އުމުރު ދުވަހުގެ ހުކުމެއް އަތުވެދާނެ ޑުރަގުގެ މައްސަލައެއްގައި ޒުވާން އަންހެނަކު ހައްޔަރުކޮށްފި

ފުލުހުން މީގެ ކުރިން އަތުލައިގެން މަސްތުވާތަކެތި: މަސްތުވާތަކެތީގެ މައްސަލައެއްގައި އަނެއްކާ ވެސް ޒުވާން އަންހެނަކު ވަނީ ހައްޔަރުކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އުމުރު ދުވަހުގެ ޖަލު ހުކުމެއް އަތުވެދާނެ ފަދަ މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި އަނެއްކާ ވެސް ޒުވާން އަންހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ، ހދ. ނޮޅިވަރަންފަރު, މާޅެންދޫގެ، ފާތިމަތު ނިލްފާ ޢަބްދުﷲ ޝިޔާމް، 28އ އެވެ. އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން ބަންދަށް ވަނީ 10 ދުވަސް ޖަހާފައެވެ.

ނިލްފާގެ މައްޗަށް ކުރާ ތުހުމަތަކީ މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތި ގެންގުޅެ އޭގެ ވިޔަފާރިކުރާކަމުގެ ތުހުމަތެވެ. ފުލުހުން ނިލްފާ ހައްޔަރުކޮށްފައިވަނީ މާލެއިންނެވެ. އޭނާ ހައްޔަރުކޮށް ޓެސްޓް ކުރިއިރު، އޭނާގެ ކުޑަކަމުދާ ތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.

ނިލްފާގެ ބަންދާ ގުޅޭ ގޮތުން މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ހައްޔަރުކުރި ކޮޓަރި ތެރެއިން ބަނގުރާ ވެސް ވަނީ ފެނިފައެވެ. އެހެންނަމަވެސް، އޭނާ ހައްޔަރުކުރި ކޮޓަރިން ފެނުނު ބަނގުރަލާއި މަސްތުވާ އެހެން އެއްޗިއްސާ އެ ކޮޓަރީގެ ވެރިފަރާތުން ވަނީ ހަވާލުވެފައެވެ. އެ މީހާ ވެސް ވަނީ ހައްޔަރުކޮށްފައެވެ. އެ މީހާ ވަނީ ކޮޓަރިން ފެނުނު މަސްތުވާތަކެއްޗަކީ އޭނާގެ ތަކެތި ކަމަށް އިއުތިރާފުވެފައެވެ.

https://sun.mv/221494

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައިގައި ފެނުނު މަސްތުވާތަކެއްޗަކީ ގާތްގަނޑަކަށް ހަތް ގްރާމް މެތު އަދި 281 ގްރާމް ކެނެބިސްއެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި އަންހެން މީހާއަކީ މީގެ ކުރިން ކުށުގެ އެއްވެސް ރިކޯޑެއް އޮތް މީހެއް ނޫނެވެ.

ދިވެހިރާއްޖޭގެ މަސްތުވާތަކެއްޗާބެހޭ ގާނޫނަށް ބަލާއިރު، 281 ގްރާމް ކެނަބިސް އަތުގައި ބެހެއްޓުމަކީ ވަރަށް ސީރިއަސް ކުށެކެވެ. މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 108 ވަނަ މާއްދާގެ ދަށުން، މީހެއްގެ އަތުގައި ނުވަތަ ބާރުގެ ދަށުގައި 15 ގްރާމަށްވުރެ ގިނައިން ކެނަބިސް ހުރެއްޖެނަމަ، އެއީ ވިޔަފާރިކުރުމުގެ މަގުސަދުގައި އަތުގައި ބެހެއްޓިކަމަށް ގާނޫނުގައި ބެލެވެއެވެ. އެހެންކަމުން 281 ގްރާމަކީ "ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުން" ކަމަށް ބެލެވޭނެއެވެ.

މިފަދަ ކުށެއް ސާބިތުވެއްޖެ ނަމަ، ގާނޫނުގެ 108 ވަނަ މާއްދާގެ (ށ) ގެ ދަށުން އުމުރަށް ޖަލަށްލުމާ އެކު، 100,000 ރުފިޔާއާއި 10,000,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.

އެޑިޓަރުގެ ނޯޓް: މި ޚަބަރުގައި ހައްޔަރުކުރި އަންހެން މީހާގެ އަތްދަބަހުން މަސްތުވާތަކެތި ފެނުނު ކަމަށް ކުރިން ލިޔެވިފައިވަނީ މައުލޫމާތުގެ ކުށަކުންނެވެ. އޭނާގެ އަތްދަބަހުން ފެނިފައިވަނީ މަސްތުވާތަކެތި ފެނުނު ކޮޓަރީގެ ތަޅުދަނޑިއެވެ. އެ ތަކެއްޗާ ހަވާލުވެފައިވަނީ ކޮޓަރީގެ ވެރިފަރާތުންނެވެ.

comment ކޮމެންޓް