މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕް 2026 ފައިނަލް: ނައިފަރު ޗެލްސީ - މާޒިޔާ ޖޫނިއާސް| ޕްރިވިއު

ނޫނު އަތޮޅުގައި ކުރިއަށްދާ ވިންޑް ވޮރިއާސް ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕް 2026 ގެ ފައިނަލް މެޗު މިރޭ ކެނދިކުޅުދޫގައި ކުޅޭނެއެވެ. މި މެޗުގައި ބައްދަލުކުރާނީ މުބާރާތުގައި ބައިކޮޅަށް ގޯލެއް ނުވަދެ ފައިނަލަށް ދަތުރުކުރި ތަޖުރިބާކާރު ނައިފަރު ޗެލްސީ އާއި އަލަށް ބައިވެރިވެ މޮޅު ކުޅުމެއް ދައްކަމުން އަންނަ ޒުވާން މާޒިޔާ ޖޫނިއާސްއެވެ. ވޭތުވެދިޔަ ދެ އަހަރުގެ ފައިނަލުން ބަލިވި ނައިފަރުން މިރޭ ނުކުންނާނީ ތަށި ހޯދުމުގެ ވަރުގަދަ އަޒުމުގައެވެ. އަނެއްކޮޅުން މާޒިޔާގެ އުންމީދަކީ ޒުވާން ކުޅުންތެރިންނާއެކު ތާރީޚީ ކާމިޔާބީއެއް ހޯދުމެވެ. މި މެޗު ވެގެންދާނީ ނައިފަރުގެ ތަޖުރިބާ އާއި މާޒިޔާގެ ޒުވާން ޖޯޝުގެ ވަރުގަދަ ކުރިމަތިލުމަކަށެވެ.

  • މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕް 2026 ގެ ފައިނަލް މެޗު މިރޭ ކެނދިކުޅުދޫގައި އޮންނާނެއެވެ.
  • ފައިނަލުގައި ވާދަކުރާނީ ނައިފަރު ޗެލްސީ އާއި މާޒިޔާ ޖޫނިއާސްއެވެ.
  • ނައިފަރު ޗެލްސީ ފައިނަލަށް ދަތުރުކުރީ ބައިކޮޅަށް އެއްވެސް ގޯލެއް ނުވަދެއެވެ.
  • މާޒިޔާ ޖޫނިއާސްއަކީ މުބާރާތުގައި އަލަށް ބައިވެރިވެ، ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ޒުވާން ޓީމެކެވެ.

ނޫނު އަތޮޅުގެ ފުޓްބޯޅަ ފޯރި އާ އުސްމިނަކަށް ގެންގޮސްދިން "ވިންޑް ވޮރިއާސް ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕް 2026" ގެ ފައިނަލް މެޗު މިރޭ ކެނދިކުޅުދޫގައި ކުޅޭއިރު، މުޅި ރާއްޖެ އޮތީ މި ފޯރިގަދަ ކުރިމަތިލުމަށް ތައްޔާރުވެފައެވެ.

ތަޖުރިބާކާރު ނައިފަރު ޗެލްސީ އާއި އައު ހަކަތައާއެކު ނުކުތް މާޒިޔާ ޖޫނިއާސް ބައްދަލުކުރާ މި މެޗަކީ ހަމައެކަނި ތަށީގެ ހަނގުރާމައެއް ނޫނެވެ. މިއީ ނައިފަރުން އެޓީމުގެ ތާރީޚު ބަދަލުކޮށްލަން ނުކުތުމުގެ އަޒުމުގައި އަންނަ ރެއެވެ.

ވޭތުވެދިޔަ ދެ މުބާރާތުގައި ވެސް ނައިފަރު ޗެލްސީން ފައިނަލް ނިންމާލީ ތަށީގައި އަތް ޖައްސާލުމުގެ ނަސީބު ނުލިބިއެވެ.

މާޒިޔާ ޖޫނިއާސްއިން އެޓީމުގެ ފުރަތަމަ މުބާރާތުގައި ރަން ވަނައެއް ހޯދުމަށް ކުރާ އުންމީދުގެ ނިމުމަކަށް މި މެޗު ވެގެންދިއުމަކީ އެ ޓީމުގެ އުންމީދެވެ. ހާއްސަކޮށް ޓީމުގައި ތިބި އުންމީދީ ޒުވާން ތަރިންނާއެކު މި ތަށި އުފުލާލުން ވެގެންދާނީ ތާރީހީ ބޮޑު ކަމަކަށެވެ.

ނައިފަރު ޗެލްސީ: ބައިކޮޅަށް ގޯލެއް ނުވަދެ، ވަރުގަދަ ޑިފެންސަކާއެކު ތަށި ހޯދުމުގެ އަޒުމުގައި

މުބާރާތުގައި ވާދަކުރާ ނައިފަރު ޗެލްސީ ޓީމުގެ މުހިންމު ބައެއް ކުޅުންތެރިން-- ފޮޓޯ: ސިޑިބަރި
ނައިފަރު ޗެލްސީއަކީ މިއަހަރުގެ މުބާރާތުގެ އެންމެ ވަރުގަދަ ރެކޯޑު އޮތް ޓީމެވެ. މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިވެފައި ނުވާއިރު، އެންމެ ލަނޑެއްވެސް އެޓީމުގެ ކޮޅަށް ވަދެފައެއް ނުވެއެވެ.

ގްރޫޕް ސްޓޭޖުގައި މަނަދޫ 7-0 އިން ބަލިކޮށް، އަދި ވަރުގަދަ މާފަރު އެފްސީ 3-0 އިން ބަލިކުރުމުން އެޓީމުގެ ފެންވަރު ވަނީ ސާބިތުވެފައެވެ. ސެމީ ފައިނަލުގައި މަހިބަދޫގެ ޖިބިއްލީގެ މައްޗަށް 3-0 އިން ކުރި ހޯދުމަކީ އެޓީމުގެ ކުޅުންތެރިންގެ މެދުގައި އޮތް އިތުބާރު އިތުރުވެގެންދިޔަ ކަމެކެވެ.

އެޓީމުގެ އެންމެ ބޮޑު ބާރަކީ ތަޖުރިބާކާރު ފޯވާޑް މުޙައްމަދު ފާސިރު (ފާއްޓެ) އާއި މުޙައްމަދު ނާއިމްގެ ހަލުވި ކުޅުމެވެ. މީގެ އިތުރުން ބިދޭސީ ކުޅުންތެރިޔާ އަލް ހާޖީ ޖޭރޯ އާއި ޔާޔާ ބިލިޓީގެ މޮޅު ކުޅުން މިރޭގެ މެޗުގައި ނައިފަރަށް ވަރަށް މުހިންމުވާނެއެވެ.

ވޭތުވެދިޔަ ދެ އަހަރުވެސް ފައިނަލުން ބަލިވި ހިތްދަތިކަން ފިލުވާލުމަށް، މިރޭ ނައިފަރުން ނުކުންނާނީ އެއްވެސް ފުރުސަތެއް ދޫނުކޮށްލުމުގެ އަޒުމުގައެވެ.

މާޒިޔާ ޖޫނިއާސް: ޒުވާން ޖޯޝުގައި ހައިރާންކުރަނިވި ނަތީޖާތަކެއް

މުބާރާތުގެ ސެމީ ފައިނަލުގައި މާފަރާ ދެކޮޅަށް ކުޅުނު މާޒިޔާ ޓީމު-- ފޮޓޯ: ސިޑިބަރި
މާޒިޔާ ޖޫނިއާސްއަކީ މި މުބާރާތުގެ "ސަޕްރައިޒް" ޕެކޭޖެވެ. މުބާރާތުގައި އަލަށް ބައިވެރިވި މި ޒުވާން ޓީމުން ވަނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ކެނދިކުޅުދޫގެ މައްޗަށް 13-0 ގެ ބޮޑު ނަތީޖާއަކުން ކުރިހޯދައި އެންމެން ހައިރާންކޮށްލާފައެވެ. ސެމީ ފައިނަލުގައި މާފަރު އެސްސީއާ ދެކޮޅަށް ކުޅުނު މެޗުގައި، ފަހަތުން އަރައި 3-2 އިން މެޗު ކާމިޔާބުކުރުމަކީ އެޓީމުގެ ކުޅުންތެރިންގެ ހިތްވަރު ގަދަކަން ހާމަވެގެންދިޔަ ކަމެކެވެ.

މާޒިޔާގެ އެންމެ ފާހަގަކޮށްލެވޭ ކަމަކީ އެޓީމުގެ ކުޅުންތެރިންގެ މެދުގައި އޮތް ފުރިހަމަ ކޯޑިނޭޝަނެވެ. ހާއްސަކޮށް މެޗަކަށްފަހު މެޗެއް ކުޅުން ރަނގަޅުކޮށް، ޓީމުގެ ގުޅުން ވަރުގަދަވަމުން އަންނައިރު، އެ ޓީމުގެ މޮޅު ޕާސްތަކަކީ ނައިފަރުގެ ވަރުގަދަ ޑިފެންސަށް އޮތް ބޮޑު ގޮންޖެހުމަކަށް ވާނެއެވެ.

މީގެ އިތުރުން ސެޓް-ޕީސްތަކުން ލަނޑު ޖެހުމަށް އެޓީމުން ގެންގުޅޭ އުކުޅުތަކަކީ މިރޭގެ ފައިނަލުގައި މެޗުގެ ނަތީޖާ ބަދަލުކޮށްލުމުގެ ބާރު ހުރި ކަންކަމެވެ. މާޒިޔާގެ ޒުވާން ކުޅުންތެރިން ދަނީ އެއީ ރާއްޖޭގެ ފުޓުބޯޅައިގެ މުސްތަގްބަލުކަން ދަނޑުމަތީގައި ސާބިތުކޮށްދެމުންނެވެ.

ޓެކްޓިކަލް ކުރިމަތިލުން: ތަޖުރިބާ އާއި ޒުވާން ހަކަތަ
މިރޭގެ މެޗު ބައްޓަންވެގެންދާނީ ނައިފަރުގެ ތަރުތީބުވެފައިވާ ކުޅުމާއި މާޒިޔާގެ ހަލުވި ކައުންޓަރ-އެޓޭކްތަކުގެ މައްޗަށެވެ. ނައިފަރުން ބޯޅަ ހިފަހައްޓައިގެން ކުޅެން މަސައްކަތްކުރާއިރު، މާޒިޔާގެ ޒުވާން ކުޅުންތެރިން މަސައްކަތްކުރާނީ ހަލުވި ސްޕީޑުގައި ނައިފަރުގެ ހާފަށް ބޯޅަ ގެންގޮސް ނުރައްކާ ކުރުމަށެވެ.

ނައިފަރުގެ ޑިފެންސްލައިނުން މިހާތަނަށް ދައްކާފައިވާ ފުރިހަމަ ކުޅުން މިރޭވެސް ދައްކައިފިނަމަ، މާޒިޔާއަށް ލަނޑު ޖެހުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެއެވެ.

ނަމަވެސް، މާޒިޔާގެ ކުޅުންތެރިންނަކީ މެޗުގެ އެންމެ ފަހު ސިކުންތާ ހަމައަށް ހިތްވަރު ދޫނުކުރާ ބައެއްކަން މިހާތަނަށް ވަނީ ފެނިފައެވެ. އެހެންކަމުން، ނައިފަރުގެ ކުޅުންތެރިން ސަމާލުކަން ކުޑަކޮށްލާ ކޮންމެ ވަގުތަކީ މާޒިޔާއަށް އޭގެ ފައިދާ ނެގިދާނެ ވަގުތެކެވެ.

މުޅި ރާއްޖެއަށް މިހާރު މަޝްހޫރުވެފައިވާ މި ފޯރިގަދަ މުބާރާތުގެ ރަން ތަށި އުފުލާލާނީ ނައިފަރުން ބާވައެވެ؟ ނޫނީ މާޒިޔާ ޖޫނިއާސްގެ ޒުވާން ލޭގެ ކާމިޔާބީ އާ ތާރީޚެއް ލިޔާނެ ބާވައެވެ؟ މި ސުވާލުގެ ޖަވާބު މިރޭ ކެނދިކުޅުދޫގެ ދަނޑުން ލިބިގެންދާނެއެވެ.

މިރޭ 20:45 ގައި ފަށާ މި މެޗު އެސްއެސްޓީވީން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު