ވައިޓް ހައުސް ކައިރީގައި އަނެއްކާވެސް ބަޑީގެ ހަމަލާއެއް

ވައިޓް ހައުސް ކަރީގައި ބަޑީގެ ހަމަލާއެއް ދިނުމުން ސީކްރެޓް ސާވިސް އިން ހަރަކާތްތެރި ވަނީ. ފޮޓޯ/އޭޕީ

އެމެރިކާގެ ވޮޝިންގްޓަން މޮނިއުމަންޓް ކައިރީގައި ތިބި އޭޖެންޓުންނަށް ހަމަލާދީ ޒަޚަމްކޮށްލި މީހެއްގެ ގަޔަށް އެމެރިކާގެ ސީކްރެޓް ސާވިސްއިން ބަޑިޖަހައިފިއެވެ.

އޭޖެންޓުންނަށް ހަަމަލާދިނުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން އަތުގައި ބަޑިއެއް އޮތްކަމަށް ޝައްކު ކުރެވޭ މީހަކު ވައިޓް ހައުސް ސަރަހައްދު ޕެޓްރޯލް ކުރާ ސީކްރެޓް ސާވިސްގެ އޮފިސަރުންނަށް ފެނިފައިވާ ކަމަށް ޔޫއެސްއެސްއެސްގެ ޑެޕިއުޓީ ޑިރެކްޓަރު މެޓް ކުއިން ނޫސްވެރިންނަށް ވިދާޅުވިއެވެ.

އަދި ޔުނިފޯމްގައި ތިބި ސީކްރެޓް ސާވިސްގެ ފުުލުުހުން ފެނުމުން އެމީހާ ދުވެފައި ދިޔަ ކަމަށާއި އޮފިސަރުން އެމީހުންނާ ކައިރިވުމުން އެމީހުންނާ ދިމާލަށް ބަޑި ޖަހާފައިވާ ކަމަށް ކުއިން ވިދާޅުވިއެވެ.

ހަމަލާ ދިން މީހާ ވައިޓް ހައުސްއަށް ވަންނަން މަސައްކަތް ކުރިތޯ ކަމާބެހޭ ފަރާތްތަކުން އަންނަނީ ތަހުގީގު ކުރަމުން ކަމަށް މަޝްރަހު އެނގޭ ފަރާތަކާ ހަވާލާދީ ސީއެންއެން އިން ރިޕޯޓުކޮށްފައިއެވެ.

މިހާތަނަށް ބެލި ބެލުމުން ޝައްކު ކުރެވޭ މީހާއަކީ މީގެ ކުރިން މެރީލޭންޑާއި ޓެކްސަސްގައި ވެސް ދިރިއުޅުނު އުމުރުން 45 އަހަރުގެ މީހެއް ކަމަށް ބެލެވޭ ކަމަށް ސީއެންއެން އިން ބުނެފައިވެއެވެ.

އޭނާގެ ބޮލާ ދިމާލށް ބަޑިޖަހާފައިވާއިރު މިހާރު އޭނާގެ ހާލު ސްޓޭބަލް ކަމަށް ވެސް މަސްދަރާ ހަވާލާދީ އެ ނޫހުން ބުނެއެވެ.

ބަޑިޖެހުމުގެ ކުޑައިރުކޮޅެއް ކުރިން އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސްގެ މޮޓޯކޭޑް އެ ސަރަހައްދުން ދުއްވާފައި ދިޔަ ކަމަށާއި ނަމަވެސް މޮޓޯކޭޑަށް އެކަމުގެ އަސަރެއް ނުކުރާ ކަމަށް ކުއިން ވިދާޅުވިއެވެ.

އެ ހަމަލާއަށް ފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވައިޓް ހައުސްގައި ބޭއްވި ހަފްލާއެއްގައި ވަހާކަ ދައްކަވާފައި ކަމަށާއި، ޓްރަމްޕް އެ ހަމަލާގެ އެއްވެސް އަސަރެއް ނުކުރާ ކަމަށްވެސް ކުއިން ވިދާޅުވިއެވެ.

މި ހާދިސާ ހިނގާފައިވާއިރު، ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް އެސޯސިއޭޝަން ޑިނާ ބާއްވަމުން ދިޔަ ޑީސީ ހޮޓަލުގައިވެސް މީހަކު ވަނީ ބަޑީގެ ހަމަލާއެއް ދީފައެވެ. ކެލިފޯނިއާއަށް ނިސްބަތްވާ އުމުރުން 31 އަހަރުގެ ކޯލް ޓޮމާސް އެލެންގެ މައްޗަށް ދައުވާކޮށްފައި ވަނީ ޓްރަމްްޕް އަވަހާރަކޮށްލަން އުޅުނު ކަމުގެ ދައުވާ އުފުލާފައެވެ.

ޓްރަމްޕް އަވަހާރަކޮށްލުމަށް 2024 ވަނަ އަހަރު ވެސް ދެ ފަހަރެއްގެ މަތިން މަސައްކަތްކޮށްފައިވާއިރު، އެ އަހަރު ޕެންސިލްވޭނިއާގައި ބޭއްވި ރެލީއެއްގެ ތެރެއިން ދިން ބަޑީގެ ހަމަލާއެއްގައި ޓްރަމްޕް ވަނީ ޒަޚަމުވެވަޑައިގަންނަވާފައެވެ. އެ ހާދިސާގައި ބަޑިޖެހީ އުމުރުން 20 އަހަރުގެ ޒުވާނެކެވެ. އެ މީހާ ފުލުހުން ވަނީ މަރާލާފައެވެ.

comment ކޮމެންޓް