ގޮނޑި ގެއްލޭ އިސްލާހު ފަދަ ގާނޫނުއަސާސީއަށް ގެންނަ ބަދަލުތަކަކީ ސިޔާސީ މައިދާނުން ފެންނަ ނޭދެވޭ ކަންކަމުން އަރައިގަތުމަށް "މަގު ކޮށުން" ކަމަށް ސަރުކާރު މައި ޕާޓީ ޕީއެންސީން މިއަދު ބުނެފިއެވެ.
އެ ޕާޓީން އެފަދައިން ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން، ނުވަތަ ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރެވޭނެ ހަމައެއް ނެތްކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކޮށްފައި ވަނިކޮށެވެ.
މިއީ މިދިޔަ އަހަރު ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.
މި މައްސަލަ ނިންމަވަން ފެނިވަޑައިގަންނަވާކަމަށް އުއްތަމަ ފަނޑިޔާރު ހުށަހެޅުއްވި ގޮތަކީ މި އިސްލާހަކީ ބާތިލް އިސްލާހެއްކަމަށް ކަނޑައެޅޭނެ ހަމައެއް ނެތްކަމަށާއި 20ވަނަ ރައްޔިތުންގެ މަޖިލީހުގެ މައްޗަށް މި އިސްލާހު ތަންފީޒުނުކުރެވޭނެކަމަށް ކަނޑައެޅޭނެ އަސާސެއް ނެތްކަމަށެވެ.
ސުޕްރީމް ކޯޓުގެ ހުކުމަށް މަރުހަބާ ކިޔައި، ޕީއެންސީން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ ކޯޓުން މިއަދުގެ ނިންމުމުގައި ފާހަގަކުރި މުހިންމު ނުކުތާތަކުގެ ތެރޭގައި އެންޓި-ޑިފެކްޝަން ނުވަތަ ޕާޓީ ބަދަލުކުރުން މަނާކުރުމުގެ އުސޫލަކީ ދުނިޔޭގެ ޑިމޮކްރެޓިކް ގައުމުތަކުގައި ތަންފީޒުކުރެވޭ އުސޫލެއް ކަމަށް ފާހަގަކުރި ކަމަށެވެ. އަދި ރާއްޖެ ފަދަ ރިޔާސީ ނިޒާމުގެ މައްޗަށް ބިނާވެފައިވާ ގާނޫނުއަސާސީތަކަށް އަމަލުކުރަމުންދާ ގައުމުތަކުގައި ވެސް މިފަދަ އުސޫލުތައް ތަތުބީގުކުރަމުންދާކަން ފާހަގަކޮށްފައިވާ ކަމަށް ޕީއެންސީން ބުންޏެވެ.
ހަމައެއާއެކު މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުން މަނާކުރުމުގެ އުސޫލަކީ ރައްޔިތުންގެ މަޖިލީހުގެ އަސްތިގުރާރު ނަގަހައްޓައި، ސިޔާސީ ޕާޓީތަކުގެ ނިޒާމު ހަރުދަނާކޮށްދޭނެ ކަމެއްގެ ގޮތުގައި ސުޕްރީމް ކޯޓުން ސިފަކޮށްފައިވާ ކަމަށް ވެސް ޕީއެންސީން ބުންޏެވެ. އަދި މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުން މަނާކުރުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އެއްވެސް ހައްގަކަށް އުނިކަން ލިބޭނެ ކަމެއް ނޫން ކަމަށް ވެސް ޕީއެންސީން ބުންޏެވެ.
އިތުރަށް އެ ހުކުމުގައި ބުނެފައިވާ ގޮތުން މަޖިލީހުގެ މެންބަރުން ދައުރުގެ ތެރޭގައި މަޖިލީހުގެ މަގާމުގައި ތިއްބަވާނެ ގޮތުގެ އޮނިގަނޑު ގާނޫނުއަސާސީގައި ބަޔާންކޮށްފައި އޮތް ގޮތަށް ގެނެވުނު އިސްލާހަކީ، މެންބަރުންގެ އިންތިޚާބީ މެންޑޭޓުގެ އަސްލަށް ބަދަލެއް އަދި އުނިކަމެއް ނާންނާނެކަން ކަށަވަރުކޮށްދޭ އިސްލާހެއް ކަމަށް ޕީއެންސީން ބުންޏެވެ.
ތަޅުން ހުރަސްކޮށް ޕާޓީ ބަދަލުކުރުން މަނާކުރުމުގެ އުސޫލަކީ ރައްޔިތުންގެ މަންދޫބުންގެ ނަޒާހާތްތެރިކަން އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ޖަވާބުދާރީވުން އިތުރުކުރުމުގެ ގޮތުން އެހެނިހެން ޑިމޮކްރެޓިކް މުޖުތަމައުތަކުގައި ވެސް އަމަލުކުރަމުންދާ އުސޫލެއްކަން ސުޕްރީމް ކޯޓުން ފާހަގަކުރި ކަމަށް ޕީއެންސީން ބުންޏެވެ.
އެ ހުކުމުގައި ބަޔާންކުރި ހަގީގަތްތަކުގެ އަލީގައި ސަރުކާރުން ހުށަހަޅައި، އެ ޕާޓީގެ އަޣުލަބިއްޔަތު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީއަށް ގެނައި މި އިސްލާހަކީ ރާއްޖޭގެ ސިޔާސީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ކޮރަޕްޝަނާއި ފަސާދައިން ސަލާމަތްކޮށް، ގާނޫނު ހަދާ މަޖިލީހުގެ ނަޒާހާތްތެރިކަން އިތުރުކުރުމުގެ ހެޔޮ ނިޔަތުގައި ގެނައި ބަދަލެއްކަން ޔަގީންވާ ކަމަށް ޕީއެންސީން ބުންޏެވެ.
އަދި މި ބަދަލުގެ ބޭނުމަކީ ގިނަ ޕާޓީ ބައިވެރިވާ ޑިމޮކްރެޓިކް ނިޒާމަކަށް އަމަލުކުރަން ފެށިފަހުން ރާއްޖޭގެ ސިޔާސީ މައިދާނުން ފެންނަމުން އައި ނޭދެވޭ ކަންކަމުން އަރައިގަތުމަށް މަގު ކޮށުން ކަމަށް ޕީއެންސީން ބުންޏެވެ.
ރައީސުލްޖުމްޙޫރިއްޔާ އަދި މި ޕާޓީގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ ރާއްޖޭގެ ސިޔާސީ ނިޒާމުގައި ހުރި މިފަދަ އުނިކަންކަން އިސްލާހުކުރައްވައި، ހަމަޖެހުމާއި ތަރައްގީއަށް މަގުފަހިވާނެ ގޮތަށް ރާއްޖޭގެ ކަންކަން ތަރުތީބުކުރެއްވުމާއެކު އެންމެހާ ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން ކަށަވަރުކޮށްދެއްވުން، ޕީއެންސީގެ ބަޔާން
ޕީއެންސީން ބުނީ އެ ޕާޓީން ކުރިއަށް އޮތް ތަނުގައި ވެސް އަމަލުކުރަމުންދާނީ ޑިމޮކްރަސީގެ އުސޫލުތަކާ އެއްގޮތަށް، ރާއްޖޭގެ ރައްޔިތުންނަށް އެންމެ ލާބަހުރި ގޮތަށްކަން ޔަގީންކޮށް އަރުވާ ކަމަށެވެ.