ރައީސް އޮފީހާއި ބައެއް އެހެން މިނިސްޓްރީތަކުގައި އިސް މަގާމުތައް ފުރުއްވި އައިޝަތު އީޝާ އަޝްރަފަށް، އޮންލައިން ނޫސް "އަދަދު"ން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީގެ މައްސަލައިގައި ދިފާއުގައި އެއްވެސް ވާހަކައެއް ދައްކަން ފުރުސަތެއް ނުދިން ކަމަށް އޭނާގެ ގާނޫނީ ވަކީލުން މިއަދު ވިދާޅުވެއްޖެއެވެ.
އެ މައްސަލައިގެ ތަހުގީގަށް އީޝާ މިއަދު ވަނީ ހެންވޭރު ދަނޑު ކައިރީގައި ހުންނަ ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން އަށް ހާޒިރުވެފައެވެ.
ފުލުހުން އީޝާއަށް ފޮނުވާފައިވާ ޗިޓުގައިވާ ގޮތުން، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ގަޒުފުކޮށް ހަދާފައިވާ ކަމަށް ބުނާ ޑޮކިއުމެންޓްރީގައި ބައިވެރިވުމެއް އޮތް ކަމަށް ކުރެވޭ ތުހުމަތެވެ.
ފުލުހުންގެ ތަހުގީގުގެ ސުވާލުތަކަށްފަހު، މީޑިއާތަކަށް މައުލޫމާތުދެއްވައި އީޝާގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ހަމަޖައްސަވާފައިވާ ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ ތަހުގީގަށް އީޝާގެ ބަޔާން ނެގިއިރު ފުލުހުން މައިގަނޑު ގޮތެއްގައި ކުރީ އެންމެ ތިން ސުވާލު ކަމަށެވެ. ނަމަވެސް އެއީ ސީދާ ކޮން ތިން ސުވާލެއްކަން ވިދާޅުނުވި ނަމަވެސް ޝަމީމް ވިދާޅުވީ އެ ތިން ސުވާލަށް ވެސް އީޝާ އިންކާރުކޮށްފައިވާ ކަމަށެވެ.
"ގަޒްފުކުރިކަމަށް ތުހުމަތުކުރަނީ، އަޅުގަނޑުމެން ސާފުކުރަން އެހިން ކާކާތޯ އެކަމެއް ކުރީ. އެ ސުވާލަކަށް ފުލުހުން ޖަވާބެއް ނުދެއްވާ،" ޝަމީމް ވިދާޅުވިއެވެ.
"ދެން އަޅުގަނޑުމެން ދިފާއުގައި ވާހަކަދައްކަން ފުރުސަތަކަށް އެދުނީމާ، ދިފާއުގައި ވާހަކަދައްކާކަށް ފުރުސަތެއް ނުއެއްދެއްވާ. ހަމަ އެއްގޮތަކަށް ވެސް ދިފާއުގައި ވާހަކަދައްކާކަށް ފުރުސަތެއް ނުއެއް ދެއްވާ!" ޝަމީމް އިތުރަށް ވިދާޅުވިއެވެ.
އީޝާއާއި އޭނާގެ ވަކީލު ކުރީގެ ޕީޖީ ހުސައިން ޝަމީމް: އީޝާއަށް ދިފާއުގައި އެއްވެސް ވާހަކައެއް ދައްކަން ފުރުސަތެއް ނުދިން ކަމަށް ޝަމީމް ވިދާޅުވި -- ސަން ފޮޓޯ/ ޝާތިއު އަބްދުﷲ
ޝަމީމް ވިދާޅުވީ، ކަން އެހެންވީ ނަމަވެސް ފުލުހުންގެ ބަޔާނުގައި، ދިފާއުގައި ވާހަކަދައްކަން ފުރުސަތު ނުދިން ކަމަށް ވެސް ފުލުހުން ލިޔުނު ކަމަށެވެ. ހަމައެއާއެކު މި ތަހުގީގުގައި އީޝާގެ ބަޔާން ނިމުނީ ކަމަށް ފުލުހުން ބުނި ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.
މިއީ އީޝާ، ފުލުހުންގެ ތަހުގީގަށް ހާޒިރުކުރި ދެވަނަ ފަހަރެވެ. ރޭ، ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ، ފުލުހުންގެ ސުވާލުތަކަށްފަހު ނުކުމެވަޑައިގެން މީޑިއާތަކަށް ދެއްވި އިންޓަވިއުގައި ޝަމީމް ވަނީ އީޝާއަކީ މި މައްސަލައިގައި 'ވިކްޓިމް' ނުވަތަ މައްސަލައިގައި އަނިޔާ ލިބުނު މީހާ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި އެކަން ފުލުހުންނަށް ބަޔާން ދިނުމަށްފަހު ހާމަކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އެކަމާ ގުޅިގެން މިއަދު ޝަމީމް ވިދާޅުވީ އީޝާއަކީ 'ވިކްޓިމް'ކަން ތަފްސީލްކޮށްދެއްވުމަށް މަސައްކަތްކުރެއްވި ނަމަވެސް އެ ފުރުސަތު ފުލުހުން ނުދިން ކަމަށެވެ.
"އިއްޔެ ވެސް ދަންނަވާފައި ވާނެ އަޅުގަނޑުމެންގެ ކްލަޔަންޓް ވިކްޓިމަށް ވާކަމަށް ގަބޫލުކުރާ ކަމަށް. ޓެކްސްޓް ފޮތް ތަކުގައި ވެސް [ވިކްޓިމްއަކަށް ވާ ގޮތް] ބަޔާންކޮށްފައި އެބަހުރޭ. އަނިޔާކުރާ މީހާ އަނިޔާ ލިބޭ މީހާއަށް ކުރާ މައިގަނޑު ކަންތައްތަކެއް ހުރޭ. ނަފްސާނީ އަނިޔާ ދިނުން. އެކަހެރި ކުރުން. ނަފްސާނީ ގޮތުން ވިޔަސް ފައިސާގެ ގޮތުން ވިޔަސް ޑިޕެންޑެންސީ ކްރިއޭޓްކުރުން، ބިރުދެއްކުން. އިންޒާރުދިނުން. މަގާމުގެ ނުފޫޒު ބޭނުންކުރުން،" ޝަމީމް ވިދާޅުވިއެވެ.
ދިފާއުވުމުގެ ފުރުސަތު ފުލުހުން ނުދިން ނަމަވެސް އެހުރިހާ ކަމެއް ވެސް ތަހުގީގީ މަރުހަލާގައި ކިޔައިދޭން ބޭނުންވާ ކަމަށާއި، އެކަން ކުރައްވާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި ޝަރީއަތުގެ މަޖިލީހުގައި 'ވިކްޓިމް'އަކީ ކާކުކަން ހެއްކާއެކު ސާފުކޮށްދެއްވާނެ ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.
"މިހާރު ފުލުހުން ތުހުމަތުކުރަނީ އީޝާއަކީ ޕާޕެޓްރޭޓާ [މައްސަލައިގައި އަނިޔާ ދިން މީހާ] ކަމަށް،" ޝަމީމް ވިދާޅުވިއެވެ.
ފުލުހުންގެ ތަހުގީގަށް ފަހު، އީޝާއާއި އޭނާގެ ވަކީލުންގެ ޓީމު މީޑިއާތަކަށް މައުލޫމާތު ދެއްވަން ވަޑައިގަންނަވަނީ -- ސަން ފޮޓޯ/ ޝާތިއު އަބްދުﷲ
ޝަމީމް ވިދާޅުވި ގޮތުގައި އެ ތަހުގީގަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަކަށް ނުބެލެވެއެވެ. ނަމަވެސް ބައެއްކަހަލަ ވާހަކަތައް ދެއްކުމަށް ފުރުސަތު ނުލިބުނީ ކާކުގެ ނުފޫޒަކުންތޯ ބުނަން ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑަކަށް ހިޔެއް ނުވޭ އަދި އަމުދުން ސަރުކާރަކުން ފުލުހުންގެ އިދާރާއަކަށް ނުފޫޒެއް ފޯރުވާނެއެކޭ. އަޅުގަނޑުގެ ހިތެއް ނުއެއް ބުނޭ. އެހެންނަމަވެސް ބައެއްކަހަލަ ވާހަކަދައްކަން ފުރުސަތު ނުދެއްވާކަން އަޅުގަނޑަށް ފާހަގަކުރެވޭ. ދެން އެއީ ކާކު ނުފޫޒު ފޯރުވައިގެންތޯ ނުވަތަ ނޫންތޯ އަޅުގަނޑަކަށް ނޭނގޭ،" ޝަމީމް ވިދާޅުވިއެވެ.
މި މައްސަލައިގެ ތަހުގީގު ފުލުހުން ވަރަށް ސީރިއަސްކޮށް ކުރިއަށްގެންދާއިރު، ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އީޝާގެ ޕާސްޕޯޓު ވެސް ވަނީ ތިން މަސްދުވަހުގެ މުއްދަތަށް ހިފަހައްޓާފައެވެ. ކޯޓު އަމުރުގައި ބުނެފައިވަނީ އީޝާ ރާއްޖެއިން ފުރައިގެން ފިލަން އުޅޭ ކަމަށް ފުލުހުންނަށް އިންޓެލިޖެންސް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
މީގެ އިތުރުން، މި ޑޮކިއުމެންޓްރީއާ ގުޅިގެން ފުލުހުން ވަނީ އަދަދު ނޫހުގެ މައްޗަށް ވެސް ބޮޑު ތަހުގީގެއް ފަށާފައެވެ. ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ އަދަދު ނޫހުގެ އޮފީހަށް ވަދެ، އެތަން ބަލައިފާސްކޮށް، ނޫސްވެރިކަމަށް ބޭނުންކުރާ ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނާއި ކޮމްޕިއުޓަރު ސިސްޓަމްތައް ތަހުގީގުގެ ބޭނުމަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މިއީ ފަހުގެ ތާރީޚެއްގައި ރާއްޖޭގެ މީޑިއާއެއްގެ އޮފީހަށް ފުލުހުން ވަދެ މިފަދަ ބޮޑު އޮޕަރޭޝަނެއް ހިންގި ފުރަތަމަ ފަހަރެވެ.
އަދަދު ނޫހުގެ އިސްވެރިންގެ މައްޗަށް ވެސް ފުލުހުން ދަނީ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން، އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާއާއި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ ޕާސްޕޯޓު ވެސް އަންނަ ޖުލައި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހިފަހައްޓާފައެވެ. އަދި، އެ ދެ ބޭފުޅުން ވެސް ފުލުހަށް ހާޒިރުކޮށްފައިވާއިރު، ތަހުގީގުގައި ސުވާލުކުރުމުން ދެ ބޭފުޅުން ވެސް ވަނީ ހަނު ހުރުމުގެ ހައްގުގެ ބޭނުންކުރައްވާފައެވެ.