ކަރަންޓު ބިލުތައް ދެގުނައަށް ބޮޑުވި ކަމަށް ބުނެ، ވެލިދޫ ރައްޔިތުން ފެނަކަ ކުރިމަތީގައި މުޒާހަރާކޮށްފި

ކަރަންޓު ބިލު ދެގުނައަށް ބޮޑުވި ކަމަށް ބުނެ، ވެލިދޫ ރައްޔިތުން ކުރި މުޒާހަރާގެ ތެރެއިން --- ފޮޓޯ: އެމްޑީޕީ ވެލިދޫ/ ފޭސްބުކް

ކަރަންޓު ބިލު ދެ ގުނައަށް ބޮޑުވިކަމަށް ބުނެ ވެލިދޫ ރައްޔިތުން ފެނަކަ ކުރިމަތީގައި މިއަދު މުޒާހަރާކޮށްފިއެވެ.

ވެލިދޫ ފެނަކަ އޮފީސް ކުރިމަތީގައި އާންމުން ކުރި މުޒާހަރާގައި ވަނީ އެކި ޝުއޫރުތައް ލިޔެފައިވާ ޕޯސްޓަރުތައް ބޭނުންކޮށްފައެވެ.

މިކަމާ ގުޅިގެން 'ސަން'އިން ސުވާލުކުރުމުން ވެލިދޫ ކައުންސިލް ރައީސް އާތިފް ހުސައިން ވިދާޅުވީ އެރަށުގެ ބައެއް ގޭގޭގެ ކަރަންޓު ބިލު ދެގުނައަށް ބޮޑުވެ ބިލުތައް 8،000 އަދި 9،000 ރުފިޔާއަށް ވެސް އަރާފައި އެބަހުރި ކަމަށެވެ.

މިކަންކަމާ ގުޅިގެން އެރަށުގެ ބައެއް ރައްޔިތުން މީގެ ކުރިން ވެސް މުޒާހަރާ ކޮށްފައިވާކަން ފާހަގަކޮށް އާތިފް ވިދާޅުވީ، މިއަދު ރައްޔިތުން މުޒާހަރާކުރީ ހަމައެކަނި ކަރަންޓު ބިލު ބޮޑުވެގެން ނޫންކަމަށެވެ. އެގޮތުން ޓްރާންސްފޯމަރުތައް ނިންމައިދިނުމާއި، ފެނާއި ނަރުދަމާގެ ކަނެކްޝަން އަޅައިދިނުމަށްވެސް ބައިވެރީން މުޒާހަރާގައި ގޮވާލައިފައިވާކަމަށް އާތިފް ވިދާޅުވިއެވެ.

ކަރަންޓު ބިލު ދެގުނައަށް ބޮޑުވި ކަމަށް ބުނެ، ވެލިދޫ ރައްޔިތުން ކުރި މުޒާހަރާގެ ތެރެއިން --- ފޮޓޯ: އެމްޑީޕީ ވެލިދޫ/ ފޭސްބުކް

އާތިފް ވިދާޅުވީ އެރަށުގައި އަލަށް ކަނެކްޝަން އަޅާ ޓްރާންސްފޯމަރުތަކުގެ ހަޓުތައް ހެދުމުގެ މަސައްކަތަކީ ނިމިދިޔަ ސަރުކާރުގައި ފަށާފައިވާ މަސައްކަތެއް ނަމަވެސް މިހާތަނަށް އައިރު ފެނަކަ މުއައްޒަފުންނަށް ހެދުނީ އެންމެ ހަޓެއް ކަމަށެވެ.

މީގެ އިތުރުން އަލަށް އެރަށުގައި ފެނާއި ނަރުދަމާގެ ކަނެކްޝަން އަޅަންޖެހޭ 100 އަށްވުރެ ގިނަ ގެތައް އެބަހުރި ކަމަށް ކައުންސިލްގެ ރައީސް މައުލޫމާތު ދެއްވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ މަހުގެ ކަރަންޓު ބިލު ބޮޑުވެގެން ސްޓެލްކޯގެ ކަސްޓަމަރުންނާއި، ފެނަކައިގެ ޚިދުމަތް ހޯދާ ރައްޔިތުން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ވަކިން ޚާއްސަކޮށް ރޯދަމަހުގެ ޑިސްކައުންޓާއެކު އެންމެ 400 ރުފިޔާގެ ބިލެއް ދެއްކުމަށްފަހު، މި މަހުގެ ބިލު މިހާ ބޮޑުވުމުން ގިނަ ރައްޔިތުންތަކެއް އަންނަނީ ބިލު ބޮޑުވި ގޮތާމެދު ސުވާލު އުފައްދަމުންނެވެ.

ކަރަންޓު ބިލު ދެގުނައަށް ބޮޑުވި ކަމަށް ބުނެ، ވެލިދޫ ރައްޔިތުން ކުރި މުޒާހަރާގެ ތެރެއިން --- ފޮޓޯ: އެމްޑީޕީ ވެލިދޫ/ ފޭސްބުކް

މި މައްސަލައާއި ގުޅިގެން ފެނަކައިން ވަނީ ކަރަންޓު ބިލު، ބިލުކުރުމުގައި މައްސަލައެއް ނޫޅޭނެ ކަމަށާއި ބިލު ބޮޑުވެފައި ވަނީ ހޫނުވުމުގެ ސަބަބުން ކަރަންޓު އުފެއްދި މިންވަރު އިތުރުވުމުން ކަމަށް ބުނެފައެވެ.

https://sun.mv/221167

ޕީއެސްއެމްގެ ޕްރޮގްރާމަކަށް ދެއްވި އިންޓަވިއުއެއްގައި ފެނަކަ ކޯޕަރޭޝަންގެ ޗީފް ޓެކްނިކަލް އޮފިސަރު އަބްދުﷲ ނާޝިތު ވަނީ ފެނަކައިން ބޭނުންކުރާ މީޓަރުތަކަކީ ރަނގަޅަށް މިންކުރެވިގެން ރީޑިންތައް ނެގޭ މީޓަރުތަކެއް ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި އެންމެ ހޫނު ދުވަސްވަރަކީ މާޗު މަހާއި، އެޕްރީލް މަސް ކަމަށެވެ. މީގެ ކުރިއަށް ބަލާއިރު ވެސް ކޮންމެ ހޫނު މޫސުމެއްްގައި، ހޫނުވާ މިންވަރަކުން ބިލު ބޮޑުވާކަން ފާހަގަވާކަމަށް ނާޝިތު ވިދާޅުވިއެވެ.

އޭގެކުރިން ފެނަކައިން ވަނީ މައްސަލައެއް އުޅޭކަމަށް ޝައްކުކުރެވޭ ބިލުތައް އަލުން ބަލައިދޭނެ ކަމަށް ވެސް ބުނެފައެވެ.

https://sun.mv/221135

އޭރު ފެނަކައިން ވަނީ އެ ކުންފުނިން ތައްޔާރުކޮށްފައިވާ އެއްވެސް ކަރަންޓު ބިލެއްގައި މައްސަލައެއްް އުޅޭކަމަށް ޝައްކުކުރެވޭނަމަ، އަދި ރީޑިން އިތުރަށް ޗެކްކުރަން ބޭނުންވާނަމަ، އެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް ބުނެފައެވެ.

comment ކޮމެންޓް