މީޑިއާގެ މަދަނީ ގަވައިދުތަކުގެ ދަށުން ހައްލުކުރަން ޖެހޭ ކަންކަމުގައި ޖިނާއީ ގާނޫނުގެ މާއްދާތައް ބޭނުންކުރުމަކީ މިނިވަން ނޫސްވެރިކަމަށް އޮތް ހުރަހެއް ކަމަށް ބުނެ، އަދަދު ނޫހުގެ އޮފީސް ފުލުހުން ފާސްކުރި މައްސަލައިގައި ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އަދަދު ނޫހުން އާންމުކުރި 'އައިޝާ' ޑޮކިއުމަންޓްރީގެ މައްސަލައިގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ފުލުހުން ވަނީ އެ ނޫސް ހިންގާ އޮފީސް ފާސްކޮށްފައެވެ. އެ ރޭ، އަދަދު ހިންގުމަށް ދަތިވާ ގޮތަށް ގިނަ އިލެކްޓްރޯނިކް ސާމާނުތައް ވަނީ ގެންގޮސްފައެވެ.
އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ނެރުނު ބަޔާނެއްގައި ވަނީ، މީހަކު ހާމަކުރާ މައުލޫމާތެއްގެ މަސްދަރު ހާމަކުރަން މަޖުބޫރުކޮށްގެން ނުވާނެ ކަމަށް ގާނޫނުގައި ބުނާ ކަމަށެވެ. އެކަމަކު، އަދަދުގެ ނޫސްވެރިން ބޭނުންކުރަމުން ދިޔަ އިލެކްޓްރޯނިކް ސާމާނުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމުން އެ ނޫސްވެރިންގެ މަސްދަރުތައް ހާމަވުމުގެ ފުރުސަތު ބޮޑު ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

ފުލުހުން އަދަދު ނޫސް ބަލައި ފާސްކުރަނީ -- ފޮޓޯ/ އަދަދު، ފޭސްބުކް ލައިވް
އޭގެ އިތުރަށް، މީޑިއާގެ މަދަނީ ގަވައިދުތަކުގެ ދަށުން ހައްލުކުރަން ޖެހޭ ކަންކަމުގައި ޖިނާއީ ގާނޫނުގެ މާއްދާތައް ބޭނުންކުރުމަކީ ނޫސްވެރިކަމަށް އޮތް ހުރަހެއްގެ ގޮތުގައި ޓްރާންސްޕޭރަންސީން ވަނީ ސިފަކޮށްފައެވެ. އަދި އެއީ، ރާއްޖޭގައި އޮތް މިނިވަން ނޫސްވެރިކަމަށް ބިރުވެރި ނަތީޖާއެއް އަތުވެދާނެ ކަމެއް ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.
ޓްރާންޕޭރަންސީ މޯލްޑިވްސްއިން ބުނީ، ނޫސްވެރިކަމުގެ މިނިވަންކަން ރައްކާތެރިކުރުމަށާއި ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން ޖަވާބުދާރީވުމަށް ހަދާފައިވާ މަދަނީ އިޖުރާއަތްތަކަށް ކަމާ ބެހޭ ފަރާތްތަކުން އަމަލުނުކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
އެ ޖަމިއްޔާއިން ކަންބޮޑުވުން ފާޅުކުރިއިރު، މި މައްސަލައިގައި މިއަދު އަދަދު ނޫހުގެ ސީއީއޯ އަދި ޗީފް އެޑިޓަރު ހުސައިން ފިޔާޒް މޫސާއާއި އެ ނޫހުގެ މެނޭޖިން އެޑިޓަރު ހަސަން މުހައްމަދު މިއަދު ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ.
އެއާއެކު، ފިޔާޒާއި ހަސަން ވެސް ވަނީ ތަހުގީގުގައި ހަނު ހުރުމުގެ ހައްގު ބޭނުންކޮށްފައެވެ. އަދި ޖިނާއީ ފަސް ކުށެއްގެ ތުހުމަތު ފިޔާޒަށް ކުރިއިރު ހަސަންއަށް ވަނީ ޖިނާއީ ތިން ކުށެއް ކުރި ކަމުގެ ތުހުމަތު ކޮށްފައެވެ.
ފުލުހުން އަންނަނީ ރައީސް މުޢިއްޒަށް އަމާޒުކޮށް ހަދާފައިވާ ޑޮކިއުމަންޓްރީގެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުންނެވެ.
އެގޮތުން ފިޔާޒާއި ހަސަނުގެ އިތުރުން ސަރުކާރުގެ ސިޔާސީ މަގާމުތަކެއް ކުރިން ފުރުއްވި އީޝާ އަޝްރަފްގެ ޕާސްޕޯޓު ވެސް މިހާރު ވަނީ ހިފަހައްޓައިފައެވެ.
ފުލުހުން 'އަދަދު' ނޫހުގެ އޮފީހަށް ވަތް މައްސަލައިގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. އަދި މިކަމާ ގުޅިގެން ބައެއް ނޫސްވެރިން ވަނީ އެ އޮފީސް ކުރިމަތީގައި ސުލްހަވެރި އިހުތިޖާޖެއް ވެސް ކޮށްފައެވެ. ގިނަ ބަޔަކު އަންނަނީ ނޫސްވެރިކަމުގެ މިނިވަންކަމާމެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.