ޝަކީރާގެ ފޭނުންނަށް މިފަހަރު ވޯލްޑް ކަޕަށް ދިން ބޮޑު ސަޕްރައިޒް، އާ ލަވައިގެ ޓީޒާ ދައްކާލައިފި

ލަވަކިޔުންތެރިޔާ ޝަކީރާ، ޑައި، ޑައި ލަވަ ކިޔުމުގެ ތެރެއިން މަންޒަރެއް... އޭނާ ވަނީ މިފަހަރުގެ ވޯލްޑް ކަޕަށް ވެސް ތަފާތު ލަވައެއް ތައްޔާރުކޮށްފަ.. ފޮޓޯ/ ސްޕޯޓްސް ސްޓަރ

ކޮލޮމްބިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާ ވަނީ ކުރިއަށް އޮތް ވޯލްޑް ކަޕަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ އައު ލަވަ ކަމަށްވާ ދައި ދައި ގެ ޓީޒާ ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ. ނައިޖީރިއާގެ މަޝްހޫރު ފަންނާނު ބާނާ ބޯއީއާ ގުޅިގެން ހަދާފައިވާ މި ލަވަ ރަސްމީކޮށް ނެރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ. ބްރެޒިލްގެ މަޝްހޫރު މަރަކާނާ ސްޓޭޑިއަމްގައި ވީޑިއޯ ތައްޔާރުކޮށްފައިވާ މި ލަވަ ކިޔާފައިވަނީ އިނގިރޭސި ބަހާއި ސްޕެނިޝް ބަހުންނެވެ. ފީފާއިން ދާދި ފަހުން ނެރުނު ލަވަތަކަށް މާބޮޑު ތަރުހީބެއް ލިބިފައިނުވީ ނަމަވެސް، މީގެ ކުރިން ވޯލްޑް ކަޕަށް ނެރުނު ވައްކާ ވައްކާ އަދި ލާ ލާ ލާ ފަދަ ލަވަތަކެކޭ އެއްފަދައިން މި ލަވައަށްވެސް ބޮޑު މަގުބޫލުކަމެއް ލިބޭނެކަމަށް ބެލެވެއެވެ.

  • ކުރިއަށް އޮތް ވޯލްޑް ކަޕަށް ޝަކީރާ ތައްޔާރުކުރި ލަވަ ދައި ދައި ގެ ޓީޒާ އާންމުކޮށްފި
  • މި ލަވަ ތައްޔާރުކޮށްފައިވަނީ ނައިޖީރިއާގެ ލަވަކިޔުންތެރިޔާ ބާނާ ބޯއީއާ ގުޅިގެން
  • ލަވަ ރަސްމީކޮށް ރިލީޒްކުރާނީ މި މަހުގެ 14 ވަނަ ދުވަހު
  • މިއީ އިނގިރޭސި އަދި ސްޕެނިޝް ބަހުން ކިޔާފައިވާ ލަވައެއް

ކޮލޮމްބިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާ އިޒަބެލް މެބަރަކް ރިޕޯލް ކުރިއަށް އޮތް ވޯލްޑް ކަޕަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ އައު ލަވަ "ދައި، ދައި" ގެ ޓީޒާ ދައްކާލައި، އޭނާގެ ފޭނުންނަށް ބޮޑު ސަޕްރައިޒެއް ދީފައެވެ.

މިއުޒިކީ ދުނިޔޭގައި "ކުއީން އޮފް ލެޓިން މިއުޒިކް" ގެ ނަމުން މަޝްހޫރުވެފައިވާ ޝަކީރާގެ މި އައު ލަވައިގެ ޓީޒާ މިދިޔަ ބުރާސްފަތި ދުވަހު ސޯޝަލް މީޑިއާގައި ވަނީ އާންމުކޮށްފައެވެ.

މި ލަވައަކީ ނައިޖީރިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބާނާ ބޯއީއާ ގުޅިގެން ބްރެޒިލްގެ މަރަކާނާ ސްޓޭޑިއަމްގައި ތައްޔާރުކޮށްފައިވާ ލަވައެކެވެ. އިޓަލީ ބަހުން "އާދޭ، އާދޭ" ގެ މާނަދޭހަވާ މި ލަވަ ކިޔާފައިވަނީ އިނގިރޭސި ބަހާއި ސްޕެނިޝް ބަހުންނެވެ.

ޝަކީރާ ހާމަކޮށްފައިވާ ގޮތުގައި، މި ލަވަ ރަސްމީކޮށް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 14 ވަނަ ދުވަހެވެ.

ވޯލްޑް ކަޕަށް ޚާއްސަކޮށް ފީފާއިން ކުރިން ނެރުނު ލަވަތަކަށް ފޭނުންގެ މާބޮޑު ތަރުހީބެއް ލިބިފައިނުވާއިރު، ޝަކީރާގެ މި ޓީޒާއާއެކު ގިނަ ބަޔަކު އަންނަނީ އުފާ ފާޅުކުރަމުންނެވެ. ސޯޝަލް މީޑިއާގައި ފޭނުން ބުނަމުންދަނީ "ޝަކީރާ ނެތި ވޯލްޑް ކަޕެއް ފުރިހަމަ ނުވާނެ" ކަމަށެވެ. އަދި މިފަހަރުގެ ލަވައަކީ ވެސް މުބާރާތުގެ ފޯރި އިންތިހާއަށް ގަދަކޮށްދޭނެ ލަވައެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

މިހާރު އުމުރުން 49 އަހަރުގެ ޝަކީރާއަކީ ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ކާމިޔާބު ލަވަތައް ހުށަހަޅައިދީފައިވާ އެއް ފަންނާނެވެ.

އެގޮތުން 2010 ވަނަ އަހަރުގެ "ވައްކާ، ވައްކާ" އަދި 2014 ވަނަ އަހަރުގެ "ލާ ލާ ލާ" އަކީ މުޅި ދުނިޔޭގެ މަގުބޫލުކަން ހޯދި ލަވަތަކެކެވެ.

ހަތަރު ގްރެމީ އެވޯޑާއި 15 ލެޓިން ގްރެމީ އެވޯޑް ހާސިލްކޮށްފައިވާ ޝަކީރާގެ މި އައު ލަވައާއެކު، އަނެއްކާވެސް ވޯލްޑް ކަޕްގެ ފޯރި އައުވެގެންދާނެ ކަމަށް ބެލެވެއެވެ.

comment ކޮމެންޓް