ވޭނާއި ތަދުގެ ތެރެއިން: ތެލެސީމިއާ ކުދިންގެ އަޑުއަހަމާތޯ

ރިސޯޓެއްގެ މުވައްޒަފުން ލޭހަދިޔާކުރަނީ (ފޮޓޯ: ވިޒިޓް މޯލްޑިވްސް)

ދިވެހިރާއްޖޭގައި ތެލެސީމިއާ ބައްޔާއެކު ދިރިއުޅޭ ކުދިންނާއި ޒުވާނުން އުފުލަމުންދާ ޖިސްމާނީ އަދި ނަފްސާނީ ބުރަ މި ލިޔުމުގައި ފުޅާ ދާއިރާއެއްގައި ބަޔާންކޮށްދީފައިވެއެވެ. ގިނަ ފަހަރަށް މީހުންނަށް ފެންނަނީ އެކުދިންނަށް ދެވޭ ފަރުވާއާއި ހޮސްޕިޓަލުގައި ލޭއަޅާ މަންޒަރު ކަމުގައިވިޔަސް، އެކުދިންގެ ހިތްވަރާއި، އުންމީދުތަކާއި އަދި ފޮނި ހުވަފެންތައް މުޖުތަމަޢަށް ނުފެންނަކަން ނުވަތަ އިހުސާސްނުކުރެވޭކަން ލިޔުމުގައި ފާހަގަކޮށްފައިވެއެވެ. އެކުދިންވެސް ބޭނުންވަނީ ތަޢުލީމު ހާސިލުކޮށް، ކުޅިވަރުކުޅެ، އަދި ވަޒީފާ އަދާކުރުމަށެވެ. އެހެންކަމުން، މި ނާޒުކު ހާލަތުން އަރައިގަތުމަށްޓަކައި މުޖުތަމަޢުގެ ފުރިހަމަ އެހީތެރިކަމާއި، އޯގާތެރިކަމާއި ލޯބި އެކުދިންނަށް އިންތިހާއަށް ބޭނުންވެއެވެ.

  • ތެލެސީމިއާ ކުދިންގެ ޖިސްމާނީ ވޭނަށްވުރެ ނަފްސާނީ ބުރަ ބޮޑުކަން.
  • ބަލިމީހެއްގެ ގޮތުގައި އެކުދިން ލޭބަލްކުރުން ހުއްޓާލުމުގެ މުހިންމުކަން.
  • އާއިލާގެ ފަރާތުން ކުއްޖާއަށް އިތުބާރާއި ހިތްވަރު ދިނުމުގެ މުހިންމުކަން.
  • މުޖުތަމަޢުގެ ފަރުދުން ގަވާއިދުން ލޭ ހަދިޔާކުރުމުގެ އާދަ ހަރުދަނާކުރުން.
  • ކައުންސިލްތަކާއި މަދަނީ ޖަމިއްޔާތަކުން ޚާއްޞަ ޕްރޮގްރާމްތައް ހިންގުން.

ބައެއް ވޭންތަކަކީ އެ ވޭން އަޅާކަމުގެ އަލާމަތްތައް ފެނުނުކަމުގައިވިޔަސް، އޭގެ ފުންމިން އަޅުގަނޑުމެންގެ ހިތަށް ނަގައިނުގެނެވޭ ނުވަތަ އޭގެ ފުންމިން އިހުސާސް ނުކުރެވޭ ކަންކަމެވެ.

އަޅުގަނޑުމެންނަށް މީހަކު ހޮސްޕިޓަލަށް ޒިޔާރަތްކުރާ ތަން ފެނިދާނެއެވެ. ބޭސްފަރުވާގެ ކަންކަމާ އުޅޭ ވާހަކަ އަޑު އިވިދާނެއެވެ. އެހެން ނަމަވެސް، އެ ހަގީގަތުގެ ތެރޭގައި ކޮންމެ ދުވަހަކު ދިރިއުޅެމުންދާ މީހުންގެ އިހުސާސްތައް ދެނެގަތުމަށްޓަކައި އަޅުގަނޑުމެން ހިނދުކޮޅަކަށް ނަމަވެސް ވިސްނާލަންޖެހެއެވެ. އެކަމަށް ވަގުތުކޮޅެއް ހޯދައިގެންނެވެ.

"ތެލެސީމިއާ" މި ބަހަކީ އަޅުގަނޑުމެންނަށް އާ ބަހެއް ނޫނެވެ. ދިވެހިރާއްޖޭގައި ތެލެސީމިއާއަކީ މުޖުތަމަޢުގެ އެތައް ބަޔަކު އެހަގީގަތުގެ ތެރޭގައި ދުވަސްތައް ގުނަމުންދާ ކަމެކެވެ. އަޅުގަނޑުމެންގެ ރަށްރަށުގައެވެ. ސްކޫލް މަދަރުސާތަކުގައެވެ. ގޭބިސީތަކުގައެވެ.

އަޅުގަނޑުމެންނަށް އެ ފެންނަ ހިނިތުންވެފައިވާ ގިނަ މޫނުތަކުގެ ފަހަތުގައި އެ ތިބީ، އިންތިހާއީ ވަރުބަލިކަމާއި ފަރުވާގެ ދިގު ތާވަލުތަކާއި، ދެންވާނެގޮތެއް ނޭނގުމުގެ ބިރުވެރިކަމުގެ ނަފްސާނީ ބުރަ އުފުލަމުންދާ ކުދިންނާއި ޒުވާނުންނެވެ. އަދި އެ ކުދިންގެ އާއިލާތަކެވެ. މީގެތެރެއިން، ގިނަ ކުދިންނަކީ ނުހަނު ކެތްތެރިކަމާއެކު، ޙަޔާތުގެ ތަދާއި އުނދަގޫ އަދި އޭގެ ވޭން ތަހައްމަލު ކުރަމުންދާ ހިތްވަރުގަދަ ކުދިންނެވެ.

މި ބައްޔާއެކު ދިރިއުޅޭ ޒުވާނަކު ހިއްސާކުރި އަސަރުގަދަ ވާހަކައެއްގައި ބުނެފައިވެއެވެ: "މީހުންނަށް ފެންނަނީ އަޅުގަނޑުގެ ހަށިގަނޑަށް ކަށި ހަރާލާ މަންޒަރެވެ. ނަމަވެސް އެ މީހުންނަށް އަޅުގަނޑުގެ ހުވަފެންތަކެއް ނުފެނެއެވެ."

މި ވާހަކަކޮޅު އަޑުއަހާފައި އަޅުގަނޑަށް ވަރަށް އެހެންކަހަލަ އިހުސާސެއް ކުރެވުނެވެ. އަޅުގަނޑުމެންނަށް އަބަދުވެސް ސަމާލުކަން ދެވެނީ ބައްޔަށެވެ. އެއާ ގުޅިފައިވާ ކަންކަމަށެވެ. އަޅުގަނޑުމެންނަށް ފެންނަނީ ލޭއަޅަން އިންނަ ތަނެވެ. ލޭއަޅަން އިންމީހާގެ އުންމީދާއި ހުވަފެންތަކެއް ނުފެނެއެވެ. އެހެންކަމުން އަޅުގަނޑުމެންގެ ސިކުނޑީގައި އެނބުރެނީ އެ "ބަލިމީހާގެ" ބަލިކަށިކަމެވެ. ކެތްތެރިކަމާއި ހިތްވަރެއް ނުފެނެއެވެ.

އެކުދިންނާއި ޒުވާނުންނަކީ ވެސް، - އުނގެނެން ބޭނުންވާ، ރަހުމަތްތެރިންނާއެކު އުފާކުރަން ބޭނުންވާ، ކުޅިވަރު ކުޅެން ބޭނުންވާ، ވަޒީފާ އަދާކުރަން ބޭނުންވާ، އަދި އަޅުގަނޑުމެން އެހެން މީހެކޭ އެއްފަދައިން މުސްތަގުބަލާ މެދު ފޮނި ހުވަފެންތަކެއް ދެކޭ ކުދިންނެވެ. އެ ކުދިން އެދެނީ އެކުދިންގެ ވަށައިގެންވާ ދުނިޔެއަކީ ހަމައެކަނި "ބަލިމީހެއްގެ" ތަޞައްވުރުގައި އޮތް ދުނިޔެއަކަށް ވުމަކަށް ނޫނެވެ.

ނާޒުކު ޙާލަތުން އަރައިގަތުމަށް - އަޅާލާ އޯގާތެރި މުޖުތަމަޢެއް ބޭނުންވެއެވެ.

ތެލެސީމިޔާ ބަލީގައި ލޭއަޅަންޖެހޭ ކުއްޖަކު ކުއްޖަކު ބުންޏެވެ: "ބައެއް ފަހަރު އަހަރެން ވަރުބަލިވެއެވެ. ހަމައެކަނި ޖިސްމާނީ ގޮތަކުން ނޫނެވެ. ނަފްސާނީ ގޮތުންވެސްމެއެވެ. ސަބަބަކީ އަބަދު އަހަރެންނަކީ އެހެން މީހުންނާ ތަފާތު މީހެއް ކަމުގެ އިހުސާސް ކުރަން ޖެހޭތީއެވެ."

ހަމަހިމޭންކަމުގެ ތެރޭގައި، މި ބުރަ އިހުސާސް ތަހައްމަލު ކުރަމުންދާ ކިތައް ޒުވާނުން އަޅުގަނޑުމެންގެ ތެރޭގައި އުޅޭކަން އެނގިވަޑައިގަންނަވާ ހެއްޔެވެ؟ އަދި މީހަކަށް އަބަދު ތިމާއަކީ "އެހެން މީހުންނާ ތަފާތު - ބަލިމީހެއްގެ" ގޮތުގައި އިހުސާސް ކުރެވުމުން، އެމީހަކަށް ނަފުސާނީގޮތުން ކުރާނެ އަސަރު ހިތަށް ގެންނަވާށެވެ؟

https://sun.mv/221708

އާދެ! ތިޔަ ހިތަށްއަރާވަޑައިގަތީ މުޅީން ރަނގަޅަށެވެ. ތެލެސީމިއާ ކުދިންނަށް ބޭނުންވަނީ ހަމައެކަނި ބޭހާއި ލެޔެއް ނޫނެވެ. އެ ކުދިންނަށް ބޭނުންވަނީ އިޙްތިރާމާއި، ބަލައިގަތުމާއި، އަދި ހަމަހަމަ ފުރުސަތުތަކެކެވެ. މިގޮތުން، އަޅުގަނޑުމެން ކަށަވަރުކުރަންޖެހޭ މުހިންމު ކަންތައްތަކެއް އެބަހުއްޓެވެ. އޭގެތެރޭގައި ހިމެނޭ ބައެއް ކަންތައްތަކަކީ،

  1. ތަފާތުކުރުން ހުއްޓާލުން: މަދަރުސާތަކާއި ވަޒީފާގެ މާހައުލުގައި، ނުކުޅެދޭ ބައެއްގެ ގޮތުގައި ދުށުމުގެ ބަދަލުގައި، އެ ކުދިންގެ ކިބައިގައި ހުރި ހުނަރުތަކަށް ފުރުސަތު ދޭންޖެހެއެވެ. އަދި ބަލީގެ ސަބަބުން ހޮސްޕިޓަލަށް ދާންޖެހޭ ދުވަސްތަކަކީ އެކުދިންގެ ކުރިއެރުމަށް އޮތް ހުރަހަކަށް ވިޔަ ނުދިނުމަކީ މުހިންމުކަމެކެވެ.
  2. އާއިލާގެ ދައުރު: އާއިލާއަކީ އެ ކުދިންގެ އެންމެ ބޮޑު ހިޔާވައްސެވެ. ކުއްޖާ، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ވަރުގަދަކޮށްދިނުމަކީ ނަފްސާނީ ގޮތުން ކުއްޖާއަށް ދެވޭ ވަރަށްބޮޑު ހިތްވަރެކެވެ. "ބަލި ކުއްޖެއް"ގެ ބަދަލުގައި "ގޮންޖެހުމަކާވެސް ކުރިމަތިލެވޭނެ ހިތްވަރުގަދަ ކުއްޖެއް" ކަމުގެ އިހުސާސް ކޮށްދިނުމަކީ އާއިލާއަށް ފޯރުކޮށްދެވޭނެ އެންމެބޮޑު އެހީތެރިކަމެވެ.
  3. ލޭ ހަދިޔާކުރުމުގެ އާދަ: ތެލެސީމިއާ ބަލީގެ ކުދިންނަށް ލޭ ހޯދުމަކީ އާއިލާތަކުން އުފުލާ ނުހަނުބޮޑު ތަކުލީފެކެވެ. މުޖުތަމަޢުގެ ފަރުދުން، ގަވާއިދުން ލޭ ހަދިޔާކުރުމަކީ މި ކުދިންގެ ދިރިއުޅުމުގެ އުންމީދު އާކޮށްދޭނެ ކަމެކެވެ. އެއީ ހަމައެކަނި ލޭ ހަދިޔާކުރުމެއް ނޫނެވެ. އެއީ ފުރާނައެއް ސަލާމަތްކޮށްދިނުން ފަދަ ހަދިޔާއެކެވެ.

އަޅުގަނޑުމެންގެ މުޖުތަމަޢުގައި – ނާޒުކު ޙާލަތުގައި އުޅޭ މިފަދަ ފަރާތްތައް ހިމެނޭ ޢާއިލާތަކަށް، ކައުންސިލްތަކުން ހިންގާ އިޖުތިމާޢީ އެހީތެރިކަމާއި އަޅާލުމާއި ރައްކާތެރިކަމުގެ ޚާއްޞަޕްރޮގްރާމްތައް ފަރުމާކޮށްގެން ހިންގުމަކީ އެކަން ތަރުތީބުކުރެވޭނެ އެންމެ ރަނގަޅުގޮތްކަމުގައި އަޅުގަނޑަށް ފެނެއެވެ. ކައުންސިލްތަކާއި މަދަނީ މުޖުތަމައުގެ އެކިފަރާތްތަކާއި ގުޅިގެން – އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިސްނެގުމުގެ ތެރެއިން މިއީ ހަރުދަނާގޮތެއްގައި ކުރިއަށް ގެންދެވިދާނެ ކަމެކެވެ.

ތެލެސީމިއާ ކުދިންގެ ހިތުގައިވެސް އޮންނަނީ އަޅުގަނޑުމެންގެވެސް ހިތުގައިވެސް ވާފަދަ މަތިވެރި އުންމީދުތަކެވެ. އެކުދިންނަށް ބޭނުންވަނީ ހަމްދަރުދީއަށްވުރެ ބޮޑަށް އަޅާލުމެވެ. އެހީތެރިކަމަށްވުރެ ބޮޑަށް ލޯތްބެވެ.

https://sun.mv/221713

އަޅުގަނޑުމެން އެންމެން އަތާއި އަތް ގުޅާލައިގެން، މި ކުދިންގެ ހުވަފެންތަކުގައި ކުލަޖައްސައިދިނުމަށް މަސައްކަތް ކުރަމާ ހިނގާށެވެ. އެއީ އިންސާނިއްޔަތުކަމުގެ އެންމެ މަތިވެރި ސިފައެވެ. އެއީ ދިވެހިވަންތަ އަޚުވަންތަކަމުގެ އަސްލެވެ. އެކުދިންގެ ހިނިތުންވުމަކީ މުޅި މުޖުތަމަޢުގެ އުފާވެރިކަމެވެ.

comment ކޮމެންޓް