މި އަހަރުގެ މިހާތަނަށް ތެލަސީމިއާ ހުރި ހަތަރު ކުދިން ރާއްޖޭގައި އުފަންވެފައިވާ ކަމަށާއި، މިއީ މުޅި މުޖުތަމަޢު ފުންކޮށް ވިސްނަންޖެހޭ ކަމެއް ކަމަށް މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެއްޖެއެވެ.
ޙަލީމް މިހެން ވިދާޅުވީ ދުނިޔޭގެ ތެލަސީމިއާ ދުވަހުގެ މުނާސަބަތުގައި މީސް މީޑިއާގައި އާއްމު ކުރެއްވި ޕޯސްޓެއްގައެވެ.
ޙަލީމް ވިދާޅުވީ ރާއްޖޭގެ ތެލަސީމިއާ ފަރުވާގެ ނިޒާމާއި ލޭގެ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި މި ޚިދުމަތްތައް ކުރިއެރުވުމަށްޓަކައި ބޮޑެތި ކާމިޔާބީތަކެއް ހޯދުމުގެ ޢަޒުމް އާކުރަންޖެހޭ ކަމަށެވެ. އަދި މި ބަލިން މުސްތަޤުބަލުގެ ޖީލުތައް ސަލާމަތްކުރުމަށްޓަކައި، ކައިވެނީގެ ކުރިން ޓެސްޓުކުރުމާއި ސިއްޙީ އިރުޝާދުތަކަށް ބޯލެނބުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.
"ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށްވެސް ހަތަރު ތެލަސީމީއާ ކުދިން އުފަންވެފައިވާކަމީ އަޅުގަނޑުމެން އެންމެން ވެސް ވިސްނަންޖެހޭ ކަމެއް. މިކަމާ ގުޅިގެން ހޭލުންތެރިކަން އިތުރުކުރުމާއި، ދުރާލައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ބާރުއެޅުމުގެ ގޮތުން، ކައުންސެލިންގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަކީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ މައިގަނޑު އެއް ލަނޑުދަނޑި،" ޢަބްދުއްރައްޒާޤް ޙަލީމް ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
ތެލެސީމިއާއަށް ހޭލުންތެރިކަން އިތުރުކުރުމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން މުހިންމު ލަނޑުދަނޑިތަކެއް ކަނޑައަޅާފައިވާކަން ފާހަގަކުރައްވަމުން ޙަލީމް ވިދާޅުވީ، ކައިވެނީގެ ކުރިން ދެވޭ ކައުންސެލިން ހިމެނޭހެން ތެލަސީމިއާ ކޮންޓްރޯލް ކުރުމަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދޭނެ ޚާއްޞަ ނިޒާމެއް މިއަހަރު ތަޢާރަފުކުރާނެ ކަމަށެވެ.
ސަރުކާރުން ތެލަސީމިއާ ކުދިންނަށް ދޭ ޚިދުމަތްތައް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ޙަލީމް ވިދާޅުވީ، މޭ 25، 2025 ގައި "މޯލްޑިވިއަން ބްލަޑް ސާވިސް" އަދި "ތެލަސީމިއާ އެންޑް އަދާ ހީމޮގްލޮބިނޯޕަތީސް ސެންޓާ" އޮރެންޖް ހިޔާ އަށް ބަދަލުކުރުމަކީ ޚިދުމަތުގެ ފެންވަރު މަތިވެގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ސެޕްޓެމްބަރު 3، 2021 ގައި "ތެލެސީމިއާ ޕޭޝަންޓް ކެއަރ ސެންޓަރު" އިފްތިތާޙްކުރުމަކީ ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް އަމާޒުކޮށް ފަރުވާގެ ނިޒާމު ކަށަވަރުކުރުމަށް ހުޅުވުނު ދޮރެއްކަމަށްވެސް ވިދާޅުވިއެވެ.
"25 މޭ 2025 ގައި މޯލްޑިވިއަން ބްލަޑް ސަރވިސް އަދި ތެލަސީމިއާ އެންޑް އަދަރ ހީމޮގްލޮވިނޯޕަތީސްސެންޓަރ "އޮރެންޖް ހިޔާ" އަށް ބަދަލުކުރެވުމަކީ ޚިދުމަތުގެ ފެންވަރު މަތިވެ، ލިބޭ ފަސޭހަތައް އިތުރުވެގެންދިޔަ މުހިންމު ފިޔަވަޅެއް." ޢަބްދުއްރައްޒާޤް ޙަލީމް ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް 2026 ޖެނުއަރީން ފެށިގެން ތެލެސީމިއާ ކުދިންނަށް ޚާއްޞަ އެލަވަންސެއް ހަމަޖައްސަވައިދެއްވުމަކީ، އެ ކުދިންގެ އާއިލާތަކަށް މާލީ ގޮތުންނާއި ނަފްސާނީ ގޮތުން ލިބިގެންދާނެ ބޮޑު ތަސައްލީއެއްކަން ޙަލީމް ފާހަގަކުރެއްވިއެވެ.