ސިޔާސީ ގަހުގައި ކައްތިރި ވިއްދުން (1)

ރައީސް މުއިއްޒުގެ އާ ކެބިނެޓު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން: މިއީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ވެރިކަން ކުރައްވަން ގެންނެވި ބަދަލެއް ކަމަށް ރައީސް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

މި ލިޔުމުގައި އަލިއަޅުވައިލައިފައިވަނީ ސިޔާސީ މައިދާނުގައި ވެރިކަން ދެމެހެއްޓުމަށް އަޅާ ފިޔަވަޅުތައް ސިފަކުރުމަށް ބޭނުންކުރާ މަޖާޒީ ބަހެއްކަމަށްވާ 'ކައްތިރި ވިއްދުން' މި މައުޟޫޢަށެވެ. ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގެ ފަހުކޮޅު ކުރިމަތިވި ސިޔާސީ ގޮންޖެހުންތަކުން ސަލާމަތްވެވަޑައިގަތުމަށް ޒުވާން ވަޒީރުން އައްޔަނުކުރައްވައިގެން ވެރިކަން ހިފެހެއްޓެވި ގޮތް ބަޔާންކޮށްފައިވެއެވެ. އަދި ހަމައެފަދައިން، މިހާރުގެ ރައީސް ޑރ. މުޢިއްޒު ވެސް ސަރުކާރަށް ކުރިމަތިވި ގޮންޖެހުންތަކާއެކު ކެބިނެޓުގެ ބައެއް ވަޒީރުން މަގާމުން ވަކިކުރެއްވުމަކީ ވެސް ވެރިކަމުގެ ގަސް ވެއްޓުނަ ނުދީ ހިފެހެއްޓުމަށް ވިއްދެވި ސިޔާސީ ކައްތިރިއެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ.

  • ކައްތިރިއަކީ ގަސްގަހާގެހި ވެއްޓުނަ ނުދީ ހިފެހެއްޓުމަށް ބޭނުންކުރާ އެއްޗެއްކަން.
  • ރައީސް މައުމޫނުގެ ވެރިކަމުގެ ފަހުކޮޅު ވެރިކަން ދެމެހެއްޓުމަށް ކެބިނެޓަށް ބަދަލުގެންނެވިކަން.
  • ރައީސް މުޢިއްޒަށް ވެސް ސިޔާސީ ގޮންޖެހުންތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައިވާކަން.
  • ރައީސް މުޢިއްޒު ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލުތަކަކީ ވެރިކަން ހިފެހެއްޓުމަށް އެޅުއްވި ފިޔަވަޅެއްކަން.

"ކައްތިރި" މި ލަފުޒުގެ މާނައަކީ ކޮބައިކަން ދިވެހީންގެ ތެރެއިން ތަންކޮޅެއް ދޮށީ އުމުރުގެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެއެވެ. ޚާއްސަކޮށް އަތޮޅުތެރޭގައި ދިރިއުޅުއްވައިފައިވާ ބޭފުޅުންނަށް ފަހުމުވެ ވަޑައިގަންނަވާ މިންވަރު ބޮޑުވާނެކަމަށް ދެކެމެވެ. މާލޭގައި ވެސް ބޮޑެތި ގޯތިތަކާއި އެ ގޯތިތަކުގެ ހުސްބިމުގައި ދޮންކެޔޮ ހައްދައިފައި އޮތް ދުވަސްވަރުގެ ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި މާލޭ ބޭފުޅުންނަށް ވެސް އެ ލަފުޒުގެ މާނަ އެނގިވަޑައިގަންނަވާނެއެވެ. އެކަމަކު އަޅުގަނޑުމެންގެ ހަޔާތުގެ ދުވަސްތައް ޒަމާނީ ކޮންކުރީޓުގެ ކޮށިތަކަށް ބަދަލުވެފައިވާ "ތުއްތު" ޖީލަށް މި ލަފުޒުގެ މާނަ މޭރުންވުން ދަތިވެދާނެއެވެ. އެހެންވީމާ ކުޑަ ތަފުސީލެއް ލިޔެލައިފައި އަސްލު މަންޒިލަށް ދަތުރުފެށިއަސް އެންމެ ރަނގަޅު ދެއްތޯއެވެ؟

ދިވެހިބަސްފޮތުގައި "ކައްތިރި" މި ލަފުޒުގެ މާނައެއް ކަމުގައި ލިޔެފައި އޮތީ،

  1. ދެ ގަނޑެތީގެ ކުރި ބުރަފަތިވާނޭ ހެން ހަރުކޮށްގެން ހަދާ ކަނި. މި ކަނި ވިއްދަނީ ގަސްގަހާއި ގޮފިގޮތްޕާއި، އުނދޯލި ވަސް ފަދަ ތަކެތި ވެއްޓުނަ ނުދީ ހިފެހެއްޓުމަށް ޓަކައެވެ.
  2. އުނދޯލީގެ ވަސް ބޭއްވުމަށް ބުރަފަތި ވާނޭހެން ތައްޔާރުކުރާ ކަނި
  3. ހަނގުރާމަވެރި
  4. ގަދަފަދަ

ގަހެއްގައި ކައްތިރި ވިއްދާފައި --

"ކައްތިރި" މި ލަފުޒުގެ ހަތަރު މާނައިގެ ތެރެއިން މާޖާޒީ ގޮތެއްގައި އަޅުގަނޑުގެ ވާހަކަތައް ބިނާކުރާނީ، ލަފުޒުގެ ހަތަރު މާނައިގެ ތެރެއިން ފުރަތަމަ މާނައަށެވެ. އެއީ "މި ކަނި ވިއްދަނީ ގަސްގަހާއި ގޮފިގޮތްޕާއި އުނދޯލި ވަސް ފަދަ ތަކެތި ވެއްޓުނަ ނުދީ ހިފެހެއްޓުމަށެވެ." މި މާނައަށެވެ. ތަސްވީރުން ތިޔަ ފެނިވަޑައިގަންނަވަނީ ދޮންކެޔޮގަހެއް ވެއްޓުނަ ނުދީ ހިފެހެއްޓުމަށް ޓަކައި ދެ ދަނޑި ވިއްދާފައިވާ މަންޒަރެވެ. ތަސްވީރުން ފެންނަ ބައްޓަމަށް އެ ދެ ދަނޑި އެއްސީމާ ނުވަތަ މޮހޮރަކުން ވިޔަސް ހަރުކުރީމާ އެއީ ކައްތިރިއެކެވެ. ގަސް ވެއްޓުނަ ނުދިނުމަށް ގަހުގައި އެ ދެ ދަނޑި ވިއްދުމަކީ "ކައްތިރި ވިއްދުމެ"ވެ.

ރައްޔިތުން ވޯޓުލައިގެން ވެރިއަކު އިންތިޚާބުކުރާ ނިޒާމެއްގެ ތެރެއިން އެންމެ ގިނަ ދުވަހު ވެރިކަން ކުރެއްވިކަމަށް ދިވެހި ތާރީޚުގެ ސަފުހާތައް ހެކިދެނީ އަލްއުސްތާޛު މައުމޫނު ޢަބުދުލްޤައްޔޫމުގެ ވެރިކަމަށެވެ. އެ ބޭފުޅާގެ ދިގު ތިރީސް އަހަރުގެ ވެރިކަމުގެ ތެރެއިން ވިއްސަކަށް އަހަރު ވެރިކަންކުރެއްވީ، ރައްޔިތުންގެ ވަރަށް ބޮޑު ލޯތްބަކާއި ތާއީދަކާއެކުގައެވެ. އެހެންނަމަވެސް އެ ދިގު ތިރީސް އަހަރުގެ ތެރެއިން ފަހު ދިހަ އަހަރު، ޚާއްސަކޮށް ފަހު ފަސް އަހަރަކީ އެ ބޭފުޅާގެ ވެރިކަމަށް ފަސޭހަ ދުވަސްތަކެއް ނޫނެވެ. އެއީ އެ ބޭފުޅާގެ ވެރިކަމާ މެދު ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދުމެވެ.

ރައްޔިތުންގެ އެތައް ފިއްތުންތަކެއްގެ ސަބަބުން، ރާއްޖޭގެ ވެރިކަމުގެ ނިޒާމު، ޕާޓީ ނިޒާމަކަށް ބަދަލުވެ، އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ ރަޖިސްޓަރީވުމާ ގުޅިގެން ދެން އެ މަނިކުފާނަށް ކުރިމަތިވީ އާދަޔާޚިލާފު ދަތި ދުވަސްތަކެކެވެ. ނަތީޖާއަކަށް ވީ މަގުމަތީ ހަރަކާތްތައް ފެށުމާއި މަދަނީ ބަސްނޭހުންތައް އިންތިޒާމުކޮށް ކުރިއަށް ގެންދިއުމާއި މުޒާހަރާތައްކުރުމާއި ސިއްރިއްޔާތުގައާއި ފާޅުގައި ވެސް ސަރުކާރަށް ފާޑުކިޔައި ލިޔާ ލިޔުންތައް އާންމުވެ އިތުރުވަމުން ދިއުމެވެ. މަގުމަތީގެ ބައެއް ހަރަކާތްތަކުގައި ހަމަނުޖެހުން ހިނގުމާއި އަލިފާން ބޯޅަ އުކުން ފަދަ ކަންތައްތަކާއި އަދި ދުންފިނިގޭގައި އެމްޑީޕީން ރާވާ އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ހަރަކާތްތައް ފަތުއަޑުކިޔައިފައި ބާރަށް ކުރިއަށް ދިއުމެވެ.

އިސްވެ ދެންނެވި ސިޔާސީ ހަރަކާތްތައް ނުހުއްޓުވައިފި ނަމަ، ސަރުކާރު ވެއްޓިދާނެ ކަމުގެ ބިރު ހީވި ކިތަންމެ ފަހަރެއް ދިވެހީން އޭރު ތަޖުރިބާކޮށްފައި ވާނެއެވެ. އެހެނަސް އަލްއުސްތާޛު މައުމޫނު ޢަބުދުލްޤައްޔޫމަކީ ސިޔާސީ މުފައްކިރެކެވެ. ދުނިޔޭގެ ނިސްބަތުން ވެސް ތަޖުރިބާކާރެކެވެ. ވެރިކަން ގިނަ ދުވަހަށް ދެމެހެއްޓުމަށް އެންމެ މަޝްހޫރު ޢަރަބި ބައްރަކުން ކިޔަވައި ވިދާޅުވެފައިވާ ޢިލްމީ ބޭފުޅެކެވެ. މި ފަދަ ކޮންމެ ހަމަނުޖެހުމަކާއި ގުޖަޑުގަނޑެއްގައި ސިޔާސީ ރާޒުވާ ބޯޑުގެ ކުޅިބައި އަތުރުއްވަވައިލައްވާ ގޮތުން އެ ބޭފުޅާއަށް ސިޔާސީ ހަމަޖެހުމެއް ލިބިވަޑައިގެން ނޭވާއެއް ލެއްވެއެވެ. ވެރިކަން ވެއްޓުނަ ނުދީ ކޮންމެ ފަހަރަކު ވެސް ވަރުގަދަ ކައްތިރިއެއް ނުވަތަ ކައްތިރިތަކެއް ވިއްދަވައެވެ.

ރައީސް މައުމޫންގެ ކެބިނެޓުގެ ބައެއް ބޭފުޅުން ހުވާކުރައްވަނީ: އެ މަނިކުފާނު ވެސް ވެރިކަން ހިފެހެއްޓެވުމަށް ކެބިނެޓަށް ބަދަލު ގެންނެވި --- ފޮޓޯ/ މުހައްމަދު އަބްދުﷲ ޝަފީގުގެ ކޮލަމްއިން

އަލްއުސްތާޛު މައުމޫނު ޢަބުދުލްޤައްޔޫމްގެ ވެރިކަމުގެ ފަހު ފަސް އަހަރު ތެރޭ، ދެންމެ ދެންމެ ވެރިކަން ވެއްޓިދާނޭހެން ހީވި ދަނޑިވަޅެއް އައެވެ. ލާނެއް މީހުންގެ ބަހުރުވައިން ނަމަ، "ވެރިކަމުގެ ފޮށާ ކަކުލަށް ވުރެ ތިރިއަށް ވެއްޓުނުކަމަށް" އޭރުގެ ބައެއް ބޭފުޅުން ވިދާޅުވި އަޑު އަޅުގަނޑު އެހީމެވެ. މި ލިޔުން ވިދާޅުވާ ބޭފުޅުން އެ ދުވަސް ހަނދުމަފުޅު ހުންނާނޭކަން ކަށަވަރެވެ. އެ މަނިކުފާނުގެ ތޫނު ވިސްނުންފުޅާ އެކު ވަޒީރުންގެ މަޖިލީހަށް ގެންނެވި "ޒުވާން ޢިލްމީ ލޭ"ގެ ބޮޑު ބަދަލެއްގެ ސަބަބުން ރައްޔިތުންނަށް އުއްމީދު އާވިއެވެ. ހިލިފައިވާ ރައްޔިތުންގެ ރިހުންތަކަށް ފަސޭހަކެމެއް އައެވެ. ޑރ ހަސަން ސަޢީދާއި ޑރ އަހުމަދު ޝަހީދާއި އަލްއުސްތާޛު މުޙަންމަދު ނަޝީދު (ކުއްޓި)އާއި އަލްއުސްތާޛު މުޙަންމަދު ޖަމީލު އަޙުމަދާއި އަލްފާޟިލާ ޢައިޝާ ފަދަ ބޭފުޅުން ކެބިނެޓަށް ގެންނަވައި ވެއްޓެމުން ދިޔަ ވެރިކަމުގެ ގަސް ވެއްޓުނަ ނުދީ ހިފެހެއްޓުމަށް ޓަކައި ވަރުގަދަ އެތައް ކައްތިރިއެއް ވިއްދެވިއެވެ. ކަކުލަށް ވުރެ ތިރިއަށް ޖެހިފައިވާ ފޮށާ މައްޗަށް ނަންގަވައި، ސޯރުފޮތިކޮޅަކުން އަލުން ބާރަށް އައްސަވައިލެއްވިއެވެ. ނަތީޖާ ވަރަށް ސާފެވެ. ތާރީޚު އެކަމަށް ހެކިވާ ފަދައިން އެ މަނިކުފާނުގެ ވެރިކަން އެ ދުވަސްވަރު ވެއްޓުނަ ނުދީ ހިފަހައްޓައި ދެއްވީ ޢިލްމީ ޒުވާން ޤާބިލު ބޭފުޅުން ކޮޅެއްގެ ދުރު ވިސްނެވުމާއި ރޭވުންތެރިކަމުންނެވެ. ހަގީގަތުގައި ވެސް އެ ދުވަހު ވިއްދެވި ކައްތިރިތަކުގެ ސަބަބުން އަރިއަޅައިލި ވެރިކަމުގެ ގަސް ވެއްޓުނަ ނުދީ ހިފެހެއްޓުނެވެ.

މިހާރު އަޅުގަނޑުމެން މި ދެކެނީ އޭގެ ވިއްސަކަށް އަހަރު ފަހެވެ. މިހާރު ވެރިކަމުގައި ހުންނެވީ އަލްއުސްތާޛެއް ނޫނެވެ. އެހެނަސް ޑޮކުޓަރެކެވެ. އެއީ ޑރ މުޙަންމަދު މުޢިއްޒެވެ. ވެރިކަމަށް ވަޑައިގަތީ ވަރަށް ވިސްނުންތެރިކަމާއެކު ދުރު ރޭވުންތެރިކަމެއް ގެންގުޅުއްވައިގެންކަމަށް ސިޔާސީ މުޙައްލިލުން ވިދާޅުވެއެވެ. އެ މަނިކުފާނުގެ ވެރިކަމަށް ދެ އަހަރާއި ބައި ވެފައި ވަނިކޮށް ލައިގަނެގެން މި އުޅެނީ ވަކި ސަހަލުކަމެއް ނޫނެވެ. ރައްޔިތުންގެ ފަރާތުން "ފެންނަ، ނުފެންނަ" ވޯޓެއް ނެންގެވުނީއެވެ. ރާއްޖޭގެ ގިނަ ރައްޔިތުން ބުނީ އެ މީހުންނަށް "ނުފެންނަ" ވާހަކައެވެ. "ލޮލުގެ ބޭސް ފަރުވާއެއް" ބޭނުންވީތާއެވެ. އެއީ "ނުފެންނަ" ނަމަ ދެން ޖެހޭނީ "ފެންނާނޭ ގޮތެއް" ހޯދާން ތާއެވެ. ފަރުވާއެއް ކުރާންތާއެވެ.

މައުމޫނު ޢަބުދުލްޤައްޔޫމެކޭ އެއްފަދައިން ޑރ މުޢިއްޒަށް ވެސް މި ޖެހިވަޑައިގަތީ، ކުޅި ބައި އަލުން އަތުރައިލައްވާށެވެ. ވެއްޓެމުންދާ "ވެރިކަމުގެ ގަސް" ވެއްޓުނަ ނުދީ ކައްތިރި ވިއްދަވާށެވެ. އެންމެ ކައްތިރިއެއް ނޫނެވެ. އެތައް ކައްތިރިއެކެވެ. މުއިއްޒަކީ "ސްމާޓު" ބޭފުޅެކެވެ. މޫނަކަށް ކަނދުރާއަކަށް ބެއްލެވުމެއް ނެތި ސިޔާސީ ބޮޑެތި ގަސްތައް މުލުން ލުހެލައި އެއްލައިލެއްވީއެވެ. އެއީ ވެރިއެއްގެ ކިބައިގައި ހުންނަން ޖެހޭ ސިފައެކެވެ. ރަނގަޅު ވަގުތުގައި ރަނގަޅު ނިންމުން ނިންމަވަން އެނގިވަޑައިގަންނަވަން ވާނެތާއެވެ. ކެރިވަޑައިގަންނަވަން ވާނެތާއެވެ. އެކަން ކުރައްވައިފިއެވެ. ސާބަހެވެ. އެ މަނިކުފާނު މަގާމުން ވަކިކުރެއްވި ބައެއް ވަޒީރުންނަކީ ކެބިނެޓުގައި ހިމެނިވަޑައިގެން ތިއްބަވައި، މިވީހާ ތަނަށް އެ މަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅަށް ގެއްލުން ދެއްވި ބޭފުޅުންނެވެ. ދެރައީ އެކަން ކުރެއްވުން ލަސްކުރެއްވީމައެވެ. މާ ބޮޑަށް ވެސް ލަސްކުރެއްވީއެވެ. އެހެނަސް އެންމެ ރަނގަޅެވެ. އެކަން ކުރައްވައިފިއެވެ.

ދެން އޮތީ އުފެދޭ އެންމެ ބޮޑު ސުވާލެވެ. މުލުން ލުހެލައި އެއްލަވައިލެއްވި ބައެއް ގަސްގަހުގެ ބަދަލުގައި "ކައްތިރީ"ގެ ގޮތުގައި ވިއްދަވަން ޚިޔާރުކުރެއްވުނީ ގަސް ހިފަހައްޓައިލެވޭ ވަރުގެ އާރުލާ ލަކުޑި އެކުލެވޭ ކައްތިރި ދަނޑިއެއް ބާވައެވެ. ދެ ނޭވާ ދެމެދުގައި ވެސް "ރައީސް މުއިއްޒުގެ ދުރު ވިސްނުންފުޅާ އެއްގޮތަށް" ކަމަށް ވިދާޅުވަމުން ދިޔަ ވަޒީރަކު ތަޢާރަފުކުރައްވާން މަސައްކަތްކުރެއްވި މާ ސިންގާ ގައުމިއްޔަތަށް ވާނީ ކިހިނެއްބާވައެވެ؟ ގައުމިއްޔަތުގެ ކޮލެޖާއި ގައުމީ ޗާޕުޚާނާއަށް ވާނީ ކިހިނެއްބާވައެވެ؟

(ދެވަނަ ބަޔަށް އިންތިޒާރުކުރައްވާ!)

ގުޅޭ ޓެގު
comment ކޮމެންޓް