ވޮޝިންޓަން (6 މެއި 2026): އީރާނާ ދެކޮޅަށް އެމެރިކާ ފެށި ހަނގުރާމައިގެ އަސްކަރީ އޮޕަރޭޝަން ކަމަށްވާ "އޮޕަރޭޝަން އެޕިކް ރޭޖް" މިހާރު ނިންމާލާފައިވާކަން އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ އިއުލާން ކުރައްވައިފިއެވެ.
ވައިޓް ހައުސްގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި ކިޔުބާ ދަރިކޮޅުގެ ރޫބިއޯ ވިދާޅުވީ އީރާން އާ ދެކޮޅަށް އެމެރިކާ ކުރި ހަނގުރާމައަކީ އެމެރިކާގެ ރައީސަށް ލިބިދޭ ބާރުގެ ދަށުން ފެށި އަސްކަރީ އޮޕަރޭޝަނެއްގެ ގޮތުގައި އެމެރިކާ ބަލާ ކަމެއް ކަމަށާއި އެ އޮޕަރޭޝަން ނިންމާލިކަން ކޮންގްރެސްއަށް ރަސްމީކޮށް އަންގާފައިވާނެ ކަމުގައެވެ. މި އެންގުމާއެކު އީރާން އާ ދެކޮޅަށް ފެށި "އޮޕަރޭޝަން އެޕިކް ރޭޖް" ރަސްމީކޮށް ނިމުނީ ކަމުގައެވެ.
އޭގެ މާނައަކީ މި އޮޕަރޭޝަންގެ ދަށުން އެމެރިކާ އިސްވެ ދެން އީރާނަށް ހަމަލާ ނުދޭނެ ކަމަށާއި އެމެރިކާ ދެން ހަމަލާދޭނީ އީރާނުން ހަމަލާއެއް ދީފިނަމަ އޭގެ ރައްދުގައި ދޭ ދިފާއީ ހަމަލާއެއްގެ ގޮތުގައި ކަމަށް ރޫބިއޯ ފާހަގަ ކުރެއްވިއެވެ.
"އަހަރެމެން މިހާރު މިވަނީ އިސްވެ ހަމަލާދިނުން ނިމުމަކަށް ގެނަސްފައި. ދެން ދިނަސް ދޭނީ ދިފާއީ ހަމަލާތަކެއް. އީރާނުން އިސްވެ ހަމަލާއެއް ދީފިނަމަ އޭގެ ރައްދުގައި ދޭ ދިފާއީ ހަމަލާތަކެއް" ރޫބިއޯ ވިދާޅުވިއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާން އާ ދެކޮޅަށް ކުއްލި ގޮތަކަށް ހަމަލާދީ ވަރުގަދަ ހަނގުރާމައެއް ފެށިއެވެ. މި ހަނގުރާމައިގެ ބޭނުމަކީ އީރާނުގެ ވެރިކަން ބަދަލުކޮށް އެމެރިކާ ބޭނުންވާ ޒާތުގެ ވެރިކަމުގެ ނިޒާމެއް އީރާނުގައި އުފެއްދުމާއި އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމު ނިމުމަކަށް ގެނައުމާއި ހަތިޔާރުގެ އިންޑަސްޓްރީ މުޅިން ހަލާކުކޮލުންކަން ރައީސް ޓްރަމްޕް އާއި އެމެރިކާގެ އިސް އެހެން މަސްއޫލުވެރިންގެ ވާހަކަތަކުން ވަނީ އެނގިގެން ގޮސްފައެވެ.
އެމެރިކާއާއި އިސްރާއީލުގެ ކުއްލި އަދި ގަދަފަދަ ވައިގެ ހަމަލާތަކުގައި އީރާނުގެ ބައެއް އިސްވެރިންނާއި ގިނައަދަދެއްގެ ކިޔަވާކުދިންނާއި އާންމުންގެ ގިނަ ބަޔަކު ޝަހީދުކޮށްލިއެވެ. ރައްދުގައި އީރާންވެސްވަނީ މެދުއިރުމަތީގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި މަސްލަހަތުތަކާ އަދި އިސްރާއީލުގެ އެތަން މިތަނަށް ބާރުގަދަ މިސައިލްތަކާއި ޑްރޯން ފަދަ ހަތިޔާރުން ވަރުގަދަ ރައްދު ހަމަލާތަކެއް ދީ އެމެރިކާއާއި އިސްރާއީލުގެ އެތަށް ތަނެއް ފުނޑާލައި ބިމާހަމަކޮށްލާފައެވެ.
39 ދުވަހަށްފަހު އެމެރިކާއާއި އިސްރާއީލުވަނީ ވަގުތީ އެއްބަސްވުމެއްގެ ދަށުން ހަމަލާތައް ވަގުތީ ގޮތުން ހުއްޓާލާފައެވެ. ހަމަލާތައް މެދުކަނޑާލިއިރު ހަނގުރާމައިން އެމެރިކާ ހާސިލް ކުރަން ބޭނުންވި މަގްސަދުތައް ހާސިލް ވެފައެއް ނުވެއެވެ. އެއަށްފަހު އެމެރިކާވަނީ ހަނގުރާމައިން ހާސިލް ނުކުރެވުނު މަގްސަދުތައް އީރާނާ ވާހަކަދައްކައިގެން ހާސިލް ކުރުމަށް މަސައްކަތްތަކެއް ކޮށްފައެވެ.
މީގެތެރޭގައި އީރާނާއެކު މަޝްވަރާކުރުމުގެ ބުރެއްވެސް ކުރިޔަށް ގެންދިޔުމާއި އީރާނުގެ ބަނދަރުތައް ހިސާރު ކުރުން ހިމެނެއެވެ. ނަމަވެސް މަޝްވަރާގެ ބުރުވެސް އެމެރިކާއަށް ކާމިޔާބެއް ލިބިފައެއް ނުވެއެވެ. އަދި އީރާނުގެ ބަނދަރުތައް ހިސާރު ކޮށްގެން އީރާނުގެ ސިޔާސަތު ބަދަލުކޮށް ދުދޭން މަޖުބޫރު ކުރުމުގައިވެސް އެމެރިކާވަނީ މުޅިން ނާކާމިޔާބު ވެފައެވެ.
މިއާއެކު އެމެރިކާ ދިޔައީ މަޑުމަޑުން އީރާން ކުރިމަތީގައި ފަހަތަށް ޖެހެމުންކަން ވަރަށް ބޮޑަށް އެނގިގެން ދިޔައެވެ. ހަމަލާތައް އަލުން ފަށާނެކަމުގެ ބިރު އެތަށް ފަހަރަކު ދައްކައި އިންޒާރުތައް ފުލުފުލުގައި ދެމުން ގެންދިޔައެވެ. އީރާން ވުޖޫދުން ފުހެލާނެކަމުގެ އިންޒާރުތައްވެސް ދިނެވެ. ނަމަވެސް އީރާން އާ ދެކޮޅަށް ހަމަލާތައް އަލުން ފަށަން އެމެރިކާއަށް އެއްވެސް ވަރަކަށް ކެރިފައެއް ނުވެއެވެ.
މިގޮތަށް ފަހަތަށް ޖެހެމުން ގޮސް އެންމެ ފަހުން ޓްރަމްޕް ވަނީ އީރާން އާ ދެކޮޅަށް ފެށި ހަނގުރާމައިގެ އަސްކަރީ އޮޕަރޭޝަންކަމަށްވާ "އޮޕަރޭޝަން އެޕިކް ރޭޖް" ހުއްޓާލިކަން ކޮންގްރެސް އަށް މީގެ ހަތަރު ދުވަސްކުރިން އަންގާފައެވެ. އަދި ޓްރަމްޕްގެ ޚާރިޖީ ވަޒީރު މިހާރު މި އިއުލާންކުރީ "އޮޕަރޭޝަން އެޕިކް ރޭޖް" ހުއްޓާލައި އިސްވެ ހަމަލާދިނުން ނިމުމަކަށް ގެނަސް އޭގެ ބަދަލުގައި އީރާނުން ދޭ ހަމަލާއަކަށް ރައްދު ދޭގޮތަށް އެެމެރިކާގެ އަސްކަރިއްޔާ ޑިފެންސަށް ފޭބި ކަންކަމެވެ.
އަނެއްކޮޅުން އެމެރިކާގެ ހަނގުރާމައާބެހޭ ވަޒީރު ހެގްސެޓް ބުނިގޮތުގައި ހުރުމުޒު ކަނޑުއޮޅި ހުޅުވުމަށް ޓަކައި މީގެ ތިން ދުވަސް ކުރިން އީރާން އާ ދެކޮޅަށް ފެށި އޮޕަރޭޝަން ކަމަށްވާ "ޕްރޮޖެކްޓް ފްރީޑަމް" ގައި ބައިވެރިވި އެމެރިކާގެ މަނަވަރަކަށް އަމާޒުކޮށް އީރާނުގެ ސިފައިން އިއްޔެ ވަނީ 10 މިސައިލް ފޮނުވާލާފައެވެ. މިއާއެކުވެސް އަލުން ހަނގުރާމަ ފަށަން އެމެރިކާ ބޭނުންނުވާކަން އެމެރިކާގެ ހަނގުރާމައާބެހޭ ވަޒީރު ވަނީ ބުނެފައެވެ. އެމެރިކާ އީރާންގެ ކުރިމަތީގައި ފަހަތަށް ޖެހެމުންދާ މިންވަރު މިކަމުންވެސް އެނގޭކަމަށް މުހައްލިލުން ވިދާޅުވެއެވެ.
ނަމަވެސް އެމެރިކާގެ ރައީސް ޓްރަމްޕް ބުނިގޮތުގައި އީރާންގެ ބަނދަރުތަކާ ދެކޮޅަށް އަޅާފައިވާ ހިސާރުގެ ފިޔަވަޅުތައް އަދި ދަމަހައްޓާނެއެވެ.