ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް)އިން ސިޔާސީ ޕާޓީގެ ގާނޫނާ ތަކުރާރުކޮށް ޚިލާފުވަމުންދާ ކަމަށް ބުނެ، ޕީއެންއެފްގެ މަގުމަތީ ހަރަކާތްތައް ހުއްޓުވައި، އެ ޕާޓީއަށް ފިޔަވަޅު އަޅަން ގޮވައިލައި ގަރާރެއް މިއަދު ޕީއެންސީން މަޖިލީހަށް ހުށަހަޅައިފިއެވެ.
ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު (ސަޓޯ) ހުށަހެޅުއްވި ގަރާރުގައިވަނީ، ގާނޫނުއަސާސީން ދިވެހި ކޮންމެ ރައްޔިތަކަށް، ފިކުރުކުރުމާއި ޚިޔާލު ފާޅުކުރުމާއި ސިޔާސީ ޕާޓީ އުފައްދައި ހަރަކާތްތެރިވުމުގެ ހައްގު ދީފައިވާ ކަމަށެވެ.
މި ހައްގުތައް ބޭނުންކުރަން ޖެހޭނީ އިސްލާމްދީނުގެ ރިވެތި އުސޫލުތަކާ އެއްގޮތަށް، އެހެން މީހުންގެ އަބުރަށް އިހުތިރާމުކޮށް، ގައުމީ މަސްލަހަތު އިސްކޮށްގެން ކަމަށް، އޭނާ ވިދާޅުވިއެވެ.
ނަމަވެސް "ސިޔާސީ ޕާޓީގެ ގާނޫނުގެ 45 ވަނަ މާއްދާއާ ޚިލާފަށް ބައެއް ސިޔާސީ ޕާޓީތަކުން ސިޔާސީ ހަރަކާތްތައް ހިންގައި، މަސްލަހަތު ނަގާލައި" ގާނޫނުގައި ކަނޑައަޅައިފައިވާ އުސޫލުތަކާއި ހަމަތަކާ ޚިލާފަށް ހިންގަމުންދާ "ހަރަކާތްތަކުގެ" ސަބަބުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދަތިވާކަމަށް އެ ގަރާރުގައިވެއެވެ. އަދި އެ ކަންކަން ހުއްޓުވައި ޕާޓީތަކަށް ފިޔަވަޅު އެޅުމަށް ވަނީ، އެ ގަރާރުގައި ވަނީ ގޮވައިލައްވައިފައެވެ.

ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދާއި (ކ) ރައީސް ޑރ. މުހައްމަދު މުއިއްޒު (މ): -- ފޮޓޯ/ ރައީސް އޮފީސް
ޢަބްދުއްސައްތާރު ހަވާލާދެއްވައިފައިވާ މާއްދާގައިވާ ގޮތުން، ސިޔާސީ ޕާޓީއެއްގެ މެންބަރުންގެ ތެރެއިން ދައުލަތުގެ އިދާރާއެއްގެ މުވައްޒަފަކު، އޭނާ ވަޒީފާ އަދާކުރާ ތަނަކުން ކުރާކަމަކުން ނުވަތަ ކުރާކަމަކާ ގުޅިގެން ނުވަތަ އެ މުވައްޒަފެއްގެ ވަޒީފާ ބޭނުންކޮށްގެން އޭނާ ނިސްބަތްވާ ޕާޓީއަށް ނާޖާއިޒު ފައިދާއެއް ހޯދައިގެން ނުވަތަ ހޯދައިދީގެން ނުވާނެއެވެ.
ފާހަގަކުރެވޭ ގޮތުގައި، މީގެ އެއް މަސް ކުރިން ބޭއްވި ކައުންސިލު އިންތިޚާބާއި، މައި ދެ އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭ ޚިޔާލު ހޯދުމުގެ ވޯޓުން ސަރުކާރަށް ލިބުނު ނާކާމިޔާބީތަކާ ގުޅުވައި ޕީއެންއެފުން އަންނަނީ ސިލްސިލާކޮށް މަގުމަތީ ހަރަކާތް ބާއްވަމުންނެވެ.
އެ ހަރަކާތްތަކުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ބޮޑެތި ތުހުމަތުތަކެއްކޮށް "އަދަދު" ނޫހުން ގެނައި "އައިޝާ" ޑޮކިއުމެންޓަރީއާ ގުޅުވައި، އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.
މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުން ވަނީ، ޕީއެންއެފާއި އިދިކޮޅު އެމްޑީޕީއަށް ވެސް ފޮނުވި ސިޓީތަކެއްގައި، ރައްޔިތުންގެ މެދުގައި ނަފުރަތު އުފެދޭ އަދި ހަމަނުޖެހުމަށް ހިތްވަރު ލިބޭ ކަންކަން ނުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި އެ މުޒާހަރާތަކުގައި، ސިޔާސީ ޕާޓީތަކުގެ ގާނޫނާ އެއްގޮތަށް އަމަލު ކުރުމަށް އެ ކޮމިޝަނުން ވަނީ އެދިފައެވެ.
ހަމަ އެއާއެކު، ސުލޫކީ މިންގަނޑާ ޚިލާފަށް، ޕާޓީތަކުގެ ވެރިންނާއި މެންބަރުންނާއި ޕާޓީތަކަށް މަސައްކަތްކުރާ މީހުންގެ އަމިއްލަ ދިރިއުޅުމުގެ ކަންކަމަށް ފާޑުނުކިޔުމަށާއި، މުޖުތަމައުގައި ރުޅިވެރިކަމާއި ނަފުރަތު އުފެދޭ ގޮތަށް ހަގީގަތާ ޚިލާފު ސާބިތުނުހިފޭ ވާހަކަތައް ނުދެއްކުމަށް އެ ކޮމިޝަނުން އަންގައިފައިވެއެވެ.

ޕީއެންއެފުން ބޭއްވި އެއްވުމެއްގެ ތެރެއިން --- ފޮޓޯ: ޕީއެންއެފް
އޭގެ ފަހުން، އިއްޔެ އިލެކްޝަންސް ކޮމިޝަނުން ނެރުނު ބަޔާނެއްގައިވަނީ ސިޔާސީ ޕާޓީގެ ގާނޫނުގެ ދަށުން، އެހެން ގާނޫނަކުން ހުއްދަ ކުރާ ދާއިރާއިން ބޭރުގައި، މަގުތަކާއި އާންމު މައިދާންތަކުގައި ސިޔާސީ ޕާޓީގެ އާންމު ބައްދަލުވުންތަކާއި ހަރަކާތްތައް ބޭއްވުމަކީ ޕާޓީތަކުން އަމަލުކުރަން ޖެހޭ ސުލޫކީ މިންގަނޑާ ޚިލާފު އަމަލެއް ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ، ޕީއެންއެފުން ސިލްސިލާކޮށް ބާއްވާ އެއްވުންތަކާއި ހިންގާ ހަރަކާތްތަކުން ގާނޫނާ ޚިލާފު އަމަލުތައް ތަކުރާރު ކުރަމުންދާ ކަމަށް އެ ކޮމިޝަނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެފަދަ އަމަލުތައް ނުހިންގުމަށް ނަސޭހަތްތެރިވެ، އެކަން އެ ޕާޓީއަށް އަންގައިފައިވާ ކަމަށް ބަޔާނުގައިވެއެވެ.
ހަމައެހެންމެ އެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް އެ ކޮމިޝަނަށް ހާޒިރުވުމަށް ދައުވަތު ދީފައިވީ ނަމަވެސް ކޮމިޝަނަށް ހާޒިރުވުމަށް ޕީއެންއެފްއިން އުޒުރުވެފައިވާ ކަމަށް، ކޮމިޝަންގެ ބަޔާނުގައިވެއެވެ.
"ވީމާ، އިސްވެ ބަޔާން ކުރެވުނު އަމަލުތައް ތަކުރާރުވާނަމަ ސިޔާސީ ޕާޓީގެ ގާނޫނުގެ ދަށުން އަޅަން ޖެހޭ ފިޔަވަޅު މި ކޮމިޝަނުން އަޅާނެ ވާހަކަ ދަންނަވަމެވެ." އެ ބަޔާނުގައިވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަނުން ވަނީ ޕީއެންއެފްގެ މުޒާހަރާތައް ލައިވް ނުކުރުމަށް 'ޗެނަލް 13'އަށް އަންގައިފައެވެ. އޭގެ ކުރިން، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ނެރުނު ބަޔާނެއްގައި ވަނީ ސިޔާސީ ޕާޓީތަކުން މާލޭގައި ރޭގަނޑު ބާއްވަމުންދާ އެއްވުންތަކުގައި ހަމަނުޖެހުމަށް ހިތްވަރުދޭކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަނުން އެ އިންޒާރު ދިންއިރު، އަދަދު ނޫހުން ރައީސަށް ތުހުމަތުތައްކޮށް ނެރެފައިވާ ޑޮކިއުމެންޓަރީއާ ގުޅޭ މައްސަލަ ވަނީ ބޮޑުވެފައެވެ. އެ މައްސަލައިގައި ފުލުހުން ވަނީ އަދަދު ނޫހުގެ އޮފީސް ބަލައިފާސްކޮށްފައެވެ. އަދި އެ ނޫހުގެ ވެރިންގެ ޕާސްޕޯޓް ހިފަހައްޓައި ފުރުން މަނާކޮށްފައިވެއެވެ.