ގައުމީ މެންޓަލް ހެލްތު ޑިޕާޓްމަންޓަށް ގިނަ އަދަދެއްގެ އިޖުތިމާއީ ޚިދުމަތްތެރިން ހޯދަން މިއަދު އިއުލާނުކޮށްފިއެވެ.
އެގޮތުން ހެލްތު މިނިސްޓްރީން މިއަދު ވަނީ، އިޖުތިމާއީ އިސް ނުވަ ޚިދުމަތްތެރިއަކު ހޯދަން އިއުލާނުކޮށްފައެވެ.
އަސާސީ މުސާރައިގެ ގޮތުގައި 12،261 ރުފިޔާ ދޭއިރު، އިނާޔަތުގެ ގޮތުގައި 5،721 ރުފިޔާ ލިބޭނެ ކަމަށް، އިއުލާނުގައިވެއެވެ.
ޑިއުޓީ އުސޫލުން އަދާކުރަންޖެހޭ ގޮތަށް ހަމަޖައްސައިފައިވާ، މި މަގާމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި، ހުށަހެޅޭ ނަފުސާނީ މައްސަލަތަކުގެ ތެރެއިން ހެލްޕްލައިން މެދުވެރިކޮށް، އަދި ނަފްސާނީ ބަލި ހުންނަ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި އެފަދަ ފަރާތްތައް ދިރިއުޅޭ ހާލަތު ވަޒަންކުރުމަށް ދިރިއުޅޭ ތަންތަނަށް ޒިޔާރަތްކުރުމުގެ މަސައްކަތް ރާވައި ހިންގުން ހިމެނެއެވެ.
އޭގެ އިތުރުން، ކަނޑައަޅައިފައިވާ އުސޫލުތަކުގެ ތެރެއިން، އެހީތެރިކަން ފޯރުކޮށްދިނުމުގައި ކުރަން ޖެހޭ މަސައްކަތްތައް ކުރުމާއި، ހެލްޕްލައިނަށް އަންނަ ކޯލުތަކަށް ފަރުވާތެރިކަމާއެކު ޖަވާބު ދިނުމާއި، އެ ކޯލުތައް ކުރާ ފަރާތްތަކުގެ މައުލޫމާތު ރައްކާކުރުން ހިމެނެއެވެ.
މި މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭ ދެން ހިމެނެނީ:
- ނަފުސާނީ މައްސަލަތައް ހުށަހަޅާ ފަރާތްތަކުގެ ހައްގުތައް ރައްކައުތެރިކޮށް، އަސާސީ ކަންކަން ފުރިހަމަކުރުމަށްޓަކައި އެ ފަރާތްތަކުގެ އާއިލާއާއި ކަމާގުޅުންހުރި ފަރާތްތަކާއެކު މަސައްކަތްކޮށް، ކަންކަން ވިލަރެސްކުރުން
- ނަފުސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކުގެ އެސެސްމަންޓު ހަދައި، އެކްޝަން ޕްލޭނެއް ތައްޔާރުުރުން
- ބަލިމީހުންނަށް ދިމާވާ ކުއްލި ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން
- ނަފުސާނީ ދުޅަހެޔޮކަން ހޯދައިދިނުމަށް ވަކާލާތުކޮށް، ނަފުސާނީ ސިއްހަތު ކުރިއެރުވުމަށާއި އާންމުން ހޭލުންތެރިކުރުވުމަށް މަސައްކަތްކުރުން
- ސިއްހީ އެމަޖެންސީތަކާއި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން
އިޖުތިމާއީ އިސް ނުވަ ޚިދުމަތްތެރިއަކު ހެލްތު މިނިސްޓްރީގައި ހުންނަ މެންޓަލް ހެލްތު ޑިޕަޓްމަންޓަށް ހޯދަން ހުޅުވާލީ، ގައުމީ ޔުނިވާސިޓީގެ ދަނާލުގައި ހުރި 18 އަހަރގެ އަންހެން ކުއްޖަކު ނިޔާވި މައްސަލައިގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްްޓަރު ޢަލީ އިޙްސާން، އެ ކުއްޖާގެ ޒާތީ މައުލޫމާތު ހާމަކުރެއްވުމާ ގުޅިގެންނެވެ.
އިޙްސާންގެ އެ އަމަލަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކޮށް، ގިނަ ބަޔަކު ވަނީ އޭނާގެ އިސްތިއުފާއަށް ގޮވައިލައިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މީގެ ކުރިން ވެސް މާލޭގެ ގެއެއްގެ ބެލްކަނީން ވެއްޓުނު ކުއްޖަކާ ގުޅޭ ގޮތުން އަމާޒުވި ތުހުމަތުތަކަކަށް ރައްދު ދޭން ވެސް އެ ކުއްޖާގެ ޒާތީ މައުލޫމާތުތަކެއް އާންމުކުރުމުން ގިނަ ބަޔަކު ނުރުހުން ފާޅުކުރިއެވެ. އަދި، މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް ކުއްޖަކު ވެއްޓުނު ހާދިސާގައި ވެސް ފުލުހުން އަމަލުކުރި ގޮތުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރިއެވެ.