މެޓާގެ ދަށުން ހިންގާ މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމް، އިންސްޓަގްރާމުން، ސްނެޕްޗެޓާއި ބީރިއަލް ފަދަ އެޕްތަކާ ވާދަކުރުމަށްޓަކައި "އިންސްޓެންޓްސް" ގެ ނަމުގައި އައު އެޕްލިކޭޝަނެއް ޓެސްޓުކުރަން ފަށައިފިއެވެ.
އިޓަލީ އާއި ސްޕެއިން ފަދަ ގައުމުތަކުގައި މިހާރު ޓެސްޓުކުރަމުންދާ މި އެޕަކީ، އެއްވެސް އެޑިޓެއް ނެތް އަދި ކަނޑައެޅޭ ވަގުތެއްގެ ތެރޭގައި ގެއްލިގެންދާ ފޮޓޯ އާއި ވީޑިއޯ ހިއްސާކުރުމަށް ހާއްސަކޮށްގެން އުފައްދާފައިވާ އެޕެކެވެ. އާންމުކޮށް އިންސްޓަގްރާމުން ފެންނަ ފިލްޓަރުތަކާއި ކިއުރޭޓްކޮށްފައިވާ ކޮންޓެންޓުގެ ބަދަލުގައި، މި އެޕް އަމާޒުކޮށްފައިވަނީ އާންމު ދިރިއުޅުމުގެ ހަގީގީ މަންޒަރުތައް ވަގުތުން ހިއްސާކުރުމަށެވެ.
މި އެޕް މެދުވެރިކޮށް ހިއްސާކުރާ ފޮޓޯތައް ބަލައިލެވޭނީ އެންމެ ފަހަރަކު ކަމަށާއި، 24 ގަޑިއިރު ހަމަވުމުން އެ ފޮޓޯތައް އަމިއްލައަށް ފޮހެވިގެންދާނެ ކަމަށް އިންސްޓަގްރާމުން ބުނެއެވެ.
"އިންސްޓެންޓްސް" އެޕްގެ އެންމެ ހާއްސަ އެއް ސިފައަކީ ފޯނުގެ ގެލެރީން ފޮޓޯ އަޕްލޯޑް ނުކުރެވުމެވެ. އޭގެ ބަދަލުގައި ހަމައެކަނި އެޕްގެ ކެމެރާ ބޭނުންކޮށްގެން ނަގާ ފޮޓޯތައް ހިއްސާކުރެވޭއިރު، ފޮޓޯތަކަށް އެއްވެސް ފިލްޓަރެއް ނުވަތަ އެހެން އެޑިޓެއް ނުގެނެވޭނެއެވެ. ނަމަވެސް ފޮޓޯއާއެކު ކުރު ލިޔުމެއް ހިމަނާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ވެނިޝް މޯޑް ފަދަ ފީޗާތައް މިހާރު ވެސް އެ ކުންފުނިން އަންނަނީ ތައާރަފު ކުރަމުން ---
މެޓާއިން ހާމަކޮށްފައިވާ ގޮތުގައި މި އެޕް ތައާރަފުކުރުމުގެ މަގްސަދަކީ އެއްވެސް ފިއްތުމެއް ނެތް ގޮތެއްގައި ގާތް ރަހުމަތްތެރިންނާއެކު ވަގުތުން ފޮޓޯ ހިއްސާކުރުމަށް ފަސޭހަ މަގެއް ދެއްކުމެވެ.
"އިންސްޓެންޓްސް" ބޭނުންކުރާ މީހުންގެ ފްރެންޑް ލިސްޓް އިންސްޓަގްރާމާ ސިންކް ކުރެވޭނެ ކަމަށާއި، މި ފޮޓޯތައް ފެންނާނީ ދެފަރާތުންވެސް ފޮލޯކުރާ "މިއުޗުއަލް" ފޮލޯވަރުންނަށް އެކަނި ކަމަށް އެ ކުންފުނިން ބުނެއެވެ.
މިހާރު އެންޑްްރޮއިޑް އަދި އައިއޯއެސް ޕްލެޓްފޯމްތަކުގައި މި އެޕް ފެންނަން ހުރި ނަމަވެސް، އަދި ހުރިހާ ސަރަހައްދަކަށް ޑައުންލޯޑް ކުރުމުގެ ފުރުސަތު ހުޅުވާލާފައެއް ނުވެއެވެ.
މި އެޕް ވަކި އެޕްލިކޭޝަނެއްގެ ގޮތުގައި ނުވަތަ އިންސްޓަގްރާމް އެޕްގެ ތެރެއިން ފެންނަ ފީޗާއެއްގެ ގޮތުގައި ބޭނުންކުރެވޭނެ ގޮތް ހެދުމަށްވެސް މެޓާއިން ދަނީ މަސައްކަތް ކުރަމުންނެވެ.