަކަތަކެވެ.

އެއީ ފެށުމުގައި ވެސް ރައީސް މުއިއްޒަށް ހެއްދެވުނު ގޯހެކެވެ. ބަލީގެ ޒިންމާ ވެސް ނަންގަވަން ޖެހޭނީ ސީދާ އެ މަނިކުފާނެވެ. ރީތި ގޮތަކަށް ވީހީ، ރައީސްގެ އަރިހުގައި 'ގަދަކޮށް' ތިއްބެވި ކެމްޕޭން ޓީމް ގޯސްކުރެއްވުމުގެ ކުރީގައި އަމިއްލަފުޅަށް ހެއްދެވުނު ގޯސްތަކަށް އިއުތިރާފުވެވަޑައިގަތުމެވެ. ޒިންމާއިން ރެކުމަކީ ލީޑަރުންގެ ސިފައެއް ނޫނެވެ.

comment ކޮމެންޓް