ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވައްސާ ދެމެދު އޮންނަ ޗެނަލް ތެރެއަށް އިއްޔެ ކޯމަސް އައިނެއް ވަންއިރު، މިއަދު ފެނުނީ ތަފާތު މަންޒަރެކެވެ.
މިއަދު ހަވީރު އެ ޗެނަލްތެރެ އޮތީ ޕްލާސްޓިކުން ފުރިފައެވެ.
ޕްލާސްޓިކް ފުޅިއާއި، ދަޅާއި، ޕެކެޓާއި، އެ ނޫންވެސް ތަކެތިން ޗެނަލްތެރެ އޮތީ ފުރިފައެވެ.

ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވައްސާ ދެމެދު އޮންނަ ޗެނަލް ތެރެ ޕްލާސްޓިކުން ފުރިފައި -- މުހައްމަދު ފިރާގް/ ފޭސްބުކް
އިއްޔެ ސޯޝަލް މީޑިއާގައި ދައުރުވި ފޮޓޯ އާއި ވީޑިއޯތަކުން ފެންނަ ގޮތުގައި ޗެނަލްތެރެއަށް ވަން ކޯމަސް އައިނުގައި ފަސް ކޯމަސް އުޅެއެވެ. ކޯމަސްތަކުގެ ހަރަކާތްތައް ބަލައިލުމަށް ގިނަ ބަޔަކު ވަނީ، އެ ސަރަހައްދަށް ޖަމާވެފައެވެ.
އާންމު ގޮތެއްގައި ކޯމަސްތަކުގެ ހަރަކާތްތައް ބަލައިލަން ލިބޭނީ، ކަނޑުގައި ކޯމަސް އާންމުކޮށް ފެންނަ ސަރަހައްދުތަކަށް ގޮސްގެންނެވެ. މިފަދަ ގޮތަކަށް ފަޅުތެރެއިން ކޯމަސްތައް ފެނުމަކީ މަދުން ނޫނީ ނުވާކަމެކެވެ.
ހުޅުމާލޭ ޗެނަލުން އާންމުކޮށް ނުފެންނަ ދިރުންތައް އެ ސަރަހައްދުން ފެނުމާއެކު، ގިނަ ބަޔަކު މަންޒަރު ބަލައިލަން އެއްވެއެވެ.
ނަމަވެސް ހިތާމަޔަކީ އެފަދަ ދިރުންތަކަށް ގެއްލުން ލިބޭ ބާވަތެއް ކަމަށްވާ ޕްލާސްޓިކުން، މިއަދު އެ ސަރަހައްދު ފުރިފައި އޮތުމެވެ.
ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވައްސާ ދެމެދު އޮންނަ ޗެނަލަކީ މޫސުން ގޯސް، ނުވަތަ ވައި ބާރު ދުވަހެއްނަމަ އޮއެ ބާރު ސަރަހައްދެކެވެ. އެހެންކަމުން މޫދަށް އަޅާ އެކިއެކި ކުނި ފަދަ ތަކެތި އެ ސަރަހައްދަށް ޖަމާވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ރާއްޖޭގައި މޫދަށް ކުނި އެޅުން އާއްމެވެ.
މޫދަށާއި ގޮނޑުދޮށްތަކަށް ކުނި އަޅާ މީހުން ޖޫރިމަނާކޮށް، ފިޔަވަޅު އަޅާނެ ގަވައިދެއް ހަދާނެ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިގު އިބްރާހީމް ވަނީ މިފަހުން ވިދާޅުވެފައެވެ. ތޯރިގު ވިދާޅުވި ގޮތުގައި ރާއްޖޭގެ ތިމާވެށި ރައްކާތެރި ކުރުމާއި، ރާއްޖޭގެ ގުދުރަތީ ވަސީލަތަކީ ވެސް ރަނގަޅު ގޮތުގައި ބަލަހައްޓަންޖެހޭ ތަނެއް ކަމަށެވެ. ސަބަބަކީ އެކަމަކީ ސީދާ ރާއްޖޭގެ އިގްތިސޯދާ ގުޅިފައިހުރި ކަމަށްކަށް ވާތީ ވެށި ހަލާކުވުމުން އެކަމުގެ އަސަރު އިގްތިސޯދީ ގޮތުން ވެސް ކުރާނެތީކަން ތޯރިގު ފާހަގަކުރެއްވިއެވެ.