ދަރުމަވަންތައިގައި އެޑްމިޓުވި ޑރ. ޝާފިޔާގެ ތަޖުރިބާ: "ހާސްކަން ފިލީ ލިބުނު އޯގާތެރިކަމުން، ފެނުނީ ދާއިރާ ކުރިއެރިވަރު"

ޝާފިޔާ އާދަމް ފޭސްބުކްގައި ހިއްސާކުރި ފޮޓޮއެއް: އޭނާ ވަނީ ފަރުވާ ދިން ސިއްޙީ ޚިދުމަތްތެރިންގެ ޓީމަށް ތައުރީފުކޮށްފައި --

ޑރ. ޝާފިޔާ އާދަމް ފުރަތަމަ ފަހަރަށް ދައުލަތުގެ ހޮސްޕިޓަލެއްގައި އެޑްމިޓުވެ ފަރުވާ ހޯއްދެވުމަށްފަހު، އެ ތަޖުރިބާ ވަނީ މީސްމީޑިއާގައި ހިއްސާކުރައްވާފައެވެ. ފުރަތަމަ ނުތަނަވަސްކަމެއްގައި ހުންނެވި ނަމަވެސް، ހޮސްޕިޓަލުގެ މުވައްޒަފުންގެ ފަރާތުން ފެނުނު އޯގާތެރިކަމާއި ހިނިތުންވުމުގެ ސަބަބުން އެ ބިރުވެރިކަން ފިލައިގެން ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ތިން ދުވަހަށް އުންމީދުކުރި ނަމަވެސް، ސާޖަރީއަށްފަހު ބައި ދުވަހުގެ ތެރޭގައި ގެއަށް ދެވުމުން، ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއަރާފައިވާ މިންވަރު ފާހަގަކުރެއްވިއެވެ.

  • ފުރަތަމަ ފަހަރަށް ސަރުކާރު ހޮސްޕިޓަލެއްގައި އެޑްމިޓުވެ ފަރުވާ ހޯދުން.
  • މުވައްޒަފުންގެ އޯގާތެރިކަމުން ނުތަނަވަސްކަން ފިލައިގެން ދިޔުން.
  • ސާޖަރީއަށްފަހު ވަރަށް އަވަހަށް ހޮސްޕިޓަލުން ދޫކޮށްލުން.
  • ސިއްހީ ޚިދުމަތްތެރިންގެ ފެންވަރާއި ޓީމުވޯކަށް ތައުރީފުކުރުން.

"ނުތަނަވަސްކަން ފިލީ ލިބުނު އޯގާތެރިކަމާއި އަޅައިލުމުންނެވެ. ފަރުވާ ދިން ޓީމުގެ ހަލުވިމިނުން ސިއްޙީ ޚިދުމަތް ކުރިއަރާފައިވާ މިންވަރު ފެނިގެން ހިނގައްޖެއެވެ،" މިއީ މީގެ ކުރިން ދުވަހަކު ވެސް ރާއްޖޭގެ ސަރުކާރު ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްފައިނުވާ ޑރ. ޝާފިޔާ އާދަމް ފޭސްބުކްގައި ހިއްސާކުރި ޝުކުރުގެ ނޯޓެއްގައި ބުނެފައިވާ ވާހަކައެކެވެ.

މީގެ ކުރިން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ނުވާ މީހެއްގެ ހައިސިއްޔަތުން، ދަރުމަވަންތަ ހޮސްޕިޓަލުގައި އޭނާ އެޑްމިޓުވީ, ފުން ނުތަނަވަސްކަމަކާއެކު ކަމަށް އޭނާ އެ ޕޯސްޓުގައި ބުންޏެވެ. އޭނާގެ ޑޮކްޓަރާއި ފިރިމީހާ ކަންކަން ވާނެ ގޮތް ކިޔައިދިން ނަމަވެސް، އޭނާ ހުރީ ބިރުން ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އަށް ދިޔަ ވަގުތުން ފެށިގެން އޭނާގެ ވިސްނުން މުޅިން ބަދަލުވި ކަމަށް އޭނާ ބުންޏެވެ. އެ ހޮސްޕިޓަލުން ފާހަގަވި ކަންތައްތަކާއި އޭނާގެ ތަޖުރިބާ ހިއްސާކޮށް އެ ޕޯސްޓުގައި އޭނާ ބުނީ ދިމާވި ކޮންމެ މީހެއްގެ ފަރާތުން ފެނުނު އޯގާތެރި އަދި އިޚުލާސްތެރި ހިނިތުންވުމުގެ ސަބަބުން އޭނާއަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނު ކަމަށެވެ.

"ގިނަ ފަހަރަށް ފިނި ނުވަތަ ކްލިނިކަލް ގޮތަކަށް އިހުސާސްކުރެވޭ [ހޮސްޕިޓަލުގެ] މާހައުލެއްގައި، އެ ހިނިތުންވުންތަކަކީ އަހަރެންނަށް ހިތްވަރު ހޯދުމަށް އެހީތެރިވެދިން ފާލަމެއް. އަހަރެން ހުރީ ނަފްސާނީ ގޮތުން ދިގު އުނދަގޫތަކަކަށް ތައްޔާރުވެގެން،" އެ ޕޯސްޓުގައި އޭނާ ބުންޏެވެ.

ތިން ދުވަހުގެ މަޑުކުރުމަކަށް ބޭނުންވާ ވަރަށް ހެދުން އަޅައި އޭނާގެ ދަބަސް އޮތީ ތައްޔާރުކޮށްފައެވެ. ނަމަވެސް އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ މަދު ގަޑިއިރުތަކެއްގެ ތެރޭގައި މުޅިން ރަނގަޅުވެ، ވަރަށް އަވަހަށް އޭނާ ދޫކޮށްލުމުން ކަމަށް ބުންޏެވެ. ސާޖަރީއަށްފަހު ބައި ދުވަހުގެ ތެރޭގައި ގެއަށް ދެވުނުއިރު ސިއްހީ ޚިދުމަތް މިހާރު ކުރިއަރާފައިވާ މިންވަރާއި، ޑޮކްޓަރުންގެ ޓީމުން ކަންކަން ކުރާ ހަލުވިމިން ފެނުނު ކަމަށް އޭނާ ބުންޏެވެ.

އަހަރެންނަށް ލިބުނު އަޅާލުމަކީ އަހަރެންނާއި ހޮސްޕިޓަލުގެ ވެރިންނާ އޮތް ގުޅުމެއްގެ ސަބަބުން ލިބުނު އެއްޗެއް ނޫން. ނަމަވެސް އެއީ ސިއްހީ ދާއިރާއަށް ޚިދުމަތްކުރާ ޚިދުމަތްތެރީން ދާއިރާއަށް އަށެގަނެފައިވާ ފުން ލޯތްބެއްގެ ސަބަބުން ލިބުނު އެއްޗެއް ކަމަށް އޭނާ ބުންޏެވެ.

"ޑޮކްޓަރުންގެ މަސައްކަތް ބިނާވެފައި ވަނީ ކޮންމެ ބަލިމީހަކަށް ވެސް ހަމަހަމައަށް އަމަލުކުރެވޭ މަތީ ފެންވަރުގެ މިންގަނޑެއްގެ މައްޗަށް. އަހަރެންނަށް ފެނުނު "ޓީމް ރޫހު" އާ މެދު އަހަރެން ވަރަށް އުފާވި. އެންމެ ފުރަތަމަ ޓެސްޓްކުރުމުގެ މަރުހަލާތަކުން ފެށިގެން ސާޖަރީއަށްފަހު ދިން ފަރުވާއާ ހަމައަށް ހުރިހާ ކަމެއް މެނޭޖްކޮށްފައި ވަނީ ވަރަށް ފުރިހަމަ ގުޅުމެއްގެ ތެރެއިން،" އޭނާގެ ޕޯސްޓުގައި ބުންޏެވެ.

ޝާފިޔާ ބުނި ގޮތުގައި ބަލިމީހަކު ޑޮކްޓަރުންނަށް ގެނެސްދޭ އެންމެ މުހިންމު އެއްޗަކީ އެމީހުންގެ އިތުބާރެވެ. އަދި އެ އިތުބާރު ޑޮކްޓަރުން ހިފެހެއްޓީ ވަރަށް ރައްކާތެރިކަމާއެކު ކަމަށް ބުނެ އޭނާ ވަނީ ތައުރީފުކޮށްފައެވެ.

އެފަދައިން ބުނެ އޭނާ ވަނީ ޕަބްލިކް ހޮސްޕިޓަލުގެ ޚިދުމަތް ޚިޔާރުކުރި ސަބަބާމެދު ސުވާލުއުފެއްދި އެންމެންނަށް މެސެޖެއް ވެސް ދީފައެވެ.

ޝާފިޔާ އާދަމް ފޭސްބުކްގައި ހިއްސާކުރި ފޮޓޮއެއް: އޭނާ ވަނީ ފަރުވާ ދިން ސިއްޙީ ޚިދުމަތްތެރިންގެ ޓީމަށް ތައުރީފުކޮށްފައި --

އޭނާ ކުރި ތަޖުރިބާއަކީ މަތީ ފެންވަރުގެ ވަސީލަތްތަކުން ފެށިގެން ތަޖުރިބާކާރު ކްލިނިކަލް އޮބްޒަވޭޝަނާ ހަމައަށް، އެ ލިބުން ފަރުވާއަކީ ދުނިޔޭގެ ފެންވަރުގެ ފަރުވާއެއް ކަމަށް އޭނާ ބުންޏެވެ.

"ސަރުކާރުގެ ހޮސްޕިޓަލުތަކުން ފަރުވާ ހޯދާނަމަ، ތިޔަ ތިބީ ރައްކާތެރި، ޕްރޮފެޝަނަލް، އަދި މަތީ ފެންވަރުގެ އަތްތަކެއްގެ ތެރޭގައި. ޑޮކްޓަރު އަޒްނާ! ޑޮކްޓަރުގެ ލީޑަޝިޕްގެ ދަށުގައިވާ ޓީމަކުން އަޅާލާއިރު ބިރުގަންނަންޖެހޭ އެއްވެސް ކަމެއް ނެތްކަން އަހަރެންނަށް ދައްކައިދިނީތީ ޝުކުރު ދަންނަވަން. އިޚުލާސްތެރި ޝުކުރާއި އިހުތިރާމު މުޅި ސާޖިކަލް ޓީމަށް،" އެ ޕޯސްޓު ނިންމާލަމުން އޭނާ ބުންޏެވެ.

comment ކޮމެންޓް