ކުއްޖަކު ހޯދުމަށް 12 އަހަރު މަސައްކަތް ކުރި އިތިއޮޕިއާ މީހަކަށް އެއްމާބަނޑު ފަސް ކުދިން ލިބިއްޖެ

އިތިއޮޕިއާގެ އަންހެނަކަށް ލިބުނު އެއްމާބަނޑު ފަސް ކުދިން. ފޮޓޯ/ބީބީސީ

އިތިއޮޕިއާގެ ހަރާރީ ރީޖަނަލް ސްޓޭޓްގައި ދިރިއުޅޭ އުމުރުން 35 އަހަރުގެ ބަދްރިޔާ އާދަމް އަށް، ކުއްޖަކު ހޯދުމަށް 12 އަހަރު ވަންދެން ކުރި މަސައްކަތަށްފަހު އެއްމާބަނޑު ފަސް ކުދިން ލިބިއްޖެއެވެ. މި ކުދިންގެ ތެރޭގައި ހިމެނެނީ ހަތަރު ފިރިހެން ކުދިންނާއި އެއް އަންހެން ކުއްޖެކެވެ. މިއީ އައިވީއެފްގެ އެހީއަކާ ނުލައި ގުދުރަތީގޮތުން ލިބުނު ކުދިންތަކެކެވެ. މައިމީހާއާއި ކުދިންގެ ހާލު ރަނގަޅުކަމަށް ޑޮކްޓަރުން ބުނެފައިވާއިރު، ކުދިންގެ ބަރުދަނުގައި 1.3 އާއި 1.4 ކިލޯ ހުރިކަމަށް ހޮސްޕިޓަލުން މައުލޫމާތުދެއެވެ. ބަދްރިޔާ އަކީ ދަނޑުވެރިއަކަށް ވުމާއެކު، ފަސް ކުދިންނަށް ބޭނުންވާ ތަކެތި ހޯދުމުގައި ދަތިތަކަކާ ކުރިމަތިލާންޖެހިދާނެކަމުގެ ކަންބޮޑުވުން އޭނާ ވަނީ ފާޅުކޮށްފައެވެ.

  • ކުއްޖަކު ހޯދުމަށް 12 އަހަރު ކުރި މަސައްކަތުން ބަދްރިޔާ އަށް އެއްމާބަނޑު ފަސް ކުދިން ލިބުން.
  • މި ކުދިންނަކީ އައިވީއެފް އަކާ ނުލައި ގުދުރަތީ ގޮތުން ލިބުނު ކުދިންތަކެއް ކަން.
  • މައިމީހާ އާއި ފަސް ކުދިންގެ ސިއްހަތުވެސް ރަނގަޅު ކަން.
  • މާލީ ގޮތުން ދަތިތަކެއް ކުރިމަތިވެދާނެކަމުގެ ކަންބޮޑުވުން މައިމީހާ ފާޅުކުރުން.

އިތިއޮޕިއާގެ ހަރާރީ ރީޖަނަލް ސްޓޭޓްގައި 12 އަހަރު ވަންދެން ދަރިއަކު ހޯދުމަށް މަސައްކަތް ކުރި އަންހެނަކަށް އެއްމާބަނޑު ފަސް ކުދިން ލިބިއްޖެއެވެ.

އެއްފަހަރާ ފަސް ކުދިން ލިބުމުން އޭނާއާއި ފިރިމީހާ ތިބީ ވަރަށް އުފަލުން ކަމަށް ބަދްރިޔާ އާދަމް ކިޔާ އެ އަންހެމީހާ ބުންޏެވެ.

އުމުރުން 35 އަހަރުގެ ބަދްރިޔާ ވިހެއީ ހަތަރު ފިރިހެން ކުދިންނާއި އަންހެން ކުއްޖަކު ކަމަށާއި އެ ހުރިހާ ކުދިންގެ ފުރިހަމަ ސިއްހަތެއްގައި ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

"އަހަރެންގެ އުފާވެރިކަން ބަސްތަކުން ހާމަ ނުކުރެވޭނެ." ދުއާ އިޖާބަ ކުރެވެންދެން ޑިޕްރެޝަން އާއި ވޭނުގައި އުޅުނު ހަނދާން އާކުރަމުން ބަދްރިޔާ ބުންޏެވެ.

އެކުދިންގެ ނަންތަކަކީ ނާއިފް، އައްމާރު، މުންޒީރު، ނަޒީރާ، އަދި އަންސާރެވެ.

ހޮސްޕިޓަލުގެ މެޑިކަލް ޑިރެކްޓަރު ޑރ މުހައްމަދު ނޫރު އަބްދުﷲއާ ހަވާލާދީ ބީބީސީ ބުނީ މަންމަ އާއި ތުއްތު ކުދިން ތިބީ ހޮސްޕިޓަލުގައި މެޑިކަލް ކެއާގައި ކަމަށާއި އެ ކުދިންގެ ބަރުދަނުގައި 1.3 އާއި 1.4 ކިލޯ (3 ޕައުންޑް) އާއި ދެމެދުގެ އަދަދެއް ހުރި ކަމަށެވެ.

އެއްމާަބަނޑު ފަސް ކުދިން ލިބުނު ބަދްރިޔާ އާދަމް، އޭނާ އަށް ފަސް ކުދިން ލިބުނީ ކުއްޖަކު ހޯދަން މަސައްކަތްކުރާތާ 12 އަހަރު ފަހުން. ފޮޓޯ/ބީބީސީ

އަދި އަލަށް އުފަންވާ ކުދިންގެ ބަރުދަނުގައި ކިލޯއަކަށް ވުރެ ބަރު ކުދިން ދިރިހުރުމުގެ ފުރުސަތު ބޮޑު ކަމަށާއި ދުޅަހެޔޮ ސިއްހަތެއްގައި ބޮޑުވުމުގެ ފުރުސަތު ބޮޑު ކަމަށް އަބްދުﷲ ވިދާޅުވިއެވެ.

ޑޮކްޓަރު ބީބީސީއަށް ބުނީ ބަދްރިޔާ ބަލިވެ އިނީ ގުދުރަތީ ގޮތުން ކަމަށާއި، ވިޓްރޯ ފާޓިލައިޒޭޝަން (އައިވީއެފް) ގެ އެހީގައި ނޫން ކަމަށެވެ.

"މާބަނޑު ދުވަސްވަރު ގަވާއިދުން ސިއްހީ ފަރުވާ ލިބި، އެއް ކުއްޖަކަށް ވުރެ ގިނައިން ބަލިވެއިންކަން ބަދްރިޔާއަށް އެންގިން. ވިހެއުމާ ހަމައަށްވެސް ފުރިހަމަ އަދި އެކަށީގެންވާ ސިއްހީ އެހީތެރިކަމެއް ލިބިފައިވޭ." އަބްދުﷲ ވިދާޅުވިއެވެ.

ބަދްރިޔާ ބުނިގޮތުގައި އޭނާއަށް ހޮސްޕިޓަލުން ފުރަތަމަ އެންގީ ހަތަރު ކުދިންނަށް ބަލިވެއިން ކަމެވެ. ނަމަވެސް ވިހޭއިރު އިތުރު ކުއްޖަކުވެސް އޮތް ކަމަށެވެ.

"އަހަރެން ދުއާކުރީ އެންމެ ކުއްޖަކަށް. الله އަހަންނަށް ފަސް ދަރިން ދެއްވީ." ބަދްރިޔާ ބުންޏެވެ.

ނަމަވެސް އޭނާއަކީ ދިރިއުޅުމަށް ދަނޑުވެރިކަން ކުރާ މީހެއް ކަމަށާއި ކުދިންނަށް ބޭނުންވާނެ ކަންކަން ފޯރުކޮށްދޭނެ ގޮތެއް ޔަގީން ނުވާ ކަމަށް ބަދްރިޔާ ބުންޏެވެ.

comment ކޮމެންޓް