ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް މަސައްކަތްކުރަމުން އަންނައިރު، އީރާނާއި އެމެރިކާއިން ހަަމަލާތައް ބަދަލުކުރި ނަމަވެސް ހަނގުރާމަ ހުއްޓާލާފައި ބޭއްވުމަށް ދެ ގައުމުން ވެފައިވާ އެއްބަސްވުން (ސީޒްފަޔާ) އަދިވެސް ދެމިއޮންނާނެ ކަމަށް އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވީ ފެބްރުއަރީ 28 ވަނަ ދުވަހު ހަމަނުޖެހުން ފެށުނު ފަހުން އީރާނުން ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ނެގުމުން އެކަން ނައްތާލުމަށް އެމެރިކާއިން ކުރަމުން އައި މަސައްކަތުން ކަނޑުއޮޅި ހުރަސް ކުރެވޭނެ މަގެއް ކާމިޔާބުކަމާއެކު ހޯދާފައިވާ ކަމަށާއި އެމަގުން ހުރަސް ކުރަން އެތައް ސަތޭކަ ބޯޓެއް މިހާރު ވެސް އެބައޮތް ކަމަށް ހެގްސެތް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް އެނގޭ އީރާނުގެ މީހުން މި ހަގީގަތުން ލަދުގަންނަކަން. އެމީހުން ބުނީ ކަނޑުއޮޅި ކޮންޓްރޯލް ކުރާ ކަމަށް. އެކަމު ކޮންޓްރޯލެއް ނުކުރޭ،" ޕެންޓަގަންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެގްސެތު ވިދާޅުވިއެވެ.
އަދި ކަނޑުއޮޅީގައި ހަނގުރާމައެއް ކުރަން ބޭނުން ނުވާ ކަމަށާއި، ނަމަވެސް އީރާނުން ހަމަލާ ދީފިނަމަ، ރައްދުގައި ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށް ހެގްސެތް ވިދާޅުވިއެވެ.
ހެގްސެތް އެގޮތަށް ވިދާޅުވީ އީރާނުން އަދި ރައްދު ހަމަލާ ދޭން ނުވެސް ފަށާކަމަށާއި، ފަށައިފިނަމަ ނުރައްކާ ބޮޑުވާނެ ކަމަށް އީރާނުގެ ގާނޫނުހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފް ވިދާޅުވުމާ ގުޅިގެންނެވެ.
ހުރްމުޒް ކަނޑުއޮޅީގައި ތާށިވެފައިވާ އެހެން ގައުމުތަކުގެ ވިޔަފާރި ބޯޓުފަހަރު ރައްކާތެރިކަމާއެކު އެ ސަރަހައްދުން ނެރުމަށްޓަކައި، އެމެރިކާއިން ވަނީ "ޕްރޮޖެކްޓް ފްރީޑަމް" ގެ ނަމުގައި ޚާއްސަ އަސްކަރީ އޮޕަރޭޝަނެއް ފަށައިފައެވެ.
އިރާނުގެ ހަ ބޯޓެއް ފައްތާލައި އެމެރިކާގެ ކަނޑުގެ ސިފައިންނާއި އާގު ބޯޓުތަކަށް އަމާޒުކޮށް ފޮނުވާލި މިސައިލާއި ޑްރޯންތަކެއް ވެސް ވައްޓާލާފައި ކަމަށް އެމެރިކާގެ ކަނޑުގެ ސިފައިން ވަނީ ބުނެފައެވެ.
ނަމަވެސް އީރާނުން ވަނީ އެ ބޯޓުތައް ފައްތާލިކަން ދޮގުކޮށްފައެވެ.
ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން ޖެނެރަލް ޑޭން ކޭން ވިދާޅުވީ ގޮތުގައި އީރާނުން އިއްޔެ ވަނީ އޮމާނަށާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް، ޔޫއޭއީއަށް ހަމަލާ ދީފައެވެ. އެކަމަކު އީރާނުން ވަނީ ހަމަލާ ދިން ކަމަށް ބުނާ ވާހަކަ ދޮގުކޮށްފައެވެ.