އެމްއޭސީއެލްއިން ވިއްކާ ޖެޓް ފިއުލް ލީޓަރަކުން 24 ސެންޓް ހެޔޮކޮށްފި

ވީއައިއޭގައި ފްލައިޓްތަކެއް ޕާކް ކޮށްފައި: އެމްއޭސީއެލްއިން ވިއްކާ ޖެޓް ފިއުލްގެ އަގު ވަނީ ހެޔޮ ކޮށްފައި-- ފޮޓޯ: އެމްއޭސީއެލް

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖޭގައި ޖެޓް ފިއުލްގެ އަގު ބޮޑުވުމަށްފަހު، ސަރުކާރާއި އެމްއޭސީއެލް ގުޅިގެން ކުރި މަސައްކަތުން ޖެޓް ފިއުލް ލީޓަރަކުން 24 ސެންޓް ވަނީ ކުޑަކޮށްފައެވެ. މިއީ އުދުހުންތަކުގެ އަގުތައް ބޮޑުވެފައިވާ ދަނޑިވަޅެއްގައި ލިބުނު ވަރަށް ބޮޑު ލުޔެކެވެ. މީގެ އިތުރުން ތެލުގެ ސަޕްލައި ޔަގީންކުރުމަށްޓަކައި އޮމާން ނޫން އެހެން ގައުމުތަކުންވެސް ތެޔޮ ގެނެވޭނެ ގޮތްތައް ސަރުކާރުން އަންނަނީ ހޯދަމުންނެވެ.

  • އެމްއޭސީއެލްއިން ވިއްކާ ޖެޓް ފިއުލް ލީޓަރަކުން 24 ސެންޓް ހެޔޮކޮށްފި
  • މީގެ ކުރިން ތެލުގެ އަގު ވަނީ 42 އިންސައްތަ އުފުލިފައި
  • ތެލުގެ އަގު ބޮޑުވުމުން ޓިކެޓްގެ އަގުތައްވެސް ވަނީ އުފުލިފައި
  • އެހެން ގައުމުތަކުން ތެޔޮ އެތެރެކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން

ސަރުކާރުން މައި އެއާޕޯޓް ހިންގާ ކުންފުނި، އެމްއޭސީއެލްއާއެކު ކުރި މަސައްކަތުން ޖެޓް ފިއުލްގެ އަގު ކުޑަކުރެވިފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އިއްޔެ ވިދާޅުވެއްޖެއެވެ.

މިދިޔަ ފެބްރުވަރީ މަހުގެ 28ގައި އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތަކެތީގެ އަގު އުފުލެމުން އަންނައިރު، ރާއްޖޭގައި ވެސް ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. މިދިޔަ މަހު އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް ވަނީ، ހަނގުރާމައިގެ ސަބަބުން ޖެޓް ފިއުލްގެ އަގު ވެސް ބޮޑުކުރަން މަޖުބޫރުވެފައިވާ ކަމަށް ވިދާޅުވެފައެވެ.

މިދިޔަ މަހު އޭނާ ވިދާޅުވި ގޮތުގައި، ޖެޓް ފިއުލްގެ އަގު ވަނީ ލީޓަރަކަށް 1.19 ޑޮލަރުން 1.69 ޑޮލަރަށް ބޮޑުކޮށްފައެވެ. އެއީ 42 ޕަސެންޓްގެ އިތުރުވުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

އޭގެ ފަހުން މި މަހު ވެސް، ޖެޓް ފިއުލްގެ އަގު ބޮޑުކޮށްފައިވާ ކަމަށް ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އުފައްދާފައިވާ މިނިސްޓަރުންގެ ކޮމިޓީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީން ވިދާޅުވީ، ޖެޓް ފިއުލްގެ އަގު ބޮޑުވުމަކީ ވަރަށް ގިނަ ބަޔެއްގެ ކަންބޮޑުވުމެއް ކަމަށެވެ. އެކަމާ ގުޅިގެން، ސަރުކާރުން އެމްއޭސީއެލްއާއެކު ވަރަށް ބޮޑަށް މަސައްކަތްކޮށްގެން ޖެޓް ފިއުލްގެ ކޮންމެ ލީޓަރަކުން 24 ސެންޓް ކުޑަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންވީމަ މީގެއިން މި ދައްކައިދެނީ އަޅުގަނޑުމެންނަށް ހަނގުރާމައިގެ ހާލަތު ބަދަލުވެ، މިޑްލްއީސްޓްގެ ކޮރިޑޯތައް ހުޅުވެމުންދާ ވަރަކަށް އަޅުގަނޑުމެން ރާއްޖެއަށް ވަމުންދިޔަ ގެއްލުން އިރާދަކުރެއްވިއްޔާ މުސްތަގުބަލުގައި، ކުރިއަށް އޮތް ހަފުތާ ނޫނީ ދެ ހަފުތާ ނޫނީ ތިން ހަފުތާ ހިސާބުގައި އަޅުގަނޑުމެންނަށް އަލިކަމެއް ފެންނާނެ ކަމުގެ ނިޝާންތައް
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން

ޖެޓް ފިއުލް އަގު ބޮޑުވުމުން، އުދުހުންތަކުގެ އަގު ވެސް ބޮޑުވެއެވެ. އެގޮތުން މީގެ ކުރިން، އައިލެންޑް އޭވިއޭޝަން ސާވިސް ލިމިޓެޑުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމް އެސްއެސް ޓީވީގެ 'ބާރު ހަތަރެއް' ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި ވަނީ، ދުނިޔޭގެ ހުރިހާ ގައުމުތަކަށްވުރެ ރާއްޖޭގައި ޖެޓް ފިއުލް އަގުބޮޑު ކަމަށް ވިދާޅުވެފައެވެ. ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގު ބޮޑުވަނީ ވެސް އޭގެ ސަބަބުން ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ފާއިތުވި ހަފުތާތަކުގައި ޖެޓް ފިއުލްގެ އަގު ބޮޑުވުމުން، ގައުމީ އެއާލައިން މޯލްޑިވިއަންއިން ބޭރުގެ ފަތުރުވެރިންނަށް ވިއްކާ ޓިކެޓްގެ އަގުތައް ވެސް ވަނީ ބޮޑުކޮށްފައެވެ.

އެ ބަދަލުތައް ގެނެސްފައިވަނީ، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް އަންނަ ފްލައިޓްތަކުގެ މިންވަރާއި، މީހުން ޗުއްޓީއަށް ދަތުރުތައް ކުރާ މިންވަރު ވެސް މަދުވެފައިވާ ދަނޑިވަޅެއްގައެވެ.

https://sun.mv/220567

އެމްއޭސީއެލްއަށް ޖެޓް ފިއުލް ސަޕްލައިކުރާ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން އެންމެ ގިނައިން އެތެރެކުރަނީ އޮމާނުގެ ރިފައިންޑް ޕެޓްރޯލިއަމް އުފެއްދުންތަކެވެ. އޭގެ ސަބަބުން މެދުއިރުމަތީގައި ހިނގާ ކޮންމެ، ބޮޑު ހަމަނުޖެހުމަކާއެކު ރާއްޖެއަށް ތެޔޮ ގެންނަން ހުރަސް އެޅުމުގެ ފުރުސަތު އޮވެއެވެ.

އީރާން ހަނގުރާމަ ފެށުނު ފަހުން މި ސަރުކާރުން ވަނީ، އޮމާން ނޫން އެހެން ބައެއް ގައުމުތަކުން ވެސް ތެޔޮ ގެނެވޭނެ ގޮތްތައް ހޯދަމުން އަންނަ ކަމަށް ބުނެފައެވެ.

comment ކޮމެންޓް