ސަރުކާރުގެ 'މޯލްޑިވްސް 2.0' ސިޔާސަތުގެ ދަށުން ރާއްޖޭގެ ޑިޖިޓަލް އިގްތިޞާދު ކުރިއެރުވުމަށް މަސައްކަތް ކުރަމުންދާއިރު، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އިޢުލާންކޮށްފައިވާ އައު އެޑިއުކޭޝަން އިންފޮމޭޝަން މެނޭޖްމަންޓް ސިސްޓަމް (އީއެމްއައިއެސް) ފަރުމާކުރުމުގެ ޓެންޑަރުގައި ދިވެހި ކުންފުނިތަކަށް ބައިވެރިނުވެވޭ ފަދަ މާލީ ހުރަސްތަކެއް ހުރިކަމުގެ ކަންބޮޑުވުން އެ ދާއިރާގެ ފަރާތްތަކުން ފާޅުކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ހުޅުވާލާފައިވާ މި ޓެންޑަރުގައި ބިޑް ސެކިއުރިޓީގެ ގޮތުގައި 75,000 އެމެރިކާ ޑޮލަރު ބެހެއްޓުމަށާއި، ވޭތުވެދިޔަ ތިން އަހަރު ދުވަހު އަހަރަކު މަދުވެގެން ތިން މިލިއަން ޑޮލަރުގެ މަޝްރޫޢުތައް ހިންގާފައިވާ ކުންފުންޏަކަށް ވާންޖެހޭނެ ކަމަށް ވަނީ ޝަރުޠުކޮށްފައެވެ.
މިކަމާ ގުޅޭގޮތުން ޖަވާބު އެކެޑަމީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖައިލަމާއި ޗީފް ޓެކްނޮލިޖީ އޮފިސަރު އަރުޝަދު އަހުމަދު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
ޖައިލަމް "ސަން"އަށް ވިދާޅުވީ އެ މަޝްރޫޢާ ގުޅޭގޮތުން ބޭއްވުނު މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބައިވެރިވި ފަރާތްތަކުގެ 90 އިންސައްތައަކީ ބޭރުގެ ކުންފުނިތައް ކަމަށެވެ. މީގެ ކުރިންވެސް އެޑިއުކޭޝަން މިނިސްޓްރީން ބޭރުގެ ސިސްޓަމެއް ބޭނުންކުރި ނަމަވެސް، ރާއްޖޭގެ މާޙައުލާއި ބޭނުންތަކަށް އެ ސިސްޓަމް ފެތިފައި ނުވާތީ އެކަން ކާމިޔާބުނުވިކަން، އަރުޝަދުގެ ފޭސްބުކް ޕޯސްޓެއްގައި ފާހަގަކުރެއްވިއެވެ.
ދިވެހި ކުންފުނިތަކަށް މާލީ ގޮތުން މިފަދަ ބޮޑެތި މަޝްރޫޢުތައް ނުލިބުނު ކަމުގައިވިޔަސް، މިފަދަ ސިސްޓަމްތައް ތައްޔާރުކުރުމުގެ ފަންނީ ގާބިލުކަން ދިވެހިންގެ ކިބައިގައި ހުރި ކަމަށް އޭނާ ވިދާޅުވިއެވެ.
ޖައިލަމް ވިދާޅުވީ ރާއްޖޭގައި ވެސް ދުނިޔޭގެ އެހެން ގައުމުތަކާ އެއްގޮތަށް 'އީއެމްއައިއެސް' ފަދަ ސޮފްޓްވެއާ ތައް ފަރުމާ ކުރެވޭނޭ ފެންވަރުގެ ކަމަށް ޤާބިލް ޑެވެލޮޕަރުން އެބަ ތިބިކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މޯލްޑިވްސް 2.0 އިފުތިތާހުކޮށްދެއްވީ، 2030 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ޖީޑީޕީގެ 15 އިންސައްތައަކީ ޑިޖިޓަލް އިގްތިޞާދަށް ހެދުމަށް އަމާޒު ހިއްޕަވައިފައެވެ.
އެހެން ނަމަވެސް، މިފަދަ ބޮޑެތި މަޝްރޫޢުތައް ބޭރުގެ ކުންފުނިތަކަށް ދޫކޮށްލުމަކީ އެ އަމާޒަށް ވާސިލުވުމަށް އޮތް ހުރަހެއް ކަމަށް ތަޖުރިބާކާރުން ދެކެއެވެ.
އެހެންކަމުން، މި ޓެންޑަރުގައި ހުރި މާލީ ހުރަސްތަކަށް ބަދަލު ގެނެސް، ދިވެހި ކުންފުނިތަކަށް އިސްކަންދީގެން މި މަސައްކަތް ކުރިއަށް ގެންދިއުމަށް އެޑިއުކޭޝަން މިނިސްޓްރީއަށާއި ފިނޭންސް މިނިސްޓްރީއަށް ވަނީ އިލްތިމާސްކޮށްފައެވެ.
ވޯލްޑް ބޭންކުގެ އެހީގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކުރިއަށްގެންދާ "މޯލްޑިވްސް އެޓޯލްސް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އޭއީޑީޕީ)ގެ ދަށުން، އެޑިޔުކޭޝަން މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމެއް ޑިޒައިންކޮށް، އިމްޕްލިމެންޓް ކުރުމާއި، އެ ސިސްޓަމް ބޭނުންކުރާ ފަރާތްތައް ތަމްރީނުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ އިޢުލާނުކޮށްފައެވެ.
މި މަސައްކަތަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، މި މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތަކީ 365 ދުވަހެވެ. ބިޑްތައް އިވެލުއޭޓް ކުރުމުގައި ބަލާނީ ޓެކްނިކަލް އަދި އަގު ނޫން ފެކްޓަރުތަކަށް 60 އިންސައްތަ އަދި ބިޑްގެ އަގަށް 40 އިންސައްތަ ވެއިޓޭޖް ދީގެންނެވެ.
މި މަސައްކަތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 1,500 ރުފިޔާ ނުވަތަ 100 ޔޫއެސް ޑޮލަރުގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެއެވެ. މި ފީ ބަލައިގަންނާނީ މި މަހު 13އިން އަންނަ މަހު 31އަށް ބަނޑޭރި ޕޭ މެދުވެރިކޮށް ކަމަށް އިއުލާނުގައިވެއެވެ.