ރައީސް ނަޝީދާއި ރައީސް ޞާލިޙް ވެސް އިންޑިއާގައި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައީސް މުޙައްމަދު ނަޝީދު: ރައީސް ނަޝީދާއި ރައީސް ޞާލިޙް ވެސް އިންޑިއާގައި -- ފޮޓޯ: އަދަދު

ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެންފިއެވެ. މި ދަތުރުފުޅުތަކުގެ ސަބަބު އަދި ހާމަކޮށްފައި ނުވާއިރު، މިކަން ހިނގާފައިމިވަނީ އެމްޑީޕީގެ އެތެރޭގައި ޗެއާޕާސަން އިންތިޚާބާ ގުޅިގެން ވާދަވެރިކަން އިންތިހާއަށް ބޮޑުވެފައިވާ ވަގުތެއްގައެވެ. ހަމައެހެންމެ، މި ދަތުރުފުޅުތައް ދިމާވެފައިވަނީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި މިހާރުގެ ސަރުކާރަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅަކާއެވެ.

  • ކުރީގެ ރައީސް ނަޝީދާއި ރައީސް ޞާލިޙް ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގަތުން.
  • ދަތުރުފުޅުގެ ބޭނުމާއި މަގުސަދު މީޑިއާއަށް ހާމަކޮށްފައި ނުވުން.
  • އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބާ ގުޅިގެން ޕާޓީގެ އެތެރޭގެ ކޯޅުން ބޮޑުވެފައިވުން.
  • ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއާ މި ދަތުރުފުޅުތައް ގުޅިފައިވުން.

ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެސް ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެންފިއެވެ.

ރައީސް ނަޝީދު ބުރާސްފަތި ދުވަހު އިންޑިއާއަށް ވަޑައިގެންފައިވާއިރު، ރައީސް ޞާލިޙު ވަނީ ހުކުރު ދުވަހުގެ ވަގުތެއްގައި އިންޑިއާއަށް ވަޑައިގެންފައެވެ.

ދެބޭފުޅުން އިންޑިއާއަށް ރަސްމީ ދަތުރުފުޅެއްފައި ވަޑައިގެންނެވިއިރު ނަޝީދު ވަޑައިގެންފައި ވަނީ ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ދިޔަ 'އިންޑިއަން އޯޝަން ރީޖަން އިން އަ ޓްރާންސްފޮމޭޓިން ވޯލްޑް' ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށެވެ. ނަމަވެސް ޞާލިޙު އެ ގައުމަށް ވަޑައިގަތް ސަބަބެއް އަދި މިހާތަނަށް ހާމަކުރައްވާފައެއް ނުވެއެވެ.

ނަޝީދާއި ޞާލިޙަކީ، ދެބޭފުޅުންގެ ވެރިކަމުގައި ވެސް އަވައްޓެރި އިންޑިއާއާ ގާތް ގުޅުމެއް ބާއްވާފައިވާ ދެބޭފުޅުންނެވެ.

އެ ދެބޭފުޅުން އިންޑިއާއަށް ވަޑައިގެންފައި މިވަނީ އެމްޑީޕީގެ އެތެރޭގައި ސިޔާސީ ވާދަވެރިކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ނަޝީދު ވާދަކުރައްވާއިރު، ޞާލިޙު ތާއީދުކުރައްވަނީ ނަޝީދާ އިދިކޮޅު ކެންޑިޑޭޓް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހުމަދު ނަސީމަށް ކަމަށް ވަނީ އަޑުތައް ފެތުރިފައެވެ.

މީގެ ކުރިން ވެސް އެމްޑީޕީގެ އެތެރޭގެ ކޯޅުން ބޮޑުވީ، ނަޝީދާއި ޞާލިޙަށް ތާއީދުކުރައްވާ ދެ ފެކްޝަނެއް އުފެދިގެންނެވެ. އެފަހަރު ވެސް އެމްޑީޕީން ވަނީ 2023ގެ ރިޔާސީ އިންތިޚާބުން ބަލިވެ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައެވެ.

މިފަހަރު ވެސް ޗެއާޕާސަންގެ އިންތިޚާބާ ދިމާކޮށް އެމްޑީޕީ އޮތީ ބޮޑު ޚިޔާލުތަފާތުވުން ތަކެއްގެ ތެރޭގައެވެ.

ކަން އެހެން އޮއްވައި ދެ ރައީސުން އިންޑިއާއަށް ވަޑައިގެންފައި މިވަނީ، ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ބޮޑު ނާކާމިޔާބީއެއް ލިބިވަޑައިގެންފައި ވަނިކޮށެވެ. އެ ދުވަހުގެ އިންތިޚާބުތަކުން ވެރިކަން ކުރާ ޕީއެންސީއަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާންޖެހިފައެވެ. އެގޮތުން، މި ސަރުކާރުން ވަކާލާތު ކުރި ގޮތާ ޚިލާފަށް، ފެންނަ ނުފެންނަ ވޯޓުގައި ގިނަ ރައްޔިތުން ވޯޓު ދީފައި ވަނީ، އެމްޑީޕީން އެންމެ ބޮޑަށް ވަކާލާތުކުރި ގޮތަށް މައި ދެ އިންތިޚާބު އެއްކޮށްނުލުމަށެވެ. ހަމައެއާއެކު، ކައުންސިލްތަކުން ވެސް ސަރުކާރަށް ވަނީ މުހިންމު ގޮނޑިތައް ގެއްލިފައެވެ. އަދި ކުރި ހޯދައިފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ.

https://sun.mv/220200

ފެންނަ ނުފެންނަ ވޯޓުގެ ރަސްމީ ނަތީޖާއިން ދައްކާގޮތުގައި، ވޯޓުލީ 221،111 މީހުންގެ ތެރެއިން 148،859 މީހުން ވޯޓުދިނީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ނުފެންނަ ކަމަށެވެ. އެއީ 68.7 އިންސައްތައެވެ. ފެންނަ ކަމަށް ވޯޓުދިނީ 67،680 މީހުންނެވެ.

މި ސަރުކާރު ވެރިކަމަށް އައީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަށް ގޮވާލައި 'އިންޑިއާ އައުޓް'ގެ ނަމުގައި ހިންގި ބޮޑު ހަރަކާތަކަށް ފަހުގައެވެ.

ފާހަގަކުރެވޭ ގޮތުގައި، އިންޑިއާ އައުޓްގެ ނަމުގައި ސިލްސިލާކޮށް ޕީޕީއެމް/ ޕީއެންސީން ހިންގި ހަރަކާތަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އިސްކޮށް ހުންނަވައި އޭރު ފެއްޓެވި ހަރަކާތެކެވެ. މި ސަރުކާރުގެ ބައެއް ވަޒީރުން އޭރު އިންޑިއާ އައުޓްގެ ނަމުގައި ހިންގި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފައިވެއެވެ. އޭގެ ތެރޭގައި ކުރީގެ ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫނާއި ކުރީގެ ފޮރިން މިނިސްޓަރު ޑރ. ޢަބްދުالله ޚަލީލާއި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުاللهގެ އިތުރުން، ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ހިމެނެއެވެ.

https://sun.mv/217170

އޭގެ ސަބަބުން، މި ސަރުކާރުގައި އިންޑިއާއާ ގުޅުން ގޯސްވެދާނެ ކަމަށް ބޭރުގެ މީޑިއާތަކުން ފުރަތަމަ ވެސް ލަފާކުރިއެވެ. އަދި، މި ސަރުކާރުގެ ކުރީކޮޅު ނައިބު ވަޒީރުންތަކެއް މޯދީއާއި އިންޑިއާގެ ރައްޔިތުންނަށް ކުޑައިމީސްކުރުމުން، ދެ ގައުމުގެ ގުޅުން ގޯސްވިއެވެ.

އޭގެ ފަހުން ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ އިންޑިއާއާ ގުޅުން ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން، ރައީސް އިންޑިއާއަށް ދެ ދަތުރުފުޅެއް ކުރައްވާފައިވާއިރު، މިދިޔަ އަހަރުގެ މިނިވަން ދުވަހާ ދިމާކޮށް މޯދީ ރާއްޖެ ވަޑައިގެންފައިވެއެވެ. އެ ދަތުރުފުޅުގައި 565 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ހިމެނޭހެން އިންޑިއާއާ އެކު މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކޮށްފައިވެއެވެ.

comment ކޮމެންޓް