"ސޯޝަލްމީޑިއާގައި ހުންނަ ޕޯސްޓްތަކާއި ފޮޓޯތަކަށް ބަލާފައި ތިމާއާއި އަޅާނުކިޔާށެވެ. އަދި ﷲއަށް ހަމްދުކުރުމާއި ޝުކުރުކުރުމުން އެއްކިބާނުވާށެވެ. ކޮންމެ މީހަކުވެސް ހިއްސާކުރަނީ ތިމާގެ ހަޔާތުގެ އުސްއަލިތަކެވެ. އުފާވެރިކަމެވެ. އަނދިރި ފަޅިއާއި ހިތާމަތައް އޮންނާނީ ފޮރުވިފައެވެ. އެންމެނަށްވެސް ހަމަ ތިބާފަދައިން ހިތާމަތަކާއި އުދަގޫތައް ކުރިމަތިވާނެއެވެ. ހަސަދައިން ހިތް ސާފުކޮށް ތިމާގެ ދިރިއުޅުމުގެ ދަތުރުގައިވާ ނިއުމަތްތަކާއި އިމްތިހާނުނަތަކަށްވެސް ﷲއަށް ހަމްދުކުކޮށް ދުޢާކުރާށެވެ. ތިމާގެ ހަޔާތަށްވެސް އަންނާނީ ހިތާމައާއި އުފަލެވެ."
***
ޒިހާމް އަތުކުރީގައިވާ ގަޑިއަށް ބަލައިލިއެވެ."އޯކޭ މަންމާ ފަހުން ގުޅާލަން..މިހާރު ތަނަކަށް ދާންވެއްޖެ.."
"ޒިހާމް މަންމައަށް ގުޅައިލާނެ ވަގުތެއްވެސް މިހާރު ނުވަނީތަ؟ އޭނަގެ އަޑަށް މާޔޫސްކަން ވެރިވިއެވެ."އިއްޔެ މާމަވެސް ބުނި ޒިހާމް މާމް ދެކެލަންވެސް ނާދެއޭ. ތިހާ ބީރައްޓެހިވީ ކީއްވެ؟
"މަންމައަށްވެސް އަޅުގަނޑުގެ ޝެޑިއުލް ހުންނަގޮތް އެނގޭނެ.ހަމަ އެއްވެސް ވަރަކަށް ޓައިމް ނުވަނީ.."އޭނަ ވަރުބަލިވެފައިވާ އަޑަކުން ބުނެލިއެވެ."ރަށަށް ބަދަލުވީމަ ތި ހުރިހާކަމަކަށް ވަގުތު ހުސްވާނީ.."
"ރަށަށް ބަދަލުވަނީތަ؟ މިރަށަށް އައީމަ ކުރިމަގު ބަނަވާނީ....ޒިހާމް މަންމަ ބުނާގޮތަށް ހަދަންޏާ ރަށަށް ޗުއްޓީއަށް އަޔަސް އެއްކޮށް ބަދަލުވާނެކަމެއްނެތް..."
ޒިހާމްފަދަ ޒުވާނަކަށް މަންމަގެ ނަސޭހަތަށްވުރެ މުހިއްމުވާނީ އަމިއްލަ ވިސްނުމެވެ. އޭނައަށް އިހުސާސްވަނީ އެހެން މީހުންނަށްވުރެ އޭނަގެ ވިސްނުމާއި ބުއްދި މާ ބޮޑުތަންވެސް ރަގަޅުކަމުގައެވެ.
***
ޖެހިގެން އައި ދުވަހ ސަރަފީނާ ފަތިސްނަމާދަށްފަހު އަވަހަށް ތެދުވެ ފިނިފެން ކައްކައިލާފާ ފެން މަތަރައިލިއެވެ. އެއަށްފަހު ދުޢާއެއް ކިޔަމުން ފައިވާން ކިބައެއް ހިފައިގެން ހޫރަމުން ދާތަން ފެނުނީ އަދަލްއަށެވެ.
"މަންމާ..ކީއްތިކުރަނީ؟" އަދަލް ބޭރުން އަންނަތަން ފެނުމުން ސަރަންފީނާގެ ހިތަށް ތަދުވިއެވެ. އޭނަގެ ދަރިފުޅު ރޭ ގެއަށްވެސް ނުވަންނަނީހެއްޔެވެ؟
"ކޮންތަނަކުން ތިއައީ؟ދުވަހެއްގެ ކޮޅުންވެސް ބުނާގޮތަށް ނަހަދާނީތަ؟" ސަރަފީނާ އުކުޅުގައި އަތް ވިއްދައިލިއެވެ.
"ފަތިހުގެ ވަގުތު ހޭލާ އުޅުމަކީ ބަރަކާތް ލިބޭކަމެކޭ މަންމަ ބުނީމަ މޫދަށް އެރިލަން ދިޔައީ..........."
"މަސައްކަތްކުރީމަ ބަރަކާތް ލައްވާނީ....މަޖާ ކުރާ އުމުރު ފަހަނަޅާ ހިގައްޖެ....ޒިހާމް ކިހާ މޮޅު..އަދަލް ފަގީރުވެފައި އަތުގައި ބައި ލާރިވެސް ނެތެއްނު.އެހެން ހިތަށް ނާރާތަ؟ޒިހާމް ރިޒޯޓްތައް ހަދަން އަދި އަމިއްލަ ގެއެއް އަޅަންވެގެން މިކޮޅަށް ބަދަލުވަނ.ީ..އަދަލް އޭނައާއި ބަލާފައި އެކައްޗަކަށްވެސް ނުވޭ...ޒިހާމް ކައިވެނިކުރީވެސް އެހާ މުއްސަދިކުއްޖަކާއި..އަދަލްގެ ހިތުގައި އެއްވެސް ކަހަލަ ވާދަވެރިކަމެއް ހަސަދަވެރިކަމެއް ނެތީތަ؟ "
"ޒިމް ވީމަ އާއިލާއަށް ލިބޭ ކުރިއެރުމެއްކަން ނޭޭގޭ މަންމާ.."
"ތިވައްތަރަށް އުޅެގެން އެކަހަލަ އަންހެންކުއްޖެއް ނުވެސް ލިބޭނެ..އިންނާނެ މީހަކުވެސް ނުވާނެ...." ސަރަފީނާ ފައިވާން ކިބަ އެއްފަރާތުގައި ބަހައްޓާފައި އަނބުގަސްދޮށުގައި ހުރި ގޮނޑިއަކަށް ސޮއްސައިލީ ޝަހާދަތް ކިޔަމުންނެވެ. އޭނަގެ ބޮލުގައި ހިނގާ ޚިޔާލުތަކުން އެވަރުގެ މާޔޫސްކަމެއް ނުލިބޭނެއެވެ. އެވަގުތު އަދަލްގެ ނަޒަރު ހުއްޓުނީ ގޭގެ ދޮރު ހުޅުވާލާފައި ނިކުތް ސިދްރާއަށެވެ. އަދަލްމެން ތިބިކަމެއް ނޭގި ގަހެއްގެ ކައިރީގައި މަޑުކޮށްލިގޮތަށް ހުއްޓިލައިގެން ހުރީއެވެ.
"އެހެރީނު މުޑިއެއް ޖެހިހެން.....ކަޅިވެސް ނުހިންގާނެ....ކޮންމެވެސް ސިއްރުވެރިކަމެއް އެބަހުރި..ހަމަ ރަަގަޅަށް މިބުނީ..އެކުއްޖާގެ ގައިތެރެއަށް ޖިންނިއެއް ވަދެފައި އެހެރީ...."ސަރަފީނާ ބޯ ހޫރައިލިއެވެ." އެކަނިހުރެ ވާހަކަދައްކަނިކޮށް ފެނުނު. ކައިބޮއި އުޅޭތަނެއް ނުފެނޭ..ހީލާތަނެއްވެސް ނުފެނޭ..އާދައިގެ ކުއްޖެއްނޫން..އަސްތަޣުފިރުﷲ"
"އޭނަ އެކަނި ހުންނަން ބޭނުމީ ކަމަށްވާނީ...ކާ އެއްޗެއްސަށް އެލާޖިކްވާ ކުދިން އުޅެއެއްނު....ހީރާވެސް ބުޅަލެއް ފެނުނަސް ކިނބިހި އަޅަންފަށާނެ.."
"އެހެރީ އެ ޖިންނިއާއި ވާހަކަދައްކަން.. އެޖިންނީގެ ނަން ކިޔަނިކޮށްވެސް އަޑުއިވުނު..ކައިސް ތޯއްޗެ..... އެނަން ހީވަނީވެސް ޖިންނި ނަމެއްހެން ނޫނީ ނާކާމިޔާބު އިންފްލުއެންޒާ އެއްގެ ނަންހެން......މަ މިހެން އިނގިރޭސި އަކުރެއް ކިޔަސް ދައްތަގެ ދަރިން މަލާމާތްކޮށްފައި އިސްލާހުކުރާނެ........"
އަދަލް ހިނގައިގަތީ ސިދްރާ ހުރި ދިމާލަށެވެ."އޭނަ މީހަކާއި ކައިވެނިކޮށްގެންނޭ ބުނާއިރު ހީވަނީ ބާރަ އަހަރުގެ ކުޑަކުއްޖެއްހެން.."
"ބާރަ އަހަރޭ؟ އަދަލްއަށް ހީވަނީ މީހުންނަށް މަލާމާތްކުރުމަކީވެސް ފަރުވާއެއްހެން... ފަހަރެއްގައި ފައިވާނުން ފަންޑިތަ ހެދުމަށްވުރެ ރަގަޅުވެދާނެ."
އަދަލް އާފުރެންފެށިއެވެ.
"ސައިބޮއިގެން ފަނަށް އަރާ ގަޑިޖެހުނީނު.."
"މަންމަ އަޅުގަނޑު ކުކުޅަކަށް ހަދައިފި....ފަނަށް އަރަނީ ކުކުޅު ހާ....."
"އަދަލް އުޅޭގޮތަކުން އެންމެން މޮޔައަކަށް ހަދައިގެން ދިމާކުރަނީ..ޒިހާމް ކޯޓުލައިގެން ހުންނައިރު ކިހާ ހައިބަތުހުރޭ..އަދަލް އަބަދު ސޯޓަކާއި ޓީޝާޓެއްގައި..ގަމީހެއް ގަނެދިނަސް ނުލާނެ..ރަސްމީކަމެއްނެތް..ކުޑައިރުގެ ހަނދާން އެބަހުރިތަ؟ ކިތައްފަހަރު އެކުދިންނާއި ތޮޅެގެން ދައްތަ މީނަގެ ގައިގާ ތެޅި...އިލޮށިންނާއި ފައިވާން ކިބައިންނާއި.އަދިވެސް އެކުދިންނާއި އަރައިރުން ވުން ހުއްޓާނުލާ..އެހެންވެ އަޒާލީ އަބަދު ކަޅި އެޅިފައި އެހުންނަނީ..މީނައާއިހެދި އެކުއްޖާ އަބަދު މޫނު ހަދައިގެން..."
އަދަލް ހީލަމުން މަންމަގެ ނިތްކުރީގައި ބޮސްދިނެވެ."މަންމާ މާޒީގެ ވާހަކަ އެއީ..ކުޑައިރުގެ މަޖާ......މަންމަގެ ދުޢާއިން ހުރިހާކަމެއް ރަގަޅުވާނެ......މަންމަ އަބަދު ނަމާދުކުރަމެއްނު..އެހެންވެކަން ނޭގޭ މިވަރަށް އުފަލުގައި އުޅެވެނީ.. އަދަލް އުފަލުގައޭ އުޅެނީ........"
"އަދަލް..އުފަލުގައި؟"
"އާނ މަންމާ..މަންމަ ދުނިޔޭގައި ހުރިއްޔާ އަދަލް ހުންނާނީ އުފަލުން..."
ސަރަފީނާގެ ހިތް ފުރިގެން އައެވެ. އަދަލްގެ ހިތުގައި އޭނައަށްޓަކާ އެއޮންނަ ލޯތްބާއި ގާތްކަމަށް ބަދަލެއްނާދެއެވެ. ކައިވެންޏެއްކުރިޔަސް އަދަލްއަށް އެންމެ މުހިއްމުވާނީ މަންމަހެއްޔެވެ؟ ޒިހާމްގެ ކައިވެންޏަށްފަހު އެމިލީއާއި ދައްތަކުރެން ޚިޔާރުކުރީ ކޮންފަރާތެއްހެއްޔެވެ؟ ޒިހާމް ފޮޓޯތަކުން ފެންނައިރު ވަރަށް ރަސްމީވެފައި ފިރިހެންވަންތައެވެ. އިސްތަށިގަނޑުވެސް އޮންނަނީ ކުރުކޮށް ކޮށާލާފައި މައްޗަށް އޮމާންކޮށްފައެވެ. ތަރިއެއްފަދައެވެ. ދައްތަ އޭނައަށްވުރެ މޮޅަށް ކިޔަވައިގެން ވިޔަފާރިވެރިއަކާއި ކައިވެނިކުރުމުން ދިރިއުޅުން ކިހާ ފުރިހަމަހެއްޔެވެ؟ ފައިސާ ހުރިއްޔާ ނުވާނީ ކޮންކަމެއްހެއްޔެވެ؟ ދައްތަގެ ދިރިއުޅުމުގައި އުނިކަމެއް ހޯދަ ހޯދާވެސް ނުފެނެއެވެ. ސިފަ އެހާ ރީއްޗެވެ. ދުވާލަކަށް ހެދުމަކާއި ގުޅޭކަހަލަ ގަހަނާ ބޭނުންކުރެއެވެ. އެތައް ގިނަފައިވާނާއި އަވިއައިނާއި މޭކަޕްސާމާނުތަކެވެ. އޭނައަށް ވުރެ އެތައް ތަނެއް ޒުވާންކަމަށް ދައްކައެވެ. ދަރިންނަކީވެސް ޖަވާހިރުންނެވެ. އޭނަ އޭގެ ދިމާ އިދިކޮޅެވެ. ކުޑައިރުންފެށިގެން އޭނައާއި އޭނަގެ ދަރިއަށްވެސް ދިރިއުޅުމުގެ ރާސްތާ ކާމިޔާބު އެއްޗަކަށްނުވިއެވެ. އޭނަގެ ދިރިއުޅުމުގައި އުފާތައް މިންވަރުކުރައްވާފައި ނެތަސް އަދަލް ތަފާތުވާނެކަމަށް ހީކުރެވުނެވެ. ނަމަވެސް އޭނަގެ ހުވަފެނުގެ ގަނޑުވަރުގެ ބިންގާ އެޅޭނެގޮތެއްވެސް ނުވިއެވެ.
***
ސިދްރާ ކޮފީތަށްޓެއް ހިފައިގެންގޮސް މޭޒުދޮށުގައި އިށީދެ ކުޑަދޮރުން ބޭރަށް ބަލަންފެށިއެވެ. އަޒާލީއާއި ހީރާ ނިކަން ފަރިވެލައިގެން އައުމާއެކު ތަނުގައި ސެންޓުގެ މީރުވަސް ހިފައިލިއެވެ. ފެޝަންޝޯއަކަށް ތައްޔާރުވެލައިގެން އައިފަދައެވެ.އަދަލްވެސް ކޮފީއަކާއެކު ނާސްތާ ހިފައިގެން ގޮސް މޭޒުގެ ކަނުގައި ހުރި އޭނަގެ ޖާގައިގާ ހަމަޖެހިލިއެވެ. ދެކުދިން ކުރިމަތީގައި ހުރި ގޮނޑިތަކުގައި އިށީދެ ހަމްދަރުދީވާކަމަށް ހެދުނަސް ކުރީ މަލާމާތެވެ.
"ރޭގައި ރަގަޅަށް ނިދުނުތަ؟" ހީރާ އަހައިލިއެވެ."ނޫނީ އެ ޖިންނި ލައްވާ ވާހަކަދައްކަން އިނީ؟"
"ދައްތަ ބުނި ސިދްރާ އަމިއްލައަށް ވާހަކަދައްކަނީއޭ..އެހެންވެ ރާގީއަކު ގެންނަން ވެގެން އުޅެނީ...."
"ހީރާއާއި އަޒާލީވެސް ޕާސަލިނިޓީ ކޯޗެއްގެ ގާތަށް ދިޔައްޔާ ރަަގަޅުވާނީ.."ސިދްރާ ބުނެލިއެވެ.
އަދަލްވެސް ކޮށިއަރާގޮތްވިއެވެ. ސިދްރާގެ މަޑުމައިތިރިކަމާއި އެބަސްތަކާއި ނުގުޅެއެވެ. އޭނައަށް ވަށްކަޅިން ބަލައިލެވުނެވެ.
"ތި ބުނީ ކީކޭ؟"ހީރާ ލޯބޮޑުކޮށްލިގޮތުން ލޯ ފުންމާލަފާނެހެން ހީވިއެވެ.
"ތިޔަ އިވުނީ ރަގަޅަށް ހީރާ.."ސިދްރާ ސާބިތުކަމާއެކީގައި ބުނެލިއެވެ." އަހަރެން އަމިއްލައަށް ވާހަކަދައްކާތީ ނޫނީ ނިގާބު އެޅުންވެސް މައްސަލައެއް..އެހެން މީހުންނަށް މަލާމާތްކުރުމަކީ އޮންނަންޖެހޭ ކަމެއްނޫން. އެމީހަކު އަޅާނެ ހެދުމެއް ވާހަކަދައްކާނެ މީހެއް އެނގޭނީވެސް އެމީހަކަށްނު..."
"އަހަރެމް މިއުޅެނީ އެހީވާން. އެހެން މީހުން މަލާމާތްކޮށްފާނެތީ..." ހީރާ މަލާމާތުގެ ގޮތަކަށް ހީލިއެވެ.
"ނޫން. ބައެއްމީހުންގެ ނަފުސަށް ހިތްހަމަޖެހުން ލިބޭ އެހެން މީހުންނަށް އުދަގޫކޮށްލެވުނީމަ...އެކަމަކު އެކަމެއްނުވާނެ.."
"ލޭޑީސް އެންޑް ޖެންޓްލްމެން..މިއަދު އަހަންނަށް މިފެނުނީ ތާރީޚީ މަންޒަރެއް.. ސިދްރާ ރަސްމީކޮށް "މީން ގާލްސް"ޢަށް ރައްދު ދީފި.."
އަޒާލީ އަދަލްއާއި ދިމާލަށް ކަޅިއަޅައިލިތަން ފެނުމުން ބިރުގަތީ ސިދްރާއެވެ. ރުޅިއާއި ނަފްރަތުން ކަޅިވެފައެވެ.
"އަދަލްގެ މޮޔަކަމާއިހެދި ވާހަކަދެއްކޭވަރެއްނުވާނެ..."އަޒާލީ ހިނގައިގަތުމުން ހީރާވެސް ބުޅަލެއްހާ ފަރިކޮށް އޭނަގެ ދައްތަގެ ފަހަތުން ދިޔައެވެ.
"ސީރިޔަސްކޮށް އަހަރެން ހީކުރީ ސިދްރާއަށް ވާހަކަދައްކަން އަދި ނޭގޭކަމަށް...ބާރަ އަހަރުންވެސް ބައެއްކުދިން ވާހަކަދައްކަން ފަށާފާނެވިއްޔަ.."
ސިދްރާއަށް ހެވުނެވެ.
"އެ ހޯދަން އުދަގޫ ހުނުން...ވީޑިއޯ ގޭމެއްގެ ސިއްރު ލެވެލްއެއް އަހަންނަށް ހުޅުވައިލެވުނުހެން ހީވީ..."
"ޝުކުރިއްޔާ..."ސިދްރާ ބުނެލިއެވެ.
"ކޮންކަމަކާއިތަ؟"
"ހެއްވާ ވާހަކަދައްކާތީ..."
"ހަމައިގާ ހުންނަން ކުރާކަމެއް..ބައެއްމީހުން ރޮނީ..އަހަރެން ސަމާސާކުރަނީ..ބައެއްކުދިން ނިގާބުވެސް އަޅާ..އަދި ބައެއް ކުދިން މީހުންނަށް ފާޑުކިޔާ...އެވެސް ދުނިޔެ އުޅެން ކުރަން ޖެހޭ މަސައްކަތް ދޯ...ސުބުހާނަﷲ..ވާރޭވެހެން އުޅެނީ....މަންމަގެ ހެދުންތައް ހުރީ ހިއްކަން އަޅުވާފައި.."
އަދަލް ކޮފީތަށި ދޫކޮށްލާފައި އަވަސްވެގަތީ އޭނަގެ މަންމަގެ ހެދުންތައް ނެގުމަށެވެ. ސިދްރާއަށް އެކަމާއިމެދު ވިސްނައިލެވުނެވެ. އެއަށް ދޭނީ ކޮންނަމެއްހެއްޔެވެ؟ ޒިންމާދާރުކަން ނޫނީ އަޅައިލުންހެއްޔެވެ؟ ލޯބީގެ ވައްތަރެއް ހެއްޔެވެ؟އެހާވަރުން ކޮފީވެސް ހިހޫވާން ދޫކޮށްލާަފައި ދުއްވައިގަތީ މަންމަގެ ހައްގުގައެވެ.
***
ޒިހާމްއާއި އެމިލީ އެކީގައި ކާރަށް އަރަން ދިޔައިރު ޒިހާމް ހުރީ އަތްދިގު ގަމީހަކާއި ޖިންސެއްލައިގެންނެވެ. ލޮލުގައިހުރި އަގުބޮޑު އައިނާއި އަތުކުރީގައިވާ ބޮޑު ގަޑި އަދި ސްމާޓްކަމުން އެންމެންގެ ލޯތައް ހުއްޓުނެވެ. އެމިލީވެސް ފެޝަން މޮޑެލްއެކޭ ތަފާތެއްނެތެވެ.
"އެމް ބުނިހެން މިއީ ވަރަށް ފަހަތުގައި އުޅޭ ރަށެއް..އަހަރެން ހީކުރިވަރަށް ތަރައްގީވެފައެއްނެތް.."
"އެހެންވެއޭ ޒިމް ކައިރީ ބުނީ މި ވިލެޖަށް ނާންނާށޭ.."
ނުނިމޭ