ކާމިޔާބު މަސައްކަތު މާހައުލެއް ބިނާކުރުން

ކާމިޔާބު މަސައްކަތުގެ މާހައުލަކީ ހަމައެކަނި ރީތި އޮފީސް އިމާރާތަކުން ނުވަތަ އެންމެ ޒަމާނީ ވަސީލަތްތަކުން ބިނާކުރެވޭ އެއްޗެއް ނޫނެވެ. އެއީ އެ ތަނެއްގައި މަސައްކަތްކުރާ މީހުންގެ މެދުގައި އޮންނަ ގުޅުމާއި، ގެންގުޅޭ އުސޫލުތަކާއި، އަދި އެންމެ މުހިންމުކޮށް، އެ ތަނެއްގެ "ސަގާފަތުގެ" މައްޗަށް ބިނާވެފައިވާ ކަމެކެވެ. ކާމިޔާބު މަސައްކަތުގެ މާހައުލެއް ބިނާކުރުމަށްޓަކައި ލީޑަރޝިޕާއި، ކުރިއެރުމުގެ ވިސްނުމާއި، އިންސާނީ ގުޅުންތަކަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހެއެވެ.

ހަރުދަނާ ލީޑަރޝިޕަކާއި ކުރިއެރުމުގެ ވިސްނުން

ލީޑަރޝިޕަކީ ހަމައެކަނި ބޮޑެތި ނިންމުންތައް ނިންމަންޖެހޭ ދަނޑިވަޅުތަކުގައި ދައްކުވައިދޭންޖެހޭ ސިފައެއް ނޫނެވެ. އެއީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކޮންމެ ދުވަހަކު ނިންމާ ކުދިކުދި، ހިމޭން ނިންމުންތަކުން ދައްކައިދޭންޖެހޭ ނަމޫނާއެކެވެ.

https://sun.mv/220162

ކާމިޔާބު ލީޑަރުންނަކީ، ކިތަންމެ ބޮޑު ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު ކަމުގައިވިޔަސް، ކަންކަމުގައި ހުރި ފުރުސަތުތަކަށް ބަލާ މީހުންނެވެ. އެމީހުން ހުރަސްތަކަށް އިންކާރެއް ނުކުރެއެވެ. ނަމަވެސް، އެ ގޮންޖެހުންތަކުގެ ސަބަބުން އެމީހުންގެ އަޒުމް ބަލިކަށިވިޔަ ނުދެއެވެ. އޭގެ ބަދަލުގައި އެމީހުން އަބަދުވެސް ކުރާ ސުވާލަކީ " މިކަމުން އަހަންނަށް ދަސްވާނީ ކޮން ފިލާވަޅެއް ހެއްޔެވެ؟"

ސަބަބަކީ، އަޅުގަނޑުމެން އެންމެ ބޮޑަށް ސަމާލުކަންދޭ ކަންކަން އިތުރުވެ ފުޅާވެގެން ދާތީއެވެ. ކަންކަމުގެ ކުރިއެރުމަށާއި، ޝުކުރުވެރިވުމުގެ ސިފައަށާއި، ކުދިކުދި ކާމިޔާބީތައް ފާހަގަކުރުމަށް އަޅުގަނޑުމެންގެ ސިކުނޑި ހޭނުވުމަކީ ހަމައެކަނި އުއްމީދެއް އޮތުމެއް ނޫނެވެ. އެއީ ނަފްސާނީ ގޮތުން ހޯދޭ ވަރުގަދަ ބާރެކެވެ. މިއީ "ކުރިއެރުމުގެ ވިސްނުން (Growth Mindset) ބިނާވާ އަސްލެވެ. މީގެ މާނައަކީ ހުރިހާ ކަމެއް ފަސޭހަ ކަމަށް ހެދިގެން އުޅުމެއް ނޫނެވެ. އޭގެ ބަދަލުގައި، ކޮންމެ ތަޖުރިބާއަކީވެސް އަޅުގަނޑުމެން ހަރުދަނާކޮށް ބައްޓަންކޮށްދޭނެ ކަމެއްކަން ޔަގީންކަމާއެކު ގަބޫލުކުރުމެވެ.

ލިފްޓްކަލްޗަރ (#LiftCulture)

އަޅުގަނޑުގެ ފިލާވަޅުތަކުގައި މަސައްކަތުގެ މާހައުލުތަކުގައި އޮންނަންޖެހޭނެކަމަށް އަޅުގަނޑު ގަބޫލުކުރާ ސަގާފަތަށް ދީފައިވާ ނަމަކީ "ލިފްޓްކަލްޗަރ" އެވެ. އެއީ ބޮޑެތި ސްޓްރެޓެޖިކް ރޭވުންތަކަކުން ނުވަތަ އޮނިގަނޑުތަކަކުން ފެށޭ ކަމެއް ނޫނެވެ. އެއީ ދެމެހެއްޓެނިވި ގޮތެއްގެ މައްޗަށް ނިންމާ ނިންމުންތަކުގެ ހިނގާ ކުޑަކުޑަ ކަންތައްތަކެއްގެ ސަބަބުން އުފަންވާ މާހައުލެކެވެ. އިޚުލާޞްތެރިކަމާއެކު ބުނެލާ ތައުރީފުގެ ބަހަކުންނެވެ. އަނެކާގެ ވާހަކަ އަޑުއެހުމަށްޓަކައި ކުޑަވަގުތުކޮޅެއް ހުސްކޮށްލަ ދިނުމުންނެވެ. ނަތީޖާއެއް ފެނުމުގެ ކުރިންވެސް، މީހަކު ކުރާ މަސައްކަތުގެ އަގުވަޒަންކުރުމުންނެވެ. މިއީ ކިތަންމެ އާދައިގެ ކަންކަމަށް ވިޔަސް، އެކަންކަމުގެ ބާރުގަދަ ކަންކަމެވެ.

އުފާވެރި މާހައުލެއް ތަނުގައި އޮތުމަކީ މަސައްކަތުގެ ފެންވަރު މަތިކޮށްދޭ އެންމެ ވަރުގަދަ ބާރެވެ. މީހުންނަށް ރައްކާތެރިކަމާއި، ބަލައިގަތުމާއި، އެހީތެރިކަން ލިބޭކަމުގެ އިހުސާސް ކުރެވުމުން، އެމީހުންގެ އުފެއްދުންތެރިކަން އިންތިހާއަށް އިތުރުވެއެވެ. އާޚިޔާލުތައް އުފަންވެ، އަމިއްލައަށް ޒިންމާ ނެގުމުގެ ރޫހު އާލާވެއެވެ. ވަގުތާއެކު، މަސައްކަތުގެ ސަގާފަތް ހަމައެކަނި ބަދަލުވަނީއެއް ނޫނެވެ. އެ ސަގާފަތް މުޅިން އާއުސްމިންތަކަކަށް އުފުލިގެންދަނީއެވެ.

ނާކާމިޔާބީއާއި ގާތްގުޅުމުން ކުރިއެރުމަށް މަގުކޮށުން

ކުރިއެރުމަކީ އަޅުގަނޑުމެން އަމިއްލައަށް ބައްޓަންކުރަންޖެހޭ އެއްޗެކެވެ.

ގިނަ ފަހަރަށް ކުރިއެރުން އަންނަނީ އަޅުގަނޑުމެންގެ ރޭވުމެއްނެތި ދިމާވާ ކަންކަމުގެ ތެރެއިންނެވެ. ނާކާމިޔާބީތަކާއި، ހެދޭ ގޯސްތަކާއި، ކަންކަން ރޭވިގޮތަށް ނުދާ ދުވަސްތަކުގެ ތެރެއިންނެވެ. މިފަދަ ދަނޑިވަޅުތަކުގައި ކާމިޔާބު ލީޑަރުން ބަލިވެގެން ވެއްޓެނީއެއް ނޫނެވެ. އެމީހުން އިބުރަތް ލިބިގަންނަނީއެވެ. އިސްލާހު ގެންނަނީއެވެ. އަދި ކުރިއަށްވުރެ ސާބިތުކަމާއެކު ހަށިފޮޅާލާފަ އަލުން ތެދުވަނީއެވެ.

https://sun.mv/204061

މީގައި، ކުދިކުދި ކާމިޔާބީތަކަކީ އެންމެ މުހިންމު ބިންގަލެވެ. އަޅުގަނޑުމެންގެ ބާރުގެ ދަށުގައި ހުރި ކަންކަމަށް ސަމާލުކަންދީ، ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅަމުން ކުރިއަށްދާއިރު، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވެއެވެ. ހަމައެއާއެކު މަސައްކަތްތައް ބާރު ސްޕީޑުގައި ހިނގައިގަނެއެވެ. އެއް އިރެއްގައި އުނދަގޫ ކަމަށް ފެނުނު ކަންކަން، ކުރެވިދާނެ ކަންކަމަށް ބަދަލުވެއެވެ. މިއީ ކުރިއެރުން ހަގީގަތަކަށް ވާ ގޮތެވެ. އެއްފަހަރަކާ އެއް ނޫނެވެ. މަރުހަލާތަކުގެ ތެރެއިން އުފަންވާ ކުރިއެރުމެއްގެ ގޮތުގައެވެ.

މި ހުރިހާ ކަމެއްގެ ތެރެއިންވެސް އެއް ފާހަގަކޮށްލެވޭ އެއްކަމެއް އަދި އޮވެއެވެ. އެއީ ކޮންމެ ވަރުގަދަ ޓީމެއްގެ ވެސް ފަހަތުގައި އޮންނަ ދެގޮތެއްނުވާ ހަރުދަނާ ގާތްގުޅުމެވެ. އެއީ ތަނުގެ މީހުންނަށް އެއީ އެތަނުގެ މުހިންމު ބައެއްކަމުގެ އިހުސާސް ކުރެވުމުންނާއި، އެމީހުންގެ އަގު ވަޒަންކުރާކަން އެނގުމުން، މަސައްކަތަށް ދޭ ސަމާލުކަން އިތުރުވުމުގެ ތެރެއިން އުފަންވާ ގާތްގުޅުމެވެ. އަދި، އޭގެ ސަބަބުން - އެކަކު އަނެކަކަށް އޮންނަ އޯގާތެރިކަމާ، އެކުގައި ކުރިއަރާ ދިއުމަށް އޮންނަ ޝައުގުވެރިކަމުގެ ތެރެއިން އުފަންވާ ކުރިއެރުމަކީ މާނަހުރި ކާމިޔާބީއެއްގެ ބިންގަލަކަށް ވެގެންދެއެވެ.

ކުރުކޮށް ފޮނިކޮށް

އެއްފަހަރާ ހުރިހާ ކަމެއް ބަދަލުކުރާކަށް ނުޖެހެއެވެ. ފަށައިގަންނާށެވެ. އޯގާތެރިކަމާއެކު ބުނާ އެންމެ ބަހަކުންނެވެ. ނުވަތަ އިޚުލާޞްތެރިކަމާއެކު ކުރާ އާދައިގެ ކުޑަކުޑަ ކަމަކުންނެވެ. ނުވަތަ ކުރިއެރުމެއް ފާހަގަކޮށްލަން ހޭދަކޮށްލާ ކުޑަހިނދުކޮޅަކުންނެވެ. ނުވަތަ ގުޅުން ބަދަހިކުރުމަށްޓަކައި ހޭދަކޮށްލާ ކުޑަ ވަގުތުކޮޅަކުންނެވެ.

މަސައްކަތުގެ މާހައުލެއްގައި، މިފަދަ އާދައިގެ ކުދިކުދި ކަންތައްތައް ހެޔޮ ނިޔަތަކާއެކު ތަކުރާރުކުރުމުން، ހިތަށްވެސް ނުގެނެވޭފަދަ ބޮޑު ބަދަލެއް އަންނަން ފަށައެވެ. އަދި އޭގެ ސަބަބުން ތިމާގެ ވަށައިގެންވާ މީހުންގެ ކުރިއެރުމަށް މަގުފަހިވެއެވެ. މީހުންނަށް އަންނަ ކުރިއެރުމާއެކު މަސައްކަތުގެ މާހައުލު ބަދަލުކޮށްލައެވެ. އަދި ތަނުގައި ކުރިއެރުމުގެ ސަގާފަތެއް ގާއިމުވެގެން ދެއެވެ. ތަޖުރިބާކޮށްލައްވާށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް