އެމްއޭސީއެލްގެ ޑީއެމްޑީ ލައްމާން މަގާމުން ވަކިވެއްޖެ

އެމްއޭސީއެލްގެ ޑީއެމްޑީކަމުން ވަކިވި ލައްމާން ---

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ލަމްއާން ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އިސްތިއުފާ ދެއްވީ އެހެން ކުންފުންޏަކަށް ބަދަލުވުމުގެ ބޭނުމުގައެވެ. މި ބަދަލާއެކު އެމްއޭސީއެލްގެ ޑީއެމްޑީއަކަށް ދެން ހުންނަވާނީ މުޖުތަބާ ލަތީފެވެ. އެމްއޭސީއެލްއަކީ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ފައިދާވާ އެއް ކުންފުންޏަށް ވާއިރު، މިހާރު ރީޖަނަލް އެއާޕޯޓްސްގެ ދަށުން ހިންގި ހުރިހާ އެއާޕޯޓެއްވެސް ބަލަހައްޓަނީ އެ ކުންފުނިންނެވެ. ނަމަވެސް އެ ކުންފުންޏަށް ސިޔާސީ ނުފޫޒު ވަދެ، އެތައް ސަތޭކަ ސިޔާސީ މީހުންނެއް ވަޒީފާއަށް ވައްދައި، މެންޑޭޓުން ބޭރުން ރައީސްގެ ވައުދުފުޅުތައް ފުއްދުމުގެ މަސައްކަތްތައް ކުރަމުންދާކަމުގެ ތުހުމަތު ވަނީ ކުރެވިފައެވެ.

  • އެމްއޭސީއެލްގެ ޑީއެމްޑީ މުހައްމަދު ލަމްއާން މަގާމުން އިސްތިއުފާ ދެއްވައިފި
  • އިސްތިއުފާ ދެއްވީ އެހެން ކުންފުންޏަކަށް ބަދަލުވުމަށް ކަމަށް މައުލޫމާތު ލިބޭ
  • މިހާރު އެ ކުންފުނީގެ ހަމައެކަނި ޑީއެމްޑީ އަކީ މުޖުތަބާ ލަތީފު
  • ރީޖަނަލް އެއާޕޯޓްސް އުވާލައި އެތަންތަންވެސް އެމްއޭސީއެލްގެ ދަށަށް ގެނެސްފައިވޭ
  • އެމްއޭސީއެލް އިން ދަނީ ކުންފުނީގެ މެންޑޭޓުން ބޭރު މަސައްކަތްތަކެއް ކުރަމުންކަމަށް ތުހުމަތުކުރެވޭ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ލަމްއާން މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

"ސަން"އަށް ވަނީ އޭނާ މަގާމުން އިސްތިއުފާ ދެއްވިކަން ކަށަވަރުވެފައެވެ. އެނގިފައިވާ ގޮތުގައި ލަމްއާން މަގާމުން އިސްތިއުފާ ދެއްވީ އެހެން ކުންފުންޏަކަށް އޭނާ ބަދަލުވާށެވެ.

މި ބަދަލާ ގުޅޭގޮތުން ރަސްމީ އިދާރާއަކުން އަދި ވަކި އެއްޗެއް ހާމަކޮށްފައި ނުވާތީ، މިކަމުގެ އިތުރު ތަފުސީލެއް އަދި ލިބިފައެއް ނުވެއެވެ. އަދި ބަދަލުވަނީ ކޮން ކުންފުންޏަކަށް ކަމެއް ވެސް ކަަށަވަރު ނުވެއެވެ.

މި ބަދަލާއެކު، އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ދެން ހުންނަވާނީ މުޖުތަބާ ލަތީފު އެކަންޏެވެ.

ފާހަގަކުރެވޭ ގޮތުގައި، އެމްއޭސީއެލަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑަށް ފައިދާވަމުން ދިޔަ މަދު ކުންފުނިތަކުގެ ތެރޭ ހިމެނޭ އެއް ކުންފުންޏެވެ. އޭރު އެމްއޭސީއެލުން މެނޭޖްކުރަމުން އައީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ކަމަށް ވިޔަސް، ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުއޭސީއެލް) އުވާލައި، މިދިޔަ ސެޕްޓެންބަރު މަހުގެ ކުރީކޮޅު އެމްއޭސީއެލަށް އާރުއޭސީއެލްގެ ދަށުން ހިންގާ ހުރިހާ އެއާޕޯޓެއް ވަނީ ބަދަލުކޮށްފައެވެ.

ނަމަވެސް މި ސަރުކާރުން ވެރިކަމަށް އައިސް އެ ކުންފުންޏަށް ސިޔާސީ ނުފޫޒު ފޯރުވާކަމުގެ ތުހުމަތު ބޮޑުއިރު، އެތައް ސަތޭކަ މަގާމަކަށް ސިޔާސީ މީހުން އެ ކުންފުންޏަށް ވައްދައިފައިވާކަން ވެސް ވަނީ ހާމަވެފައެވެ.

މީގެ އިތުރުން ކުންފުނީގެ މެންޑޭޓުން ބޭރު ގިނަ މަސައްކަތްތަކެއް އެ ކުންފުނިން އަންނަނީ ކުރަމުންނެވެ. އޭގެ ތެރޭ ރައީސް ޑރ. މުއިއްޒުގެ ވައުދުފުޅުތަކާ ގުޅުންހުރި މަޝްރޫއުތައްކަމަށްވާ ބިން ހިއްކުމާއި، ރަށްރަށުގައި ޖިމް އެޅުން ފަދަ ކަންކަން ވެސް ހިމެނެއެވެ.

comment ކޮމެންޓް