ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި ބާއްވާ މުއްދަތު އެމެރިކާއިން އިތުރު ކުރަނީ

ހުރުމްޒް ކަނޑުއޮޅި. ކަނޑުއޮޅި ބަންދުކޮށްފައި ބާއްވާ މުއްދަތު އިތުރު ކުރުމަށް އެމެރިކާއިން ވަނީ ނިންމާފައި.ފޮޓޯ/ރޮއިޓާސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހުރްމުޒް ކަނޑުއޮޅިއަށް އަޅާފައި އޮތް ބްލޮކޭޑް ދިގުދަންމާލުމަށް ކަނޑުގެ ސިފައިންނަށް އަންގަވާފައެވެ. މީގެ މައިގަނޑު މަގްސަދަކީ އީރާނުގެ ތެޔޮ އެކްސްޕޯޓުކުރުމަށް ހުރަސްއަޅައި އެގައުމަށް ޕްރެޝާ ކުރުމެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ބްރެންޓް ކްރޫޑް ތެޔޮ ފީފާއެއްގެ އަގު ވަނީ 111 ޑޮލަރަށް އުފުލިފައެވެ. ހަނގުރާމަ ވަގުތީގޮތުން މެދުކަނޑާލާފައި އޮތް ނަމަވެސް، ކަނޑުއޮޅީގެ މައްސަލައާއި ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން ދެ ގައުމުގެ ދެމެދުގައި ހުރި ޚިޔާލު ތަފާތުވުންތަކުގެ ސަބަބުން ދާއިމީ ހައްލެއް ނުލިބި މައްސަލަ ދިގުދެމިގެންދާނެ ކަމަށް ބެލެވެއެވެ.

  • ހުރްމުޒް ކަނޑުއޮޅީގެ ބްލޮކޭޑް ދިގުދަންމާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންގަވައިފި
  • އެމެރިކާގެ ބޭނުމަކީ އީރާނުގެ ބަނދަރުތަކަށް ހުރަސްއަޅައި ތެލުގެ ވިޔަފާރިއަށް ޕްރެޝާ ކުރުން
  • ބްލޮކޭޑްގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 111 ޑޮލަރަށް ވަނީ އުފުލިފައި
  • ދާއިމީ ސުލްހައަކަށް ނާދެވިފައިވަނީ ނިއުކްލިއާ މައްސަލައާއި ކަނޑުއޮޅީގެ މައްސަލައިގައި އޮތް ޚިޔާލު ތަފާތުވުންތަކާ ހެދި

އެމެރިކާއިން ހުރްމުޒް ކަނޑުއޮޅިއަށް އަޅާފައި އޮތް ބްލޮކޭޑް ދިގުދަންމާލަން ތައްޔާރުވުމަށް އެމެރިކާގެ ކަނޑުގެ ސިފައިންނަށް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންގަވައިފިއެވެ.

ވޯލް ސްޓްރީޓް ޖާނަލް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިސް އޮފިޝަލުންނާއެކު ބޭއްވެވި ބައްދަލުވުމެއްގައި ޓްރަމްޕަ ވަނީ އީރާނުގެ ތެޔޮ އެކްސްޕޯޓުކުރުމަށް ޕްރެޝާ ކުރުމުގެ ގޮތުން ކަނޑުއޮޅިން ދަތުރުކުރެވޭ އީރާނުގެ ބަނދަރުތަކަށް ހުރަސް އަޅާފައި ބާއްވާ މުއްދަތު އަދިވެސް އިތުރު ކުރުމަށް ނިންމަވާފައެވެ.

އަދި އެއީ ހަމަލާތައް އަލުން ފެށުމަށްވުރެ ގެއްލުން ކުޑަ ކަމެއް ކަމަށްވެސް އެ ނޫހުން ބުނެފައިވެއެވެ.

އެ ނިންމެވުމާއެކު، ހަނގުރާމަ މެދުކަނޑާލާފައި އޮތް ނަމަވެސް މައްސަލައަށް ދާއިމީ ހައްލެއް ނުލިބި ދިގުދެމިގެންދާނެ ކަމަށް ބެލެވެއެވެ.

އެމެރިކާއިން އީރާނުގެ ބަނދަރުތަކަށް ދާ ބޯޓުތަކަށް ހުރަސްއަޅައި އެގައުމުގެ ތެލުގެ އާމްދަނީ ހުއްޓުވަން މަސައްކަތް ކުރަމުން އަންނައިރު، އީރާނުން ވަނީ އެ ކަނޑުއޮޅި އެހެން ހުރިހާ އުޅަނދުތަކަކަށް ބަންދުކޮށްފައެވެ.

އީރާނުން ބޭނުންވަނީ ވީހާވެސް އަވަހަކަށް ކަނޑުއޮޅި ހުޅުވަން ކަމަށްވެސް މިއަދު ކުރެއްވި ޕޯސްޓެއްގައި ޓްރަމްްޕް ވަނީ ވިދާޅުވެފައެވެ.

އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ އިތުރު މަޝްވަރާތައް ފަސްކުރުމާއެކު އެމެރިކާއިން އީރާނުގެ ބަނދަރުތަކަށް ހުރަސް އެޅުން ހުއްޓާލައިިފިނަމަ، ކަނޑުއޮޅި އަލުން ހުޅުވުމަށް ވަގުތީ އެއްބަސްވުމެއް ގާއިމުކުރެވިދާނެ ކަމުގެ އިޝާރާތެއް އީރާނުން މީގެކުރިން ވަނީ ދީފައެވެ.

ނަމަވެސް އެއީ އެމެރިކާއިން ގަބޫލުވާނެ ކަމެއް ކަމަކަށް ނުބެލެވެއެވެ.

ދެ ގައުމުގެ ސުލްހައިގެ މަޝްވަރާތަކުގައި މެދުވެރިވާ ޕާކިސްތާނުގެ މަސްދަރަކާ ހަވާލާދީ ސީއެންއެން އިން ބުނެފައިވާ ގޮތުގައި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި އީރާނުން އާ ހުށަހެޅުމެއް ހުށަހަޅާނެއެވެ.

ޓްރަމްޕްގެ ނިންމެވުމުގެ ސަބަބުން ކަނޑުއޮޅި ބަންދުކޮށްފައި އޮންނަ މުއްދަތު އިތުރުވާނެ ކަމަށް ބެލެވޭތީ، ތެލުގެ އަގު އުފުލި ބައިންލައަގުވާމީ ބެންޗްމާކް ކަމަށްވާ، ބްރެންޓް ކްރޫޑް ތެޔޮ ފީފާއެއްގެ އަގު ވަނީ 111 ޑޮލަރަށް އުފުލިފައެވެ.

މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ހަނގުރާމަ މެދުކަނޑާލާފައިއޮތްއިރު، ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ދާއީމީ އެއްބަސްވުމަކަށް ނާދެވިފައި ވަނީ ހުރްމުޒް ކަނޑުއޮޅިއާއި އީރާނުގެ ނިއުކްލިއާ މައްސަލައާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި އޮތް ޚިޔާލު ތަފާތުވުންތަކުގެ ސަބަބުންނެވެ.

comment ކޮމެންޓް