މީޑިއާގެ މިނިވަންކަމުގެ ދަރަޖަ ދަށްވުމުން ތަރުޖަމާނު: ''ސަރުކާރާއެކު ނޫސްވެރިންގެ ޒިންމާއެއް ވެސް އޮވޭ''

ސަރުކާރުގެ އިސް ތަރުޖަމާނު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ: ވިދާޅުވީ، ނޫސްވެރިކަމުގެ ދަރަޖަ ދަށްވަނީ ހަމައެކަނި ސަރުކާރުގެ ސަބަބުން ނޫން ކަމަށް --- ފޮޓޯ/ ރައީސް އޮފީސް

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަން ވަޒަންކުރާ މިންގަނޑުން ދިވެހިރާއްޖެ ހަތަރު ދަރަޖަ ފަހަތަށް ޖެހުމާ ގުޅިގެން ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވަނީ އެކަމުގެ ސަބަބުތައް ބަޔާންކޮށްދެއްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި މި ދަރަޖަ ދަށްވުމަކީ ހަމައެކަނި ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ވާކަމެއް ނޫނެވެ. އޭގެ ބަދަލުގައި ނޫސްވެރިންގެ އަމިއްލަ ޒިންމާއާއި، އެހެން ޤައުމުތަކުން ހޯދާ ކުރިއެރުންތަކަކީވެސް އިންޑެކްސްއިން ފަހަތަށް ދިއުމަށް މެދުވެރިވާ ސަބަބުތަކެވެ. އަދި ސަރުކާރުގެ މަޤްޞަދަކީ މީޑިއާތައް ރެގިއުލޭޓްކޮށް ހަރުދަނާކުރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް ފަހަކަށް އައިސް ސަރުކާރުން އަޅަމުންދާ ބައެއް ފިޔަވަޅުތަކުގެ ސަބަބުން ނޫސްވެރިންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ. ޚާއްޞަކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި މީޑިއާ ކޮންޓްރޯލްކުރާ ބިލާއި، ބައެއް ނޫސް އިދާރާތަކަށް ފުލުހުން ވަދެ ފާސްކުރުމުގެ މައްސަލައިގައި ބައިނަލްއަޤްވާމީ ޖަމާޢަތްތަކުންވެސް ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

  • ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދަރަޖަ ހަތަރު ގުނަ ދަށަށް ދިއުން.
  • ދަރަޖަ ދަށްވުމުގައި ނޫސްވެރިންގެ އަމިއްލަ ޒިންމާވެސް އޮތްކަމަށް ސަރުކާރުން ބުނުން.
  • ސަރުކާރުގެ އަމާޒަކީ މީޑިއާތައް ރެގިއުލޭޓްކުރުންކަމަށް ތަރުޖަމާނު ހާމަކުރެއްވުން.
  • މީޑިއާ ކޮންޓްރޯލްކުރާ ބިލުގެ ސަބަބުން ނޫސްވެރިންގެ ކަންބޮޑުވުން އިތުރުވެފައިވުން.
  • ނޫސް އިދާރާތަކަށް ފުލުހުން ވަނުމާ ގުޅިގެން ބައިނަލްއަޤްވާމީ ފާޑުކިޔުން އަމާޒުވުން.

ނޫސްވެރިކަމުގެ މިނިވަންކަމުގައި ދަރަޖަ ދަށްވަނީ ހަމައެކަނި ސަރުކާރުގެ ސަބަބުން ނޫން ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު ވަޒަންކުރާ "ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރްއެސްއެފް)"އިން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެވަނީ ހަތަރު ދަރަޖަ ދަށަށް ވެއްޓިފައެވެ.

https://sun.mv/221330

މުންދު ފެއްޓެވި ސިލްސިލާ ނޫސްވެރިންގެ ބައްދަވުންތަކުގެ ތެރެއިން މިއަދު ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ، ނޫސްވެރިކަމުގެ މިނިވަންކަމުގެ ދަރަޖަ ދަށަށް ދިޔައީ ކީއްވެތޯ ސުވާލުކޮށްފައެވެ.

ޖަވާބުގައި ތަރުޖަމާނު ވިދާޅުވީ، އެ ދަރަޖަ މިނެކިރަނީ ހަމައެކަނި ސަރުކާރަށް ބަލައިގެން ނޫން ކަމަށެވެ.

[ނޫސްވެރިކަމުގެ މިނިވަން ކަން މިނެކިރުމުގައި ބަލަނީ] ހަމައެކަނި ސަރުކާރުގް ޕާފޯމަންސް ނުވަތަ ސަރުކާރަކުން މީޑިއާއާ އޮންނަ ގުޅުމަށް ބަލާފައެއް ނޫނޭ. އޭގެ ޒިންމާ ތިބޭފުޅުން [ނޫސްވެރިން]ގެ ވެސް އޮވެޔޭ. ދަށަށްދާ ކޮންމެ ފަހަރަކު އަޅުގަނޑުމެން [ސަރުކާރުން] ކަމެއް ކޮށްގެން ނުވަތަ ނޫން ކަމަށް ކީއްވެތޯ ތި ނިންމަވަނީސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު)

ނޫސްވެރިން ރައީސް އޮފީސް ކުރިމަތީ އިހުތިޖާޖުކުރަނީ: ސަރުކާރުގެ ތަރުޖަމާނު ވިދާޅުވީ، ނޫސްވެރިކަމުގެ މިނިވަންކަމުގައި އިންޑެކްސް ދައްވަނީ ހަމައެކަނި ސަރުކާރުގެ ސަބަބުން ނޫން ކަމަށް -- ސަން ފޮޓޯ/ އަހުމަދު އިޔާދު

މިގޮތުން، ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގައި ދަރަޖަ ދަށްވުމަކީ ހިތްހަމަޖެހިވަޑައިގަންނަވާ ކަމެއް ނޫން ކަމަށާއި އެ ދަރަޖަ ރަނގަޅު ކުރުމަށް ގުޅިގެން އެންމެން މަސައްކަތް ކުރަން ޖެހޭ ކަމަށް މުންދު ވިދާޅުވިއެވެ.

ތަފާސްހިސާބުތަކާ ހަވާލާދެއްވައި މުންދު ވިދާޅުވީ، އިންޑެކްސްއެއްގައި ގައުމެއް ހަތަރު ދަރަޖަ ފަހަތަށް ދިޔުމަކީ އެހެނިހެން ގައުމުތަކުގެ ދަރަޖަ ކުރިއެރުން ކަމަށެވެ.

މިސާލެއްގެ ގޮތުން، ތަރުޖަމާނު ދެއްކެވީ ނޭޕާލެވެ. މިގޮތުން، އެ ގައުމުގެ ސަރުކާރު ބަދަލުވެގެން އައި ގޮތުން އެ ގައުމު ނޫސްވެރިކަމުގެ މިނިވަންކަމުގައި އެތައް ދަރަޖައެއް ކުރިއަރާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މީޑިއާއާ މެދު ސަރުކާރުގެ ނިޔަތް ރަނގަޅު ކަމަށާއި ސަރުކާރުން އުޅެނީ މީޑިއާ ރެގިއުލޭޓު ކުރަން ކަމަށް އޭނާ ވިދާޅުވިއެވެ.

މުންދު އެފަދައިން ވިދާޅުވިއިރު، ވެރިކަންކުރާ ޕީއެންސީގެ ސާފު އަޣުލަބިއްޔަތު އޮންނަ 20ވަނަ ރައްޔިތުންގެ މަޖިލީހުން ނޫސްވެރިކަމާއި މީޑިއާ ކޮންޓްރޯލްކުރާ ބިލެއް މިދިޔަ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު ވަނީ ފާސްކޮށްފައެވެ. އެ ބިލު ފާސްކުރުމާއެކު ބައިނަލްއަގްވާމީ ދުނިޔޭގެ ސަމާލުކަމަށް އެކަން ވަނީ އައިސްފައެވެ.

https://sun.mv/211467

ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ބިލު ތަސްދީގުކުރައްވާފައި ވަނީ އެ ބިލު ތަަސްދީގު ނުކުރުމަށް ނޫސްވެރިންނާއި، ޖަމިއްޔާތަކުންނާއި، ގިނަ އަދަދެއްގެ ސިޔާސީ ބޭފުޅުން ގޮވައިލަމުން ދަނިކޮށެވެ.

އެ ގާނޫނުން އުފެއްދި މީޑިއާ ކޮމިޝަނުގެ އެހީގައި ސަރުކާރުން މީީޑިއާތައް ކޮންޓްރޯލް ކުރަން މަގުފަހިވާ ކަމަށް ނޫސްވެރިން ބުނެއެވެ.

މީގެ އިތުރުން، ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައި ރައީސަށް އަމާޒުވާ ގޮތަށް ބޮޑެތި ތުހުމަތުތަކެއްކޮށްފައިވާ އަދަދު ނޫހަށް މި ހަފުތާ ތެރޭގައި ފުލުހުން ވަދެފައިވާ މައްސަލަ ވެސް ވަނީ ބޮޑުވެފައެވެ، އެ މައްސަލައިގައި ވެސް ރާއްޖެއާއި ރާއްޖޭން ބޭރުގެ ނޫސްވެރިންގެ ޖަމިއްޔާތަކުގެ ފާޑުކިޔުން އަމާޒުވެފައިވެއެވެ.

comment ކޮމެންޓް