20 އަހަރުގެ އިންތިޒާރަށް ނިމުމެއް، އާސެނަލް ޗެމްޕިއަންސް ލީގުގެ ފައިނަލަށް

ބޮޑު ކާމިޔާބީއާއެކު އާސެނަލްގެ ކުޅުންތެރިން އުފާފާޅުކުރަނީ --

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ރޭ އަމިއްލަ ދަނޑުގައި އެތުލެޓިކޯ މެޑްރިޑް 1-0 އިން ބަލިކޮށް، 20 އަހަރަށް ފަހު މުބާރާތުގެ ފައިނަލުން އާސެނަލް ޖާގަ ހޯދައިފިއެވެ.

ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގު 1-1 އިން އެއްވަރުވެފައި އޮތުމުން، އާސެނަލަށް ފައިނަލުގެ ޖާގަ ކަށަވަރުވީ 2-1 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

މިއީ 2006 ވަނަ އަހަރުގެ ފަހުން ޔޫރަޕްގެ އެންމެ ޝަރަފުވެރި މުބާރާތުގެ ފައިނަލަށް އާސެނަލް ދަތުރުކުރި ފުރަތަމަ ފަހަރެވެ.

އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މި ފޯރިގަދަ މެޗުގެ ހަމައެކަނި ލަނޑު ފެނިގެންދިޔައީ ފުރަތަމަ ހާފުގެ އެންމެ ފަހު މިނިޓްގައެވެ.

އާސެނަލްގެ ލެއަންޑްރޯ ޓްރޮސާޑް އޭރިއާ ތެރެއިން ފޮނުވާލި ބާރު ހަމަލާއެއް، އެތުލެޓިކޯގެ ކީޕަރު ޔެން އޮބްލަކް އަތުގައި ޖެހިފައި ނުކުތް ވަގުތު، ބުކާޔޯ ސަކާ ވަނީ ހުށިޔާރުކަމާއެކު އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ. މި ލަނޑާއެކު އާސެނަލުން މެޗުގެ ކޮންޓްރޯލް ހޯދައި، ސަޕޯޓަރުންނަށް އުފާވެރިކަން ގެނެސްދިނެވެ.

ދެވަނަ ހާފުގައި އެތުލެޓިކޯ އިން ނަތީޖާ އެއްވަރުކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. އެގޮތުން ޖޫލިއާނޯ ސިމިއޯނީއަށް ލިބުނު ރަނުގެ ފުރުސަތެއް، އާސެނަލްގެ ޑިފެންޑަރު ގަބްރިއެލް މަގާޅައެސް ވަނީ ވަރަށް ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

އަނެއްކޮޅުން އާސެނަލްގެ ލީޑު ފުޅާކުރުމަށް ވިކްޓަ ޔޯކެރޭޝްއަށް ލިބުނު ފުރުސަތު ބޭކާރުވިއިރު، މެޗުގެ ފަހުކޮޅު އެތުލެޓިކޯގެ އަލެކްސަންޑަ ސޯލޯތަށް ލިބުނު ހަމަލާވެސް ކާމިޔާބުވާ ގޮތެއް ނުވިއެވެ.

މި މަހުގެ 30 ވަނަ ދުވަހު ހަންގޭރީގެ ބުޑަޕެސްޓުގައި އޮންނަ ފައިނަލް މެޗުގައި އާސެނަލް ނުކުންނާނީ ބަޔާން މިއުނިކް ނުވަތަ ޕީއެސްޖީއާ ދެކޮޅަށެވެ.

މި ދެ ޓީމު ކުޅުނު ފުރަތަމަ ލެގު 5-4 އިން ކާމިޔާބުކޮށްފައިވަނީ ޕީއެސްޖީއެވެ. މިއީ އާސެނަލްގެ ތާރީޚުގައި ޗެމްޕިއަންސް ލީގު ފައިނަލެއްގައި ކުޅޭ ދެވަނަ ފަހަރެވެ. 2006 ވަނަ އަހަރުގެ ފައިނަލުން އެޓީމު ބަލިވީ ބާސެލޯނާ އަތުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު