އަންހެން ކުއްޖެއްގެ ސައިކަލު ވަގަށް ނެގި މީހަކު ޖަލަށްލާން ކްރިމިނަލް ކޯޓުން އަނެއްކާވެސް ހުކުމްކޮށްފިއެވެ.
އަންހެން ކުއްޖެއްގެ ސައިކަލު ވަގަށް ނަގައިގެން ޖަލު ހުކުމެއް މި ފަހަރު އައީ، ހދ. ނޭކުރެންދޫ މީހެއްގެ މައްޗަށެވެ. މިއީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މާލޭގައި އަންހެން ކުއްޖެއްގެ ސައިކަލު ވަގަށް ނެގި މައްސަލައެވެ.
މި މައްސަލައިގައި ދައުލަތުން އުފުލާފައިވަނީ އެހެން މީހެއްގެ މުދަލުގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއެވެ. މި ދައުވާގެ ޝަރިއަތުގައި، ދައުވާ ލިބުނު މީހާވަނީ ކުށަށް އިއުތިރާފުވެފައެވެ. އެހެންކަމުން މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައެވެ.
މި މައްސަލައިގައި ސައިކަލު ވަގަށް ނެގި މީހާގެ މައްޗަށް އިއްވާފައިވަނީ، ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. އެކަމަކު މި މައްސަލައާއި ގުޅިގެން އެ މީހާ ބަންދުކޮށްފައި ހުރި މުއްދަތު ހުކުމުން އުނިކުރާނެއެވެ. އެއީ ތަހުގީގަށް ބަންދުކޮށްފައި ހުރި 16 ދުވަހެވެ.
އަންހެން ކުއްޖެއްގެ ސައިކަލު ވަގަށް ނެގި މީހަކު ޖަލަށްލާން މިދިޔަ މަހުވެސް ހުކުމް ކުރިއެވެ.