އިންފުލުއެންޒާ އިތުރުވަމުންދާތީ، ވެކްސިން ޖެހުމަށް އެދެފި

ދިވެހީންތަކެއް އައިޖީއެމްއެޗް ސަރަހައްދުގައި: ރާއްޖޭގައި އިންފުލުއެންޒާ ފެތުރުން ވަނީ އިތުުރުވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި މި ދުވަސްވަރު އިންފުލުއެންޒާ ފެތުރޭ މިންވަރު އިތުރުވަމުންދާތީ، ކުރިއަށް އޮތް އީދު ބަންދުގެ ކުރިން ބަލިން ރައްކާތެރިވުމަށް ވެކްސިން ޖެހުމަށް އެތެރެހަށީގެ ޚާއްޞަ ޑޮކްޓަރު މުޙައްމަދު އަލީ އިލްތިމާސްކުރައްވައިފިއެވެ.

ސޯޝަލް މީޑިއާގައި އާންމުކުރެއްވި ޕޯސްޓެއްގައި ޑރ. މުޙައްމަދު އަލީ ވިދާޅުވީ، މި ދުވަސްވަރު އިންފުލުއެންޒާ ޖެހޭ މިންވަރު ވަރަށް އިތުރު ކަމަށެވެ.

އީދު ބަންދުގެ ދެ ހަފުތާ ކުރިން އިންފުލުއެންޒާ ވެކްސިން ޖެހުމަށް އިލްތިމާސް ކުރައްވަމުން ޑޮކްޓަރު ވިދާޅުވީ ހަށިގަނޑުގައި ވެކްސިން މަސައްކަތް ކުރަން ދެ ހަފުތާ ވަރު ނަގާނެ ކަމަށެވެ.

ޑރ. މުޙައްމަދު އަލީ: އިންފުލުއެންޒާއިން ރައްކާތެރިވުމަށް ވެކްސިން ޖެހުމަށް އިލްތިމާސް ކުރައްވާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއީ ގިނަ ބަޔަކު އެއްތަނަކަށް ޖަމާވެ، އާއިލާތަކާއި ރައްޓެހިންނާ ބައްދަލުކުރުމަށް ދަތުރުފަތުރުކުރާ ދުވަސްވަރަކަށް ވުމާއެކު، ބަލި ފެތުރުމުގެ ފުރުޞަތު ބޮޑުކަމަށް ސިއްހީ މާހިރުން ވެސް ދަނީ ފާހަގަކުރައްވަމުންނެވެ. އެހެންކަމުން ދުރާލާ ވެކްސިން ޖަހައިގެން ދިފާޢީ ނިޒާމު ވަރުގަދަކުރުމަކީ ބަލިން ސަލާމަތްވުމަށް އޮތް އެންމެ ރަނގަޅު މަގެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް އިންފުލުއެންޒާއަށް ޕޮޒިޓިވްވާ މީހުންގެ ނިސްބަތް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން ޖެނުއަރީ މަހު ޓެސްޓްކުރި 791 މީހުންގެ ތެރެއިން 99 މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. ފެބްރުއަރީ މަހު 134 މީހުން ޓެސްޓްކުރިއިރު އަށް މީހުން ޕޮޒިޓިވްވި ނަމަވެސް، މިދިޔަ މަހުގެ ނިޔަލަށް ޓެސްޓްކުރި 89 މީހުންގެ ތެރެއިން 18 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. މިއީ ޓެސްޓުކުރެވޭ ނިސްބަތުން ބަލާއިރު ބަލި ފެތުރޭ މިންވަރު މަތިވަމުންދާކަން އަންގައިދޭ ކަމެކެވެ.

ޚާއްޞަކޮށް ސްކޫލްތަކާއި އޮފީސްތައް ފަދަ މީހުން ގިނައިން އެއްވެއުޅޭ ތަންތަނުގައި މި ބަލި ފެތުރުމުގެ ފުރުޞަތު ބޮޑުކަން އެޗްޕީއޭއިން ފާހަގަކުރެއެވެ.

އިންފުލުއެންޒާއަކީ ނޭވާލާ ނިޒާމަށް ޖެހޭ ވައިރަލް އިންފެކްޝަނެކެވެ. މި ބަލި އާންމުގޮތެއްގައި ފެތުރެނީ ބަލިޖެހިފައިވާ މީހަކު ކެއްސައި، ކިނބިހިއަޅާއިރު ބޭރުވާ ކުޅު ނުވަތަ އަރިދަފުހުގެ ޒަރީއާއިންނެވެ. ބަލީގެ މައިގަނޑު އަލާމާތްތަކުގެ ތެރޭގައި ގަދަޔަށް ހުންއައުން، ކެއްސުން، ކަރުތެރެ ފާރުވުން، ނޭފަތުން އަރިދަފުސް ފޭބުން، ގައިގައި ރިއްސުން، ބޮލުގައި ރިއްސުން އަދި ވަރުދެރަވުން ހިމެނެއެވެ.

https://www.sun.mv/221282

ބައެއް ހާލަތްތަކުގައި، ޚާއްޞަކޮށް ކުޑަކުދިންނާއި، މާބަނޑު މީހުންނާއި، އުމުރުން ދުވަސްވީ މީހުންގެ އިތުރުން ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް މި ބަލީގެ ސަބަބުން ނިއުމޯނިއާ ފަދަ ނުރައްކާތެރި ހާލަތްތައް މެދުވެރިވުމަކީ އެކަށީގެންވާ ކަމެކެވެ.

މި ބައްޔަށް ދެވޭ މައިގަނޑު ފަރުވާއަކީ އަރާމުކުރުމާއި، ގިނަގިނައިން ދިޔާއެއްޗެހި ބުއިމާއި، ހުން ތިރިކުރުމަށް ޕެރަސެޓަމޯލް ފަދަ ބޭސް ބޭނުންކުރުމެވެ. ނަމަވެސް ބަލީގެ އަލާމާތްތައް ގޯސްވާނަމަ ނުވަތަ ނޭވާލާން އުނދަގޫވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަކީ ފުރާނަ ސަލާމަތްކުރުމަށް މުހިންމު ކަމެކެވެ.

މި ބަލިން ރައްކާތެރިވުމަށް އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅަކީ ކޮންމެ އަހަރަކުވެސް އިންފުލުއެންޒާ ވެކްސިން ޖެހުމެވެ. މީގެ އިތުރުން ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވުމާއި، މީހުން ގިނައިން އެއްވެއުޅޭ ތަންތަނަށް ނުދިއުމާއި، ބަލިވެއްޖެނަމަ ގޭގައި މަޑުކުރުމަކީ މުޖުތަމަޢުގެ ތެރޭގައި ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް ކޮންމެ ފަރުދަކަށްވެސް އެޅިދާނެ މުހިންމު ފިޔަވަޅުތަކެކެވެ.

އިންފުލުއެންޒާގެ އިތުރުން، މަދިރީގެ ޒަރީއާއިން ފެތުރޭ ޑެންގީ ހުން ވެސް ރާއްޖޭގައި ދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ. އެޗްޕީއޭ އިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަހު ރިޕޯޓްކޮށްފައިވަނީ ޑެންގީގެ 374 ކޭސްއެވެ. ނަމަވެސް މި އަހަރުގެ އެ މުއްދަތުގައި މި އަދަދު ވަނީ 2,183 އަށް އަރާފައެވެ. ޑެންގީ ކޭސްތައް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އަތޮޅުތެރޭގެ ރަށްރަށުންނެވެ. މިކަމާ ގުޅިގެން މަދިރި އާލާވާ ތަންތަން ނައްތާލުމަށާއި، ހަށިގަނޑު ނިވާވާ ގޮތަށް ހެދުން އެޅުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިރުޝާދު ދެމުންނެވެ.

comment ކޮމެންޓް