އެއް ފަހަރު ޗާޖުކުރުމުން 13 ދުވަހަށް ބެޓެރީ ހިފަހައްޓާ ސްމާޓް ވޮޗެއް ނެރެފި

މި ގަޑީގެ އަގަކީ ގާތްގަޑަކަށް 99 ޑޮލަރު --- ފޮޓޯ: އޭއައި

އެއް ފަހަރު ޗާޖު ކުރުމުން 13 ދުވަހުގެ މުއްދަތަށް ޗާޖު ހިފަހައްޓާނެ ކަމުގެ ޔަގީންކަމާއެކު، ނަތިން ކުންފުނީގެ ސަބް-ބްރޭންޑް ސީއެމްއެފް އިން އެންމެ ފަހުގެ ސްމާޓްވޮޗް "ވޮޗް 3 ޕްރޯ" ބާޒާރަށް މިއަދު ނެރެފިއެވެ.

ބަޖެޓް ފްރެންޑްލީ އަގުތަކެއްގައި މަތީ ފެންވަރުގެ ޓެކްނޮލޮޖީ ފޯރުކޮށްދިނުމަށް އަމާޒުކޮށް ނެރުނު މި ގަޑީގެ އަގަކީ ގާތްގަނޑަކަށް 99 ޑޮލަރެވެ.

މި އުފެއްދުން ފްލިޕްކާޓް މެދުވެރިކޮށް އޮންލައިންކޮށް ލިބެން ހުންނައިރު، އޮފްލައިންކޮށް ހޮވާލެވޭ ރީޓެއިލް ފިހާރަތަކުން ވެސް މިހާރު ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި ސްމާޓްވޮޗްގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ އޭގައި ހިމެނޭ 1.43 އިންޗީގެ އެމޯލެޑް ޑިސްޕްލޭއެވެ. މި ސްކްރީނަކީ 650 ނިޓްސްގެ ބްރައިޓްނަސްއާއެކު އަލިގަދަ ތަންތަނުގައި ވެސް ސާފުކޮށް ފެންނާނެހެން ފަރުމާކޮށްފައިވާ ސްކްރީނެކެވެ. މީގެ އިތުރުން މެޓަލް ފްރޭމަކާއި ގަޑީގެ ފަންކްޝަންތައް ބޭނުންކުރުމަށް ފަސޭހަވާނެހެން އަނބުރާލެވޭ ކްރައުންއެއް ވެސް މި ގަޑީގައި ހިމެނެއެވެ.

މީގެ އިތުރުން ޒަމާނީ އާޓިފިޝަލް އިންޓެލިޖެންސްގެ ގިނަ ފީޗާތަކެއް މި ގަޑީގައި ވަނީ ހިމަނާފައެވެ. އެގޮތުން ޗެޓްޖީޕީޓީގެ އެހީތެރިކަން ލިބޭއިރު، ''އޭއައި ރަނިން ކޯޗެއް''ގެ އެހީގައި ކަސްރަތު ކުރާ މީހުންނަށް އިރުޝާދު ލިބޭނެއެވެ. އަދި އަޑު ރެކޯޑް ކުރުމުން އަމިއްލައަށް އެ އަޑު ލިޔުމަށް ބަދަލުކޮށްދޭ އޮޓޯ-ޓްރާންސްކްރިޕްޝަން ފަދަ ޚިދުމަތްތައް ވެސް މި ގަޑިން ލިބެން ހުރެއެވެ.

މި ސްމާޓްވޮޗް ޑާކް ގްރޭ، ލައިޓް ގްރޭ އަދި އޮރެންޖް ކުލައިން ލިބޭނެ ---

ޞިއްޙީ ދާއިރާއިން ބަލާއިރު، މި ވޮޗްގައި 131 ސްޕޯޓްސް މޯޑް ހިމެނެއެވެ. މީގެ އިތުރުން ހިތުގެ ވިންދާއި، ލޭގައި އޮކްސިޖަން ހުންނަ މިންވަރު ބެލުމާއި، ނިދުމާއި ސްޓްރެސް ލެވެލް ބެލެހެއްޓޭނެ ސެންސަރުތައް މި ގަޑީގައި ވަނީ ގާއިމުކޮށްފައެވެ. އަދި ލޮކޭޝަން ދެނެގަތުމަށްޓަކައި ވަރުގަދަ ޖީޕީއެސް ނިޒާމެއް ވެސް މީގައި ހިމެނެއެވެ.

ބެޓެރީގެ ގާބިލުކަމަށް ބަލާއިރު، އާދައިގެ ގޮތަކަށް ބޭނުންކުރާނަމަ އެއްފަހަރު ޗާޖުކޮށްލައިގެން 13 ދުވަހަށް ބެޓަރީ ހުންނާނެއެވެ. ނަމަވެސް އޯލްވޭސް އޮން ޑިސްޕްލޭ ބޭނުންކުރާނަމަ ބެޓެރީ ހުންނާނީ ގާތްގަނޑަކަށް ތިން ދުވަހާއި ބައިގެ މުއްދަތަށެވެ. 350 އެމް.އޭ.އެޗްގެ މި ބެޓަރީ ފުރިހަމައަށް ޗާޖުވުމަށް ނަގަނީ ގާތްގަނޑަކަށް 99 މިނެޓެވެ.

މި ސްމާޓްވޮޗް ލިބެން ހުންނާނީ ތިން ކުލައެއްގައެވެ. އެއީ ޑާކް ގްރޭ، ލައިޓް ގްރޭ އަދި އޮރެންޖް ކުލައެވެ. އައި.ޕީ 68ގެ ވޯޓަރ ރެސިސްޓެންޓް ރޭޓިންއާއެކު އަންނަ މި ގަޑިއަކީ އެންޑްރޮއިޑް އަދި އައި.އޯ.އެސް ފޯނުތަކާ ވެސް ނަތިން އެކްސް އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހަކަމާއެކު ގުޅާލެވޭނެ އުފެއްދުމެކެވެ.

comment ކޮމެންޓް