ހޫނު މޫސުމާއެކު ޣައްޒާގެ ކޭމްޕްތަކުގައި ހަމުގެ ބަލިތައް ފެތުރެނީ

މީގެކުރިން 2024 ވަނަ އަަހަރު ޣައްޒާގެ ކޭމްޕްތަކުގައި ފެތުރުނު ހަމުގެ ބައްޔެއް ޖެހިފައިވާ ކުއްޖެއް. ފޮޓޯ/އޭއެފްޕީ

މުޅި ޣައްޒާގައި ތޮއްޖެހިފައިވާ ކޭމްޕްތަކުގައި ހަމުގެ ބަލިތައް ފެތުރި، ހޫނު މޫސުމުގައި ވަރަށް އަވަހަށް ހާލަތު ގޯސްވެދާނެ ކަމުގެ ބިރު އޮތުމުން އާންމު ސިއްހަތުގެ އާ ދަތިކަމެއް ޣައްޒާގައި އުފެދެމުންދާ ކަމަށް އދ. އިން ބުނެފިއެވެ.

އދ. ގެ އެޖެންސީ ފޯ ފަލަސްތީނު ރެފިއުޖީން (ޔޫއެންއާރުޑަބްލިއުއޭ) އިން ބުނެފައިވާ ގޮތުގައި ފާއިތުވި މަސްތަކުގައި ހަމުގެ ބަލި ޖެހޭ މީހުންގެ އަދަދު ތިންގުނައަށް އިތުރުވެފައިވެއެވެ. އަދި ފިނިހޫނުމިން މަތިވުމާއި ތޮއްޖެހުން އަދި ސާފުތާހިރުކަން ކުޑަވުމުން ޚާއްސަކޮށް ކުޑަކުދިންގެ ތެރޭގައި ސްކެބީސް، ފާނަބަސަންދު އަދި އެހެނިހެން ބަލިތައް ފެތުރެމުންދާ ކަމަށް ބުންޏެވެ.

ހޫނު މޫސުން ކައިރިވަމުން އަންނައިރު، ސިއްހީ ދާއިރާގެ އޮފިޝަލުން އަންނަނީ 2024 ވަނަ އަހަރު ތަހައްމަލު ކުރަން ޖެހުނު ހަމުގެ ބަލިތައް ތަކުރާރު ވެދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށް ބުނަމުންނެވެ.

އެ ފަހަރު ޣައްޒާގައި ގާތްގަނޑަކަށް 150،000 މީހުންނަށް ހަމުގެ ބަލިތައް ޖެހުނު އިރު، އެގޮތަށް ދިމާވި މައިގަނޑު ސަބަބަކީ އިސްރާއީލުން އެ ސަރަހައްދުގައި ހިނގި ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި ސަރަހައްދު ބަންދުކޮށް ސިއްހީ ފަރުވާ ދިނުމަށް ބޭނުންވާ ސާމާނު ޣައްޒާއަށް ލިބުން ދަތިވުމެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައިވީ ނަމަވެސް އިސްރާއީލުން ވަނީ އެ ސަރަހައްދަށް ހަމަލާދީ ބަންދުކޮށް، ސިއްހީ ސާމާނު އެތެރެކުރުން ވަރަށް ބޮޑަށް ހަނިކޮށްފައެވެ.

"އަހަރެމެން އެ ސަރަހައްދު ހުރަސްކޮށް ހުރި ހުރިހާ ބިމެއް ބަލައިފާސްކުރިން. އެތަނުގައި ފުރިފައިވަނީ ގެދޮރު ގެއްލިފައިވާ މީހުން." ޣައްޒާގެ ރެފިއުޖީ ކޭމްޕްތަކުގެ ތެރެއިން ކޭމްޕެއްގައި ދިރިއުޅޭ ފަލަސްތީނުގެ ގެދޮރު ގެއްލިފައިވާ ފައުޒީ އަލް ނަޖާރު ބުންޏެވެ.

ޣައްޒާ ސިޓީގައި ހުރި ރެފިއުޖީ ކޭމްޕެއްގައި ދިރިއުޅޭ ފަލަސްތީނު ބައެއް. ފޮޓޯ/ރޮއިޓާސް

"މިލިއަނެއްހާ މީހުން އެކަކު އަނެކެއްގެ ގައިމަތީގައި ތޮއްޖެހިފައި އެބަތިބި. އަދި އަހަރެމެން މިތަނަށް އައީ ކުނިކޮށިގަނޑެއްގެ މަތީގައި އުޅެން. މިއީ ވަރަށް ބޮޑު މައްސަލައެއް."

ސިއްހީ ސާމާނު މަދުވުމުން، އަލްނަޖާރު ފަދައިން ފަލަސްތީނުގެ ގިނަ ރައްޔިތުން ފަރުވާ ދެނީ ގޭގައި އަމިއްލައަށް ތައްޔާރުކުރާ ބޭހަކުންނެެވެ. ބަލިތައް ފެތުރުން ހުއްޓުވުމަށް ސިއްހީ އޮފިޝަލުން ކުރާ މަސައްކަތަށް އިސްރާއީލުގެ ބަންދުގެ ސަބަބުން ވަރަށް ބޮޑަށް ވަނީ ހުރަސް އެޅިފައެވެ.

އދ.ގެ ތަރުޖަމާނު ސްޓެފަން ޑޫޖަރިކް ވިދާޅުވި ގޮތުގައި ވަގުތީ ކޭޕްތަކުގައި ތިބި މީހުންގެ ހާލަތު އަންނަނީ އިތުރަށް ގޯސްވަމުން ކަމަށާއި މިދިޔަ މާޗް މަހަށްވުރެ މިހާރު އެ ބަލިތައް ފެތުރޭ މިންވަރު ތިން ގުނަ އިތުރުވެފައިވާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ އެކަމުގެ އަސަރު ޖެނުއަރީ މަހު ގާތްގަނޑަކަށް 3،000 މީހުންނަށް ކުރިއިރު، އިތުރު 10،000 މީހުންނަށް އަސަރު ކުރަމުންދާ ކަމަށެވެ.

މިހާރު އޮތް ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް އެންޓި ލައިސް ޝޭމްޕޫ، ލޯޝަން، ސާފުތާހިރުކަމަށް ބޭނުންކުރާ ސާމާނު، ޕެސްޓިސައިޑް އަދި އިންސެކްޓިސައިޑް އެތެރެކޮށް، އެތެރެކުރެވޭނެ ގޮތެއް މަގު ފަހިކޮށްދިނުމަށް ޑޫޖަރިކް ވަނީ ގޮވާލައްވާފައެވެ.

ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގައި ސިއްހީ ހިދުމަތްތެރިން ދަނީ އިންފެކްޝަންތައް ފެތުރުން ކުޑަކުރުމަށްޓަކައި އެތައް ހާސް ޓެންޓްތަކެއް ޑިސްއިންފެކްޓް ކުރަމުން ނަމަވެސް ކޮންމެހެން ބޭނުންވާ ތަކެތީގެ ދަތިކަމުގެ ސަބަބުން ގިނަ ކޭމްޕްތަކަށް އެކަން ނުކުރެވެއެވެ.

"މިހާތަނަށް 26 ދުވަހުގެ ތެރޭގައި ޖުމްލަ ދެލައްކަ ޓެންޓްގެ ތެރެއިން 50،000 އަށް ވުރެ ގިނަ ޓެންޓް ސްޕްރޭ ކޮށްފިން. އަޅުގަނޑުމެންނަށް އުނދަގޫވަމުން މިދަނީ އެ މަސައްކަތަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުގެ ގާބިލްކަން ނެތުމުން، ޕެސްޓިސައިޑްތައް ލޯކަލް މާކެޓުން ނުލިބޭތީ." ޚާން ޔޫނިސް މުނިސިޕަލްޓީގެ ތަރުޖަމާނު ސާއެބް ލަގަން ވިދާޅުވިއެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެފައި އޮތް ނަމަވެސް އަދިވެސް އަންނަނީ ހަމަލާތައް ދެމުންނެވެ. އެއްބަސްވުމާ ޚިލާފުވެ މިހާތަނަށް 600 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.

comment ކޮމެންޓް