މި އަހަރުގެ ފުޓްސަލް ސީޒަނަށް ކްލަބް މޯލްޑިވްސް އިން އެކުލަވާލާފައިވާ ކަލަންޑަރު އިއުލާނުކޮށް، މެއި 15 ގައި ސީޒަން ފަށަން ނިންމައިފިއެވެ.
ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އަދި އެންމެ ގިނަ ދުވަސްވީ ފުޓްސަލް މުބާރާތްތައް ބާއްވަމުން އަންނަ ކްލަބް މޯލްޑިވްސް އިން މި އަހަރު ޖުމްލަ ހަތް މުބާރާތެއް ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ.
މި ސީޒަން ރަސްމީކޮށް ހުޅުވުމުގެ ގޮތުން އަންނަ މެއި މަހުގެ 15 ވަނަ ދުވަހު ފަށާނީ މިދިޔަ އަހަރެކޭ އެއްފަދައިން "ކިންގްސް ކަޕް" އެވެ. މި މުބާރާތަށް ފަހު، އަންހެން ކަނބަލުންނަށް ހާއްސަ "އެއިޓީން ތާޓީ ކްލަސިކް" މެއި 17 ގައި ފަށާއިރު، ކުޑަކުދިންގެ ހުނަރުތައް ފެނިގެންދާ "ކިޑްސަލް" މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 30 ވަނަ ދުވަހު އެވެ.
ކްލަބް މޯލްޑިވްސްގެ ފޯރި އިތުރަށް ގަދަވެގެންދާނީ މެއި މަހުގެ ފަހުކޮޅު ފަށާ އަންހެން ޑިވިޝަނުގެ މައި މުބާރާތް ކަމަށްވާ "އެއިޓީން ތާޓީ" އާ އެކުގައެވެ. މެއި 31 ގައި އެ މުބާރާތް ފަށާއިރު، ޖޫން މަހުގެ 7 ވަނަ ދުވަހު "ކްލަބް މޯލްޑިވްސް ކްލަސިކް" ފެށުމަށް ވަނީ ނިންމާފައެވެ.
ގިނަ ބަޔަކު އެންމެ އިންތިޒާރުކުރާ، ކްލަބް މޯލްޑިވްސްގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ "ކްލަބް މޯލްޑިވްސް ކަޕް" ފެށުމަށް ތާވަލުކޮށްފައިވަނީ ޖޫން މަހުގެ 20 ވަނަ ދުވަހަށެވެ.
މި ފޯރިގަދަ ސީޒަން ނިންމާލުމަށް ހަމަޖެހިފައިވަނީ އަމިއްލަ ކުންފުނިތަކަށް ހާއްސަކޮށްގެން ޖުލައި 21 ގައި ބާއްވާ "ސެކްޓާ ލީގު" އިންނެވެ.
މިދިޔަ އަހަރަކީ ފުޓްސަލްގެ ދާއިރާގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ފެނިގެންދިޔަ އަހަރެކެވެ. އެގޮތުން ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) އިން ވަނީ ކްލަބް މޯލްޑިވްސް ކަޕާއި ކިންގްސް ކަޕްގެ ޗެމްޕިއަންކަން ހޯދާފައެވެ.
އަންހެން ޑިވިޝަނުގެ ރަސްކަން ދިވެހި ސިފައިންގެ ކްލަބުން ކުރަމުން އަންނައިރު، އެއިޓީން ތާޓީ ކްލަސިކްގެ ތަށި އުފުލާލީ ޕްރިޒަން ކްލަބުންނެވެ.
މީގެ އިތުރުން ސެކްޓާ ލީގުގެ ޗެމްޕިއަންކަން އެރީނާ ހޮޓެލްސް އިން ހޯދިއިރު، ކްލަބް މޯލްޑިވްސް ކްލަސިކް ކާމިޔާބުކުރީ ކ. ގުރައިދޫގެ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު (އެޗްޕީއެސްއެން) އިންނެވެ.
މި އަހަރުގެ ކަލަންޑަރާ އެކު، މި ހުރިހާ ޓީމުތަކަކުން ވެސް ތަށި ދިފާއުކުރުމަށް ނުވަތަ އާ ޗެމްޕިއަނުންގެ ގޮތުގައި ތާރީހުން ޖާގަ ހޯދުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. އަދި ގިނަ ކުލަބުތަކުން ވަނީ ފަރިތަކުރުންތައްވެސް ފަށާފައެވެ.