3.3 މިލިއަން ރުފިޔާގެ ޑުރަގު އެތެރެކުރުމުގެ ތުހުމަތުގައި 2 ބިދޭސީން ހައްޔަރުކޮށްފި

ވައިގެމަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައާއި ގުޅިގެން ހައްޔަރުކުރި ދެމީޙުން.... ފޮޓޯ: ޕޮލިސް މީޑިއާ

ވައިގެމަގުން ރާއްޖެއަށް 3.3 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކުރި ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ ފިރިހެނަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ ހައްޔަރުކޮށްފައެވެ. ކަސްޓަމްސްއިން ބަލައި ފާސްކުރުމުގެ ތެރޭގައި އެ މީހުންގެ އަތުން 1105 ގުރާމުގެ މަސްތުވާތަކެތި ފެނިފައިވާއިރު، ކޯޓުން ވަނީ އެ މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައެވެ. މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަތައް އިތުރުވެފައިވާއިރު، ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރާ ފަރާތްތަކަށް މަރުގެ އަދަބު ދެވޭ ގޮތަށް ގާނޫނަށް ވަނީ އިސްލާހު ގެނެސްފައެވެ.

  • 3.3 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ ބިދޭސީން ހައްޔަރުކުރުން.
  • ހައްޔަރުކުރެވުނީ ބަންގްލަދޭޝްއަށް ނިސްބަތްވާ 40 އަހަރުގެ މީހަކާއި 32 އަހަރުގެ މީހެއް.
  • އެމީހުންގެ އަތުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި 1105 ގުރާމު ހުރިކަމަށް ފުލުހުން ބުނުން.
  • ކޯޓަށް ހާޒިރުކުރުމުން ދެ މީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދިނުން.
  • ގިނަ އަދަދަކަށް މަސްތުވާތަކެތި އެތެރެކުރާ ފަރާތްތަކަށް މަރުގެ އަދަބު ދެވޭ ގޮތަށް ގާނޫނު އިސްލާހުކޮށްފައިވުން.

ވައިގެމަގުން ރާއްޖެއަށް 3.3 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ ތުހުމަތުގައި ދެ މީހަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ ފިރިހެނުން ކަމަށްވާ އުމުރުން 40 އަހަރުގެ ޝިފުލްއާއި 32 އަހަރުގެ ސަޖިބްއެވެ.

ދެ މީހުން ހައްޔަރުކޮށްފައިވަނީ މި މަހުގެ 22 ވަނަ ދުވަހު ރާއްޖެ އައި މަގުމަތީގައި ކަސްޓަމްސްއިން އެ މީހުން ހުއްޓުވައި ބަލައި ފާސްކުރުމަށް ފަހުގައެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން މި ދެ މީހުން ހިފަހައްޓާފައިވަނީ މަސްތުވާތަކެއްޗާއި މަނާ ބޭސް ރާއްޖެއަށް އެތެރެކުރިކަމުގެ ތުހުމަތުގައެވެ.

ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި އެ ދެ މީހުންގެ އަތުން އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު 3.3 މިލިއަން ރުފިޔާއަށް އަރާނެއެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި އެ މީހުންގެ އަތުން ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 1105 ގުރާމު ހުއްޓެވެ.

https://sun.mv/221023

ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ ދެ މީހުން ވެސް 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. މި މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކަސްޓަމުން ވަނީ މިދިޔަ މަހުގެ ފަހުކޮޅު ވެސް ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 3.9 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުުލައިގެންފައެވެ.

ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ ބޮޑުވެފައިވާއިރު، ވަކި މިންވަރަކަށް ވުރެ އިތުރަށް މަސްތުވާތަކެތި އެތެރެ ކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް މިހާރު ވަނީ ގާނޫނަށް އިސްލާހު ގެނެސްފައެވެ.

comment ކޮމެންޓް