މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ 'ފަސްމީރު' ބްރޭންޑުގެ އުފެއްދުންތައް އަވަށްޓެރި ސްރީލަންކާއަށް ރަސްމީކޮށް ތައާރަފުކޮށްފިއެވެ.
'ފަސްމީރު' ބްރޭންޑް ލަންކާއަށް ތާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
މިފްކޯއިން ބުނީ އެ ރަސްމިއްޔާތުގައި ދެ ގައުމުގެ ސަރުކާރުގެ އިސް އޮފިޝަލުންނާއި، ޑިޕްލޮމެޓިކް ދާއިރާގެ ބޭފުޅުންނާއި، މަސްވެރިކަމުގެ ދާއިރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. އޭގެ ތެރޭގައި މިނިސްޓާ އޮފް ފިޝަރީޒް އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމާއި، ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދާއި މިފްކޯގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު އަނަސް ހިމެނޭ ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިފްކޯގެ ސީއީއޯ މުޙައްމަދު އަނަސް ވިދާޅުވީ މިއީ ކުންފުނީގެ ވިޔަފާރި ބައިނަލްއަޤްވާމީ ބާޒާރުގައި ފުޅާކުރުމަށް ކަނޑައަޅާފައިވާ އިސްތިރާޖީގެ ދަށުން ހޯދުނު މުހިންމު ކާމިޔާބީއެއް ކަމަށެވެ.

މިފްކޯގެ 'ފަސްމީރު' ބްރޭންޑް ލަންކާއަށް ރަސްމީކޮށް ތާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ މިފްކޯ
އަދި ލަންކާއަށް 'ފަސްމީރު' ބްރޭންޑް ތައާރަފުކުރުމަކީ ރާއްޖޭގެ ކަނޑުމަހުގެ އުފެއްދުންތައް ބޭރުގެ ބާޒާރުތަކަށް އިތުރަށް ފުޅާކުރުމަށާއި، ރާއްޖެއިން ކުރަމުންދާ ތިމާވެއްޓާ ރައްޓެހި މަސްވެރިކަން އިޝްތިހާރުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މިފްކޯއިން އަބަދުވެސް އިސްކަންދެނީ ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުމަށާއި ސަރަޙައްދީ އަދި ދުނިޔޭގެ ބާޒާރުތަކަށް، ފެންވަރު ރަނގަޅު އުފެއްދުންތައް ފޯރުކޮށްދިނުމަށް ކަމަށް ސީއީއޯ ވަނީ ވިދާޅުވެފައެވެ.
މިފްކޯއިން ބުނީ ލަންކާއަށް 'ފަސްމީރު' ބްރޭންޑުގެ އުފެއްދުންތައް ރަސްމީކޮށް ތަޢާރަފުކުރެވުނީ ޑިވެލޮޕްމަންޓް އިންޓާޕްލޭން ސިލޯން ޕްރައިވެޓް ލިމިޓެޑް (ޑީއައިސީއެލް) އާއެކު ވެފައިވާ 'އެކްސްކްލޫސިވް ޑިސްޓްރިބިއުޝަން' އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.
އެ އެއްބަސްވުމުގެ ދަށުން ލަންކާގެ ހޮޓާ، ރެސްޓޯރެންޓް އަދި ކޭޓަރިން ދާއިރާއަށް 'ފަސްމީރު' ގެ އުފެއްދުންތައް ފޯރުކޮށްދިނުމާއި ރީޓެއިލް އަދި ހޯލްސޭލް ބާޒާރަށް އެ އުފެއްދުންތައް ނެރުމަށް ހަމަޖެހިފައިވާ ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.
މިފްކޯއިން ވަނީ ލަންކާއަށް މިއަދު ތަޢާރަފުކުރި ފަސްމީރު' ބްރޭންޑުގެ އުފެއްދުންތައް ދައްކާލައި އެ އުފެއްދުންތައް ތަޖުރިބާކުރުމުގެ ފުރުސަތު މިއަދުގެ ރަސްމިއްޔާތުގެ ބައިވެރިންނަށް ފަހިކޮށްދީފައެވެ.
ދެމެހެއްޓެނިވި މަސްވެރިކަމުން ފެންވަރު ރަނގަޅު އުފެއްދުންތައް އުފައްދައި، ބައިނަލްއަގްވާމީ ބާޒާރުގައި ކުންފުނީގެ ވިޔަފާރި ފުޅާކުރުމަށް މިފްކޯއިން އަންނަނީ ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.