ބޮޑެތި ފަލަ ދޮގު ހެދުމުގެ ނުބައިކަން

ދޮގު ހެދުމަކީ އާންމުވަމުން އަންނަ ވިޔާނުދާ ހުތުރު އަޚުލާޤެކެވެ. އިޖުތިމާޢީ ވަބާއެކެވެ. އެއްވެސް ޖެހިލުމެއް ނެތި, ބޮޑެތި ފަލަ ދޮގު ހެދުމުގައި އެތައް ބަޔަކު ބައިވެރިވަނީއެވެ.

ދޮގު ހެދުމުގެ ނުބައިކަން އާންމުކޮށް މީހުން ދަތަސް، އެ ކަން ފަހުމުވެގެން އެ ކަމާ ދުރުގައި ތިބެން މީހުންނަށް ވަރަށް އުނދަގުލެވެ. ހަދަން ބޭނުން ނުވެގެން ތިބެ ވެސް ދޮގު ހެދެނީއެވެ. ނޫނީ އެހެން ބަޔަކު ހަދަމުން ގެންދާ ދޮގަށް ހިތްވަރުދެނީއެވެ. ނޫނީ އެ ދޮގު ފެތުރުމުގައި އެހީތެރިވަނީއެވެ. މިއީ ވަރަށް ދެރަ ކަމެކެވެ. އަދި މި ވާހަކަ މި ގޮތަށް ފާހަގަކުރާ މީހުންނާއި އެ ކަން އިޞްލާޙުކުރަން ބުނާ މީހުންނާ ދިމާލަށް ވެސް ދޮގު ހަދައިގެން ވާހަކަ ފެތުރުން އަންނަނީ އާންމު ވަމުންނެވެ.

ދޮގުހެދުމަކީ އިސްލާމްދީނުގައި ޙަރާމުކުރައްވައިފައި އޮތް ކަމެކެވެ. ސަމާސާއަކަށް ވެސް ދޮގު ހެދުމަކީ ހުއްދަ ކަމެއް ނޫން ކަމަށް ދީނީ އިރުޝާދުތަކުގައި އަންގަވައިފައި އޮތްކަމީ، ދޮގުހެދުމުގެ ނުބައިކަން އެނގޭ އެންމެ ބޮޑު އެއް ހުއްޖަތެވެ.

މިއަދު ދޮގުހެދުން އާދަވެފައިވާތަން މި ފެންނަނީ ސިޔާސީ މައިދާނުގައެވެ. އެއީ ސިޔާސަތުގެ މައްސަލައެއް ނޫނެވެ. އިސްލާމީ ވެރިކަމެއް ޤާއިމުކުރައްވައިގެން ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ދައުލަތް ހިންގެވީ އިތުރުފުޅު ހައްދަވައިގެންނެއް ނޫނެވެ. އަދި އޭގެފަހުން ވަޑައިގެންނެވި ޚަލީފާއިން ވެސް ސިޔާސަތު ހިންގެވީ އިތުރުފުޅު ހައްދަވައިގެންނެއް ނޫނެވެ. އެހެންވީމާ މިއީ މުޠުލަޤުކޮށް ސިޔާސީ މައްސަލައެކޭ ބުނެވޭކަށް ނޯންނާނެއެވެ. އެހެނަސް މި ޒަމާނުގައި ދުނިޔޭގެ އެންމެން ކަހަލަ ގޮތަކަށް ސިޔާސީ މަޝްރަޙު އެ މީޤާތަކަށް ސީދާ ކުރަމުން އަންނަ ޑިމޮކްރަސީގައި މި ކަން އޮތް ގޮތް ކަމަށް ވެދާނެއެވެ. ދުނިޔޭގެ އެންމެ މަޝްހޫރު ޑިމޮކްރެޓިކް ލީޑަރުންގެ ކިބައިން ފެންނަނީ ބިރަކައިނުލާ ބޮޑެތި ފަލަ ދޮގު ހަދަމުން، ދޮގުގެ މައްޗަށް ދޮގު އިތުރުކުރަމުންދާ މަންޒަރެވެ. ސިޔާސީ މަޤްޞަދަކަށް ޓަކައި ވިޔަސް އަދި އެ ނޫން މަޤްޞަދެއްގައި ވިޔަސް ދޮގު ހެދުމަކީ ކޮށްގެންވާނޭ ކަމެއް ނޫނެވެ.

މީހަކު އަމިއްލަ އަމިއްލައަށް މަދު މީސްކޮޅެއްގެ ތެރޭގައި ދޮގު ހެދުމަށްވުރެ ވެސް ނުބައިކަން ބޮޑީ ދޮގު ވާހަކަތައް ގިނަ ބަޔަކަށް ފޯރުވައި، އެ ކަން ފެތުރުމެވެ. އެފަދައިން ކަންތައްކުރާ މީހުންނަށް، އާޚިރަތަށްވުރެ ކުރިން ކަށްވަޅުގައި ވެސް ބޮޑުގެންވާ އަޒާބު ހުރިކަން ކީރިތި ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ހުވަފެންފުޅެއްގައި ދެއްކެވަޑައިގަތެވެ. ރަސޫލުންނަށް ފެނިވަޑައިގަންނަވާ ހުވަފެންފުޅަކީ ވަޙީގެ ބާވަތެއްކަން އަޅުގަނޑުމެން އެންމެންނަށް ވެސް އެނގެއެވެ.

ކަށްވަޅުގައި ދެވޭ އަޒާބުތައް އެކަލޭގެފާނަށް ހުވަފެންފުޅުގައި ދެއްކެވުނުއިރު، އޭގެ ތެރެއިން އެކަކަށް ލިބެމުން ދިޔަ އަޒާބަކީ، އޭނާގެ އަނގައިތެރެއަށް ބުޅިގަނޑެއްލައްވައި ކޯތާފަތުން ފެށިގެން ގޮސް ބޮލުގެ ފުއްކިބައާ ހަމައަށް މޫނުގެ މަސްތައް ވީދައިލައި، މޫނުމަތީގެ ދެއަރިމަތިން އެފަދައިން އަޒާބު ދެއްވޭ މަންޒަރެވެ.

ސަމުރަތު ބުނު ޖުންދުބު رضي الله عنه ރިވާކުރެއްވިއެވެ. ކީރިތި ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. «رَأَيْتُ اللَّيْلَةَ رَجُلَيْنِ أتياني، قَالا: الَّذِى رَأَيْتَهُ يُشَقُّ شِدْقُهُ، فَكَذَّابٌ يَكْذِبُ بِالْكَذْبَةِ، تُحْمَلُ عَنْهُ حَتَّى تَبْلُغَ الآفَاقَ، فَيُصْنَعُ بِهِ إِلَى يَوْمِ الْقِيَامَة» (البخاري) މާނައީ: "ހުވަފެނުގައި ތިމަންކަލޭގެފާނުގެ އަރިހަށް ރޭގައި ދެ މީހަކު އައެވެ. އެ ދެ މީހުން ބުންޏެވެ. "އެ މީހާގެ ކޯތާފަތް ވީދައި ހަދަނިކޮށް ފެނިވަޑައިގަތް މީހަކީ ދޮގުހަދާ ދޮގުވެރިޔާއެވެ. އޭނާ ހަދާ ދޮގު އެކި ކަންކޮޅުތަކަށް ފެތުރިގެން ދެއެވެ. ޤިޔާމަތާ ހަމައަށް އޭނާއަށް އެފަދައިން އަޒާބުދެއްވޭނެއެވެ." މި ހުވަފެންފުޅުގައި ކީރިތި ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمގެ އަރިހުގައި ތިއްބެވި ދެ ބޭކަލުންނަކީ ޖިބްރީލުގެފާނާއި މީކާއީލުގެފާނު ކަމުގައި ބައެއް ރިވާޔަތްތަކުގައި ވެއެވެ.

ދޮގުހަދާ، ހެދި ދޮގު ފެތުރުމުގައި އުޅުމަކީ މިއަދު މާ އުނދަގޫ ކަމެއް ނޫނެވެ. މީސްމީޑިޔާގެ ވަސީލަތްތައް މި ވަނީ އެ ކަމަށް ދޮންވެ ފައްކާވެފައެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭގައި އެތައް ހާސްބަޔަކާ ހަމައަށް ވާހަކަތައް ފަތުރައިލެވެއެވެ. ފެތުރިގެންދާ ޚަބަރަކީ ކަނޑައެޅިގެން ބުހުތާނު ދޮގެއްކަން އެނގިހުރެ އެ އެއްޗެތި ފަތުރަނީ ވެސް މަދު ބައެއް ނޫނެވެ. އެފަދަ ޕޯސްޓުތައް ޝެއާކުރުމަކީ ދޮގު ފެތުރުމުގައި ބައިވެރިވުމެވެ. އެ ނުބައި ޢަމަލަށް އެހީތެރިވުމެވެ. އަދި ދޮގު ހަދާ މީހުންނަށް ހުރި ފާފައާއި ޢުޤޫބާތް އެ މީހަކަށް ވެސް ލިބޭނެކަން ދަންނަން ވާނެއެވެ. އެއީ ހެޔޮ ކަމެއް ކުރުމަށް މީހަކަށް މަގު ދެއްކި މީހާއަށް އޭގެ ސަވާބު ވެސް ލިބިލިބި ހުންނަ ފަދައިންނެވެ.

ކީރިތި ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. «مَنْ دَعَا إِلَى هُدًى كَانَ لَهُ مِنَ الأَجْرِ مِثْلُ أُجُورِ مَنْ تَبِعَهُ لاَ يَنْقُصُ ذَلِكَ مِنْ أُجُورِهِمْ شَيْئًا وَمَنْ دَعَا إِلَى ضَلاَلَةٍ كَانَ عَلَيْهِ مِنَ الإِثْمِ مِثْلُ آثَامِ مَنْ تَبِعَهُ لاَ يَنْقُصُ ذَلِكَ مِنْ آثَامِهِمْ شَيْئًا‏». (رواه مسلم)‏ މާނައީ: "ތެދު މަގަށް ގޮވައިލާ މީހާއަށް ތަބާވާ މީހުންނަށް ދެވާ ސަވާބާ އެއްވަރު ސަވާބެއް އެ ކަމަށް ގޮވައިލި މީހާއަށް ވެސް ދެވޭނެތެވެ. އެ ކަމުގައި އޭނާއަށް ތަބާވާ މީހުންނަށް ދޭ ސަވާބުން އެއްވެސް މިންވަރެއް އުނިވުމަކައިނުލައެވެ. އަދި ފުރެދުމަށް ގޮވާ މީހުން ދަންނާށެވެ! އެ ގޮވުމަށް ތަބާވީހައި ބަޔަކަށް ދެވޭ ފާފައާއި ޢުޤޫބާތާ އެއްފަދަ ފާފަ، އޭނާއަށް ވެސް ދެވޭހުށްޓެވެ. އެއީ އޭނާއަށް ތަބާވީ މީހުންނަށް ދޭ ފާފައިން އެއްވެސް މިންވަރެއް އުނިވުމަކައިނުލައެވެ."

މިއީ ކިހާ ނުރައްކާ މައްސަލައެއްތޯއެވެ؟ ސިޔާސީ ފެންޑާތަކުގައި، ސިޔާސީ ވާދަވެރިޔާގެ ޢަބުރު ކަތިލުމާއި، ޙަޤީޤަތެއް ނެތް ބުހުތާނު ދޮގު ހެދުމަކީ ފެންތަށްޓެއް ބޮއިލާހައި ފަސޭހަކަމަކަށް މިއަދު ހަދައިފިއެވެ. އެއް ބަޔަކު އަނެއް ބައެއްގެ ޢަބުރަށް އަރައިގަންނަނީއެވެ. އަނެކާގެ ބޮލުގައި ދޮގު ބަދުނާމު އަޅުވަމުން ޖެހިލުމެއްނެތި ބޮޑެތި ފަލަ ދޮގު ހަދަނީއެވެ. ފޯރިލާފައި އެ ތަކެތި އަޑުއަހައި، ފެތުރުމުގައި އެހީތެރިވަނީއެވެ. ދޮގުހެދުމުގެ ފާފައިން މިންވަރެއް އެ ދޮގު ފެތުރުމުގެ ބައިވެރިވާ މީހުންނަށް ވެސް ލިބޭނެކަން އެބަޔަކު ދަންނަން ވާނެއެވެ.

comment ކޮމެންޓް