އެމެރިކާގެ މަންދޫބުން ޕާކިސްތާނަށް ނުފޮނުވަން ނިންމި ސަބަބު ހާމަކޮށްފި

އީރާނާއެކު ސުލްހައިގެ ވާހަކަތައް ކުރިއަށް ގެންދިއުމަށް އެމެރިކާގެ މަންދޫބުން ޕާކިސްތާނަށް ނުފޮނުވަން ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފިއެވެ. މިކަން މިގޮތަށް ނިންމެވީ އެމެރިކާގެ ހުށަހެޅުންތަކަށް އީރާނުން ދެކޮޅު ހަދަމުންދާތީ، މަޝްވަރާތައް ފެއިލްވާނެކަމަށް ބަލައި ބޭކާރު ޚަރަދު ކުޑަކުރުމުގެ ގޮތުންނެވެ. އީރާނުގެ ބަނދަރުތައް އެމެރިކާއިން ހިސާރުކޮށްފައިވުމާއި، އެމެރިކާގެ ޑިމާންޑްތަކަށް އީރާނުން ބޯނުލެނބުމަކީ މަޝްވަރާތައް ހުއްޓުމަކަށް އައި މައިގަނޑު ސަބަބެވެ.

  • އެމެރިކާގެ ހުށަހެޅުންތަކަށް އީރާނުން އެއްބަސްނުވުމުން ޕާކިސްތާނުގައި ބާއްވަން އުޅުނު މަޝްވަރާތައް ކެންސަލްކުރުން
  • އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އިރަގްޖީ ޕާކިސްތާނަށް ވަޑައިގަތުމަށްފަހު ކުއްލި ގޮތަކަށް އުމާނަށް ފުރާވަޑައިގަތުން
  • އެމެރިކާއިން އީރާނުގެ ބަނދަރުތައް ހިސާރުކޮށްފައި އޮތް އޮތުން ނިމުމަކަށް ނުގެންނަނީސް މަޝްވަރާކުރަން އީރާނުން ދެކޮޅުހެދުން
  • އެމެރިކާއާއި އީރާނާ ދެމެދު މެސެޖުތައް ބަދަލުކުރުމުގައި ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކުރަމުންދިއުން

ވޮޝިންޓަން (26 އެޕްރީލް 2026): އީރާނާ އެކު ސުލްހައިގެ ވާހަކަތަކުގެ އިތުރު ބުރެއް ބޭއްވުމަށްޓަކައި އެމެރިކާގެ މަންދޫބުން ޕާކިސްތާނަށް ނުފޮނުވަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޓްރަމްޕް ނިންމެވި ސަބަބު އެ މަނިކުފާނު ހާމަކުރައްވައިފިއެވެ.

ވައިޓް ހައުސްގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި ޓްރަމްޕް ވިދާޅުވީ، އީރާނުގެ މަންދޫބުންނާ މަޝްވަރާކުރުމަށް އެމެރިކާގެ މަންދޫބުން ނުފޮނުވީ އެމެރިކާގެ ހުށަހެޅުންތައް ގަބޫލުކުރަން އަދިވެސް އީރާން ދެކޮޅު ހަދަމުން ގެންދާތީއެވެ. މި ހާލަތުގައި އެމެރިކާގެ މަންދޫބުން ފޮނުވި ނަމަވެސް މަޝްވަރާތައް ފެއިލްވާނެތީއާއި އެމެރިކާގެ މަންދޫބުންގެ ދަތުރަށް ހިނގާނެ ޚަރަދަކީ ބޭކާރު ޚަރަދަކަށްވާނެތީ އެގޮތަށް ނިންމެވީ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އިރަގްޖީ ވަނީ މިދިޔަ ހުކުރުދުވަހު ޕާކިސްތާނަށް ވަޑައިގެން ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ އާސިމް މުނީރާއި ޚާރިޖީ ވަޒީރު އިސްހާގް ދާރުއާ ބައްދަލުކުރައްވާފައެވެ. އިރަގްޖީ ޕާކިސްތާނުގައި ހުންނަވަނިކޮށް އެމެރިކާގެ މަންދޫބުން ކަމަށްވާ ސްޓީވް ވިޓްކޮފާއި، ޖެރަޑް ކުޝްނަރވެސް ޕާކިސްތާނަށް ވަޑައިގަންނަވާނެކަމަށް ޕާކިސްތާންގެ މަސްއޫލުވެރިން ވިދާޅުވިއެވެ.

ނަމަވެސް، އެއަށް ފަހު އީރާނުގެ ޚާރިޖީ ވަޒީރު ކުއްލިގޮތަކަށް ޕާކިސްތާނުން ފުރާވަޑައިގެން އުމާންއަށް ވަޑައިގެންނެވީއެވެ. އަދި، މިއާއެކު ޓްރަމްޕް ވަނީ ޕާކިސްތާނަށް ފޮނުވަން ހަމަޖެހިފައިވާ އެމެރިކާގެ ވަފްދުގެ ދަތުރު ކެންސަލްކުރިކަން ހާމަކުރައްވާފައެވެ.

ރިޕޯޓްތައް ބުނާގޮތުން އެމެރިކާއިން އީރާނުގެ ބަނދަރުތައް ހިސާރުކޮށްފައިވާތީ އެކަން ހުއްޓައިނުލަނީސް އެމެރިކާއާއެކު ސުލްހައިގެ ވާހަކަދައްކަން އީރާނުގެ މަސްއޫލުވެރިން ދެކޮޅު ހެއްދެވުމަކީ އެމެރިކާގެ ވަފްދުގެ ދަތުރު ކެންސަލްކުރަން ޓްރަމްޕަށް މަޖުބޫރުވި މައިގަނޑު ސަބަބެވެ. މީގެ އިތުރުން، އެމެރިކާ އެދޭކަންކަމަށް އެއްބަސްވާން އީރާން ތައްޔާރަށް ނެތުމާއި އެމެރިކާ ބޭނުންވަނީ އީރާން އަމާންދިނުންކަމަށްވާތީ މި ހާލަތުގައި އެމެރިކާގެ ވަފްދާ މަޝްވަރާކުރަން އީރާން ބޭނުންނުވުމަކީ ވެސް އެމެރިކާގެ ވަފްދުގެ ދަތުރު ކެންސަލްކުރަން ޓްރަމްޕަށް މަޖުބޫރުވި ސަބަބެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެމެރިކާއާއި އީރާނުގެ ވާހަކަތައް ފެށޭނެގޮތެއް ނެތުމުން އީރާނާ ދެކޮޅަށް އިސްރާއީލާއި އެމެރިކާ ފެށި ޣައިރުގާނޫނީ ހަނގުރާމަ ނިމުމަކަށް ގެނެވޭނެ އެއްބަސްވުމަކަށް ކައިރި މުސްތަގުބަލެއްގައި އާދެވިދާނެކަމާމެދުވަނީ ސުވާލު އުފެދިފައެވެ. މިހާރު މި އުދުވާނީ އަދި ޣައިރު ގާނޫނީ ހަނގުރާމަ އޮތީ މެދުކަނޑާލާފައެވެ. އެންމެ ފަހުން ލިބޭ ޚަބަރުތައް ބުނާގޮތުން އީރާނުގެ ޚާރިޖީ ވަޒީރު މިއަދު ޗައިނާއަށް ވަޑައިގަންނަވާނެއެވެ. އެއަށް ފަހު އަނެއްކާ ޕާކިސްތާނަށް ވަޑައިގަންނަވާނެއެވެ. އީރާނުގެ މެސެޖްތައް އެމެރިކާއަށް ފޯރުކޮށްދެނީ ޕާކިސްތާން މެދުވެރިކޮށެެވެ.

comment ކޮމެންޓް