އޮރިޔާން ކާޑު ހަދައި، ބްލެކްމެއިލް ކުރި އަންހެނަކު ހަ އަހަރަށް ޖަލަށްލާން ހުކުމްކޮށްފިއެވެ.
އޮރިޔާން ކާޑު ހަދައި، ބްލެކްމެއިލް ކުރި މައްސަލަ ސާބިތުވެ، ހަ އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރި އަންހެނަކީ، މަރްޔަމް ރިޔާސާ، މާލެ / ގ. ސައުތުބްރީޒް އެވެ.
މަރްޔަމް ރިޔާސާގެ މައްޗަށް ދައުލަތުން މި ކޭސްގައި ދެ ދައުވާއެއް އުފުލިއެވެ. އެއީ، ބްލެކްމެއިލް ކުރުމުގެ ކުށުގެ ދައުވާއަކާއި އޮރިޔާން ކާޑު ހެދުމުގެ ކުށުގެ ދައުވާއެކެވެ.
މި ދެ މައްސަލަވެސް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ މުޖުތަމަޢުގެ އަޚްލާޤީ އުޞޫލުތައް ހިފެހެއްޓުމުގެ ގޮތުން އާއްމުކޮށް ހުޅުވައި ނުލައެވެ. އެހެންކަމުން ކޭސްގެ ތަފްސީލެއް ލިބިފައެއް ނުވެއެވެ.
ކްރިމިނަލް ކޯޓުން ބުނި ގޮތުގައި ރިޔާސާގެ މައްޗަށް ދައުލަތުން އުފުލި ދެ ދައުވާއަށްވެސް އޭނާވަނީ ޝަރިއަތުގައި އިއުތިރާފުވެފައެވެ. ދެ މައްސަލައިން ކުރެ ކޮންމެ މައްސަލައެއްގައިވެސް އިއްވާފައިވަނީ ތިން އަހަރުގެ ހުކުމެކެވެ.
ރެކޯޑްތަކުން ދައްކާ ގޮތުގައި މަރްޔަމް ރިޔާސާއަކީ، މަކަރާއި ހީލަތުގެ މައްސަލައެއްގައި ކުރިން ހޯދަން އިއުލާން ކުރި މީހެކެވެ. އޭނާ ހޯދަން އިއުލާންކޮށްފައިވަނީ ފިލައިގެން އުޅޭތީ ކަމަށް ކުރީގެ ރެކޯޑްތަކުން ދައްކައެވެ.